ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވިފައިވާތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބު އިސްލާހު ކޮށްގެން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ. ކޮވިޑް-19 ގެ ސަބަބުން އެ ތާރީހަށް ވެސް ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ.
ނަމަވެސް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅެވެ. އެހެންކަމުން ވަގުތީ ނުވަތަ ސަންސެޓް ގާނޫނަކުން ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ހަދަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލީހަށް ބިލެއް ހުށަހެޅުއްވި އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބިލު ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް ރިފްއަތު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވަނީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާ ތާރީހަށް އާ ކައުންސިލަރުން އިންތިހާބު ނުކުރެވިއްޖެނަމަ އަމަލު ކުރެވޭނެ ހަމައެކަނި އުސޫލަކީ ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށެވެ. މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެ ކަން ނުކުރެވޭނެ ކަމަށް ރިފްއަތުގެ ސިޓީގައިވެ އެވެ.
"ކައުންސިލް އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލާ އެކުގައި ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެންނަ ބިލު ސަރުކާރުން ހުށަހެޅީ ވެސް ގާނޫނު އަސާސީއާއި ގާނޫނީ ތަރަހައިގެ ތެރެއިން އެ ކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ވުމުންނެވެ." ރިފްއަތު ފޮނުވި ސިޓީގައިވެ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން އެންމެ ފުރަތަމަ ވެސް ދެކޮޅު ހައްދަވަން ފެށްޓެވުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ނިއުޝާ ވެސް ވަނީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ލަފާ ދެއްވައިފަ އެވެ.
ނަމަވެސް އޭގެ ފަހުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި އެހެން ހައްލުތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ހަސަން ލަތީފުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އެ މަޝްވަރާތަކާއި ބަހުސްތަކަށް ފަހުގަ އެވެ.
ލާމަރުކަޒީ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ހުށަހަޅުއްވާފައި ވަނީ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ނިއުޝާގެ ގާނޫނީ ލަފައެއް ހޯދުމަށެވެ. ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ބިލާ ގުޅޭ ގޮތުން ކައުންސިލަ ޖެނެރަލްގެ ލަފައަށް ކޮމިޓީން އެދޭނެ ކަމަށެވެ.