ކޮވިޑް-19 އާ ގުޅިގެން ދަށް ވެފައިވާ، ގައުމުތަކުގެ އިގްތިސޯދު އަލުން ނަގައި ކޮޅަށް ޖެހުމަށްޓަކައި ވެދޭ އެހީތެރި ކަމެއްގެ ގޮތުން، ފުޓްބޯޅަ ލީގްތައް އަލުން ފަށަން ޖެހޭ ކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ސްޕެއިންގައި ވެސް ފުޓްބޯޅަ ލީގް ހުއްޓާލާފައިވާތާ މިހާރު ދެ މަސް ވީއެވެ. ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ރާމޯސް ބުނީ ފުޓްބޯޅައަކީ އިގްތިސޯދީ ގޮތުން ވެސް ކުރިއަށް ދިއުމަށް ދެވޭ ސަޕޯޓެއް ކަމަށެވެ. އަދި އާންމުންގެ ހިތްތަކަށް އަލުން އުފާވެރިކަން ގެންނަން ވެސް ފުޓްބޯޅައިން ދައުރެއް އަދާ ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
"އާންމު ހާލަތަކަށް އެޅެން ވަގުތު ބޭނުންވާނެ، ގައުމުގެ އިގްތިސޯދު އަލުން ނަގައި ކޮޅަށް ނެގުމަށް ވެދެވޭ ސަޕޯޓެއްގެ ގޮތުން ފުޓްބޯޅަ އެބަޖެހޭ ފަށަން އަދި އާންމުންނަށް ހިތްހަމަ ޖެހުން ގެނެސް ދިނުމަށްޓަކައި ވެސް،" ރާމޯސް ބުންޏެވެ. "ލަލީގާގައި އަލުން ކުޅެން އަހަރެން މިހުރީ ކެތް މަދުވެފައި. އަހަރެމެން ޑިސްޕްލިން ވެއްޖެނަމަ މި ވައިރަސް ނައްތާލުމުގައި އަހަރެމެންނަށް ކާމިޔާބު ހޯދޭނެ."
ރާމޯސް ބުނީ، ޖަރުމަނުން ލީގް ފަށަން އިއުލާން ކޮށް ދެއްކީ ނަމޫނާ އެއް ކަމަށާއި، ލަލީގާއިން ވެސް ވަކި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ލީގް މެދު ކަނޑަލިއިރު، ރެއާލް އޮތީ ވާދަވެރި ބާސެލޯނާއަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ލީގް މެދުކަނޑާލުމުން ރެއާލްއިން ވަނީ އެ ޓީމުގެ ހޯމް ސްޓޭޑިއަމް ސެންޓިއާގޯ ބާނެބެއު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެ ޓީމުގެ އާ ސްޓޭޑިއަމް ބިނާ ކުރުމުގެ މަސައްކަތުގެ ދަށުން ބާނެބެއު ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފަ އެވެ. އެހެންވެ އަލުން ލީގް ފަށާއިރު ރެއާލްގެ ހޯމް މެޗުތައް ކުޅޭނީ އެ ކުލަބުގެ ބީ ޓީމުގެ ދަނޑު އަލް ފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގަ އެވެ.
ސްޕެއިން ވެސް ދަނީ އަންނަ މަހުގެ މެދުތެރޭގައި ލަލީގާ ފެށުމަށް މަސައްކަތް ކުރަމުންނެވެ.