ކުޅިވަރު

ޕްރިމިއާ ލީގް ކުލަބުތައް ހިޔާލު ތަފާތު ވެއްޖެ

އިނިގިރޭސި ޕްރިމިއާ ލީގް އަންނަ މަހު ފަށަން، ސަރުކާރުގެ ފެހި ސިގުނަލް ލިބުނު ނަމަވެސް ލީގް ކުރިއަށް ގެންދާނެ ގޮތަކާ މެދު ކުލަބުތަކުގެ މެދުގައި ހިޔާލު ތަފާތު ވުން އުފެދިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން އުވާލަން ކުރާ މަސައްކަތުގެ ދަށުން އަމަލު ކުރާނެ މަގުޗާޓެއް، އިނގިރޭސި ގާނޫނު ހަދާ މަޖުލީހަށް އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު ހުށަހައްޅުވާނެ އެވެ. އެ މަގުޗާޓް ގައި ކުޅިވަރު މުބާރާތްތައް އަލުން ފެށުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން ވެސް ވަނީ އުސޫލުތައް އެކުލަވާލަފަ އެވެ. އެކަން މަޖުލީހުގައި މަޝްވަރާ ކުރުމަށް ފަހު މާދަމާ އާންމު ކުރާނެ އެވެ.

އެއާއެކު، ޕްރިމިއާ ލީގްވެސް އަންނަ މަހުގެ މެދުތެރޭގައި ފެށުމުގެ ހުއްދަ ލިބޭނެ އެވެ. ލީގް ފެށުމާމެދު ސަރުކާރުން ފެހި ސިގުނަލް ލިބުނު ނަމަވެސް ކުލަބުތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ހިޔާލު ތަފާތު ވުމަކީ ނިއުޓްރަލް ވެނޫގައި މެޗުތައް ކުޅެން ޖެހުމެވެ.

ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕްރިމިއާ ލީގުން ވިސްނާފައި ވަނީ ހަމައެކަނި އަށެއް ނުވަތަ 10 ސްޓޭޑިއަމްގައި މެޗުތައް ކުޅޭށެވެ. އޭގެ ތެރޭގައި ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް ވެސް ހިމެނެ އެވެ. އޭގެ ސަބަބުން ކުލަބުތަކުގެ ހޯމް މެޗުތައް ވެސް އަމިއްލަ ދަނޑުގައި ކުޅެން ފުރުސަތު ނުލިބޭނެތީ ބައެއް ކުލަބުތަކުން ވަނީ އެ ހިޔާލާ ދެކޮޅުކަން އިއުލާން ކޮށްފަ އެވެ.

އެސްޓޮން ވިލާ އާއި ބްރައިޓޮން ހޯވް އެލްބިއޯން، ނޯވިޗް ސިޓީ އަދި ވަޓްފޯޑުން ވަނީ އެކަމާ ދެކޮޅު ކަމަށް ބުނެފަ އެވެ. ލީގް އަލުން ފެށިއަސް މެޗުތައް ކުޅެން ޖެހޭނީ، ސަޕޯޓަރުން ނުވައްދަ އެވެ.

"އަހަރެމެންނަށްވެސް އެނގޭ ސަޕޯޓަރުން ނެތިކަން ކުޅެން ޖެހޭނީ އެހެން ނަމަވެސް ބާކީ ހުރި މެޗުތައް އަހަރެމެންގެ ހޯމް ސްޓޭޑިއަމްގައި ނުކުޅެވުމުގެ މާނައަކީ، އަހަރެމެންގެ ދަނޑަށް އަހަރެމެން ފަރިތަ ވުމުގެ އެޑްވާންޓޭޖު ނިގުޅައިގަތީ އޭ،" ވަޓްފޯޑްގެ ޗީފް އެގްޒެކެޓިވް ސްކޮޓް ޑަގްސްބަރީ ދަ ޓައިމްސް ނޫހުގައި ލިޔެފައި ވެއެވެ. "މިއީ ކޮރޯނާ ވައިރަސް އާ ގުޅިގެން ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވާ މީހުންގެ ކަންކަން ތަޖުރިބާ ކުރި ކުޅުންތެރިނާ ދެކޮޅަށް ކުރެވޭ ކަމެއް."

ބްރައިޓޮން ހޯވްގެ ތިން ވަނަ ކުޅުންތެރިޔަކަށް ވައިރަސް ޖެހުމުން، ލީގް ފެށުމާ މެދު އިތުރު ކަންބޮޑުވުމެއް ވެސް ވަނީ އުފެދިފަ އެވެ. ކުރިން އެ ޓީމުގައި ވައިރަސް ޖެހުނު ދެ ކުޅުންތެރިން ވަނީ މިހާރު ރަނގަޅު ވެފަ އެވެ.