ކުޅިވަރު

ނާޗޯ، ރެއާލް ދޫކޮށް ސައުދީ ޕްރޯ ލީގަށް

ސްޕެއިން އަދި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑިފެންޑަރު އަދި އެ ޓީމުގެ ކުރީގެ ކެޕްޓަން ނާޗޯ ފެނާންޑޭޒް، ރެއާލް މެޑްރިޑް ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ނާޗޯ ރެއާލް މެޑްރިޑަށް އަލްވަދާއު ކިޔަން ނިންމާފައިވާތީ އެ ކުލަބުން ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ.

މިރަސްމިއްޔާތުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ރެއާލްގެ ކުރީގެ ތަރިންނާއި މިހާރުގެ ތަރިންވެސް ބައިވެރިވި އެވެ.

ނާޗޯ، 23 އަހަރަށް ފަހު ރެއާލް ދޫކޮށްލާފައިވާއިރު ސައުދީގެ ފުރަތަމަ ޑިވިޒަންގެ 2023-2024ގެ ޗެމްޕިއަން -- އަލް ގަދްސިއާއާ ގުޅުމަށެވެ.

ނާޗޯ، ރެއާލް އާ ގުޅުނީ 2001 ވަނަ އަހަރު ވަރަށް ޒުވާން ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އެއަށްފަހު ސީނިއާ ޓީމަށް ނާޗޯ ކުޅެން ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.

ސްޕެއިން އަށް އުފަން ނާޗޯ ރެއާލްއާ އެކު ހަ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ. އަދި ހަތަރު ފަހަރު މަތިން ލަލީގާވެސް ހޯދާފައިވެ އެވެ. މީގެ އިތުރުން ދެ ފަހަރެއްގެ މަތިން ކޮޕަ ޑެލްރޭވެސް ނާޗޯ ވަނީ ރެއާލް މެޑްރިޑްއާ އެކު ހޯދާފަ އެވެ.

ނާޗޯ ސައުދީގެ ލީގަށް ބަދަލުވާން ނިންމާފައިވާއިރު 2022 ވަނަ އަހަރު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވި ފަހުން ގިނަ އަދަދެއްގެ ވަރުގަދަ ކުޅުންތެރިން ދަނީ ސައުދީ ލީގާ ގުޅެމުންނެވެ. މިދިޔަ ސީޒަންގައި ހަތަރުވަނަ އަށް ޓްރާންސްފާއަށް އެންމެ ބޮޑު ހަރަދެއް ކުރި ލީގަކީ ވެސް ސައުދީ ޕްރޯ ލީގެވެ.

ރޮނާލްޑޯއާ އެކު ކަރިމް ބެންޒިމާ އާއި ސާޑިއޯ މާނޭގެ އިތުރުން ބްރެޒިލްގެ ތަރި ނޭމާވެސް ކުޅެމުން އަންނަނީ ސައުދީ ލީގު ގައެވެ. ސައުދީގެ ފުޓްބޯޅަ ކުރިއެރުވުމަށް އެ ގައުމުގެ އެންމެ ބޮޑު ލީގު، ސައުދީ ޕްރޯ ލީގުގެ ޓީމު ތަކަށް މަޝްހޫރު ގިނަ ކުޅުންތެރިން ހޯދުމަށް އަންނަނީ ބޮޑެތި ހޭދަތައް ކުރަމުންނެވެ.