ރެއާލް މެޑްރިޑް

ކަރީމް ބެންޒެމާ ސައުދީގެ އަލް އިއްތިހާދަށް ސޮއިކޮށްފި

ފްރާންސްގެ އަދި ރެއާލް މެޑްރިޑްގެ މަޝްހޫރު ފޯވަޑް ކަރީމް ބެންޒީމާ ސައުދީގެ އަލް އިއްތިހާދަށް މިއަދު ސޮއިކޮށްފި އެވެ.

ބެންޒީމާ ސޮއި ކުރިކަން ސައުދީ ކްލަބް އަލް އިއްތިހާދުން ވަނީ މިއަދު އިއުލާންކޮށްފަ އެވެ. ބެންޒީމާގެ ސޮއިކުރުމާއެކު އޭނާ ވެފައިވަނީ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހުން ސައުދީ ޕްރޯ ލީގަށް ބަދަލުވި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ތަރި އަށެވެ.

ބެންޒެމާ، 35 ރެއާލް މި ދޫކޮށްލީ އޭނާ 2022 އަދި 2023 އަށް ކޮށްފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވަނިކޮށެވެ. ބެންޒެމާ ބޭނުންނަމަ މެޑްރިޑްގައި އިތުރު އެއް އަހަރަށް ކުރިއަށް އޮތް ސީޒަނަށްވެސް އެއްބަސްވުމުގެ ފުރުސަތު ކްލަބުން ދިނެވެ. ނަމަވެސް އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމެއް ކަމުގައިވާ ބެންޒެމާ ނިންމީ ކެރިއަރުގެ ފަހުކޮޅު ނިންމާލަން ސައުދީ ޕްރޯ ލީގަށް ބަދަލުވުމަށެވެ.

ރެއާލް މެޑްރިޑްގެ ބާނެބާއު ސްޓޭޑިއަމްގައި މިދިއަ އާދީއްތަ ދުވަހު އެތްލެޓިކް ކްލާބާ ދެކޮޅަށް މެޑްރިޑް އެއްވަރުވި މެޗްގައި ބެންޒެމާ ޖަހައިދިން ގޯލް ވެގެން ދިއައީ އޭނާ މެޑްރިޑަށް އަލްވަދާއުކީ ގޯލަށެވެ.

ހަބަރު ލިބޭ ގޮތުގައި ސައުދީގެ ޗެމްޕިއަނުން ބެންޒެމާ އަށް ކުރިއަށް އޮތް ދެ އަހަރު އެކްލަބަށް ކުޅެދިނުމަށް އެދި ހުށަހެޅި އަގަކީ 400 މިލިއަން ޔޫރޯ އެވެ.

"އަހަރެން މިވަގުތު އުފާވޭ އައު ކްލަބެއްގައި އައު ގައުމެއްގައި ކުޅުން ތަޖުރިބާ ކޮށްލަން. ސްޕޭނާއި ޔޫރަޕްގައި އެންމެހާ ކާމިޔާބީއެއް ކެރިއަރުގައި ހާސިލް ކުރެވިއްޖެ. މިހާރު އިހުސާސްވަނީ މިވަގުތަކީ އައު ބަދަލެއް ގެނައުމުގެ ވަގުތު ކަމަށް. ސައުދީ އަށް އަންނަ ކޮންމެ ފަހަރަކު ސައުދީ ސަޕޯޓަރުންނާއި މީހުންގެ ފަރާތުން އަހަންނަށް ލޯތްބާއި އިހްތިރާމް ލިބިގެންދޭ. އަހަރެން އިންތިޒާރުކުރަނީ އައު ޓީމްގެ ކުޅުންތެރިންނާ ގުޅި އެމީހުންނާއެކު މި ބޮޑު ކްލަބް ސައުދީ ފުޓްބޯޅައިގައި އައު ހަރުފަތަކަށް ގެންގޮސްދިނުން،" ބެންޒެމާ ރޭގައި ބުނެފައިވެ އެވެ.

ބެންޒެމާ އަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކަމަށް ފީފާ އިން ކަނޑައަޅާ އެންމެ ފަހުގެ 2022ގެ ބެލޮންޑޯ ހޯދާފައިވާ ކުޅުންތެރިޔާ އެވެ.

ބެންޒެމާ ވަނީ ޔޫރަޕްގައި ރެއާލް މެޑްރިޑަށް 14 އަހަރުގެ ތެރޭގައި 648 މެޗް ކުޅެދީ 354 ގޯލް ޖަހައި 25 ޓްރޮފީ ހޯދާފަ އެވެ. މީގެތެރޭގައި ލަލީގާ 4 ފަހަރު، 5 ފަހަރަށް ޔޫރަޕިއަން ޗެމްޕިއަންސްލީގް، 3 ފަހަރަށް ކޮޕާ ޑެލް ރޭ، 4 ފަހަރަށް ސްޕެނިޝް ސުޕަރކަޕް، 4 ޔޫއެފާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް 5 ފަހަރަށް ހޯދާފައިވެ އެވެ.

ނިމިދިޔަ ވޯލްޑް ކަޕްގައި ފްރާންސް ޓީމުން ބެންޒެމާ އަނިޔާގެ ސަބަބުން ފެނިފައި ނުވެ އެވެ. ނަމަވެސް އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 43 މެޗް ކުޅެ 31 ގޯލް ޖަހައިދީ އަދި މިދިޔަ ސީޒަންގައި 6 އެސިސްޓް ކޮށްދީފަ އެވެ.

ބެންޒެމާ 2021 އަދި 2022 ގެ ސީޒަންގައި ލަލީގާ ގައި 27 ގޯލްޖަހައި ޗެމްޕިއަންސް ލީގްގައި 15 ގޯލް ޖެހުން ވެގެންގޮސްފައިވަނީ މެޑްރިޑުން އެ ސީޒަންގައި މި ދެތަށި ހޯދުމުގައި އެންމެ މުހިންމު ރޯލަށް ވެގެންގޮސްފަ އެވެ.

ބެންޒެމާ އަކީ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެގުމަށްފަހު ލަލީގާގައި މެޑްރިޑަށް ދެވަނަ އަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އެވެ. މިދިޔަ އަންގާރަ ދުވަހު މެޑްރިޑުންވަނީ ފްރާންސްގެ މި ކުޅުންތެރިޔާ އަށް އަލްވަދާއު ކިއުމަށް ރަސްމިއްޔާތު ބާއްވާފަ އެވެ.