ބަރުދަން ޗެކް ކުރުމަކީ ބައެއް މީހުން ވަރަށް ފަރުވާތެރިކަމާއެކު ކުރާ ކަމެކެވެ. އެފަދަ މީހުން ބޭނުން ވަނީ ރަނގަޅަށް ކައިގެން ކަސްރަތު ކޮށްގެން ބަރުދަން އެއްވަރެއްގައި ހިފަހައްޓާށެވެ. ނަމަވެސް ހުރިހާ ގައުމުތައް ލޮކްޑައުން ކޮށްފައިވާތީ ކަސްރަތުކުރަން ޕާކުތަކަށް ގޮސް ހިނގާ، ދުވެ ހަދާ މީހުންނަށް އެމީހުންގެ ކަސްރަތު ޕްރޮގްރާމްތައް ކުރިޔަށް ގެންދަން ވަނީ ދަތިވެފަ އެވެ. އެއްވެސް ކަމެއް ކުރަން ގެއިން ބޭރަށް ނުކުތުމަކީ މިހާރު އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ނަމަވެސް ގޭގައި ހުރިހާ ވަގުތެއް ހޭދަކުރަން ޖެހުމުގެ މާނައަކީ އެމީހާ ފިޓްކޮށް ނުހުރެވޭނެއެކޭ ނޫނެވެ.
ކޮންމެ ދުވަހަކުވެސް އާދަކޮށް ވަރަށް އާދައިގެ ކަންކަން ކޮށްލައިގެން ވެސް ފިޓްކޮށް ހުރުމަށް އެހީތެރިކަން ހޯދިދާނެ އެވެ. މީގެ ތެރެއިން އެންމެ ފަސޭހައިން ކޮށްލެވޭނެ އެއް ކަމަކީ ކޮންމެ ކެއުމަކަށް ފަހު ތަނެއްގައި އިށީނދެގެން ނީދެ އިރުކޮޅެއް ވަންދެން ހިނގާލުމެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކައިގެން ޓްރެޑްމިލްގައި 15 ވަރަކަށް މިނިޓް އާދައިގެ ވަރަކަށް ހިނގާލުމުން ކެއުމާ ގުޅިގެން ކުއްލިއަކަށް ލޭގައި ކޮލެސްޓްރޯލް އިތުރު ވެގެން ނުގޮސް ފަރުޖެއްސޭނެ އެވެ. ޚާއްސަކޮށް ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނަށް މިއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ކެއުމާއެކު ލޭގައި ހަކުރުހުންނަ މިންވަރު ކުއްލިއަކަށް މަތިވެގެން ދިއުމަކީ މީހުންގެ ބަރުދަން އިތުރުވާން ދިމާވާ އެއް ކަމެވެ. ޚާއްސަކޮށް ލޭގައި ހަކުރު ހުންނަ މިންވަރު އެއްބައިފަހަރަށް މާ ދަށްވެފައި އަނެއް ބައި ފަހަރު މާ މަތިވުމަކީ އެއްވެސް ހަށިގަނޑަކަށް ރަނގަޅު ކަމަކަށް ނުވާނެ އެވެ.
ކައި ނިމިގެން ތެދުވެ ކުޑަ އިރުކޮޅަކަށް ނަމަވެސް ހިނގާލުމުން ހަޖަމު ކުރުމުގެ ނިޒާމުން ކާއެއްޗެތި އޮމާން ކަމާއެކު ދަތުރު ކުރަން މަގުފަހިވާނެ އެވެ. އަދި މީގެ ސަބަބުން ހަޖަމުގެ މައްސަލަތައް ނުވަތަ ބަނޑުގެ މައްސަލަތަކަށް ވެސް ލުއި ލިބޭނެ އެވެ.
އެންމެ ރަނގަޅު ގޮތަކީ ކެއުމަށްފަހު 10 އާއި 15 ވަރަކަށް މިނިޓް ވަންދެން ހިނގާލުމެވެ. އަދި ވަގުތު އޮތްނަމަ މިއަށް ވުރެ ތަންކޮޅެއް ގިނައިރު ވެސް ހިނގާލެވި ދާނެ އެވެ. ހަނދާން ކުރަން ޖެހޭނެ ކަމަކީ ކެއުމަށްފަހު އެއް ގަޑިއިރު ނުވަނީސް ހިނގާލުމެވެ. މިކަން ކުރަން ކޮންމެހެން ޓްރެޑްމިލް އަކަށް ނޭރިޔަސް މައްސަލައެއް ނެތެވެ. ގޭތެރޭގައި އޮންނަ ހުސް ތަންކޮޅުގައި ވެސް ދެކޮޅަށް ދެކޮޅަށް ހިނގާލެވިދާނެ އެވެ. ގޭގެ ބެލްކަނީގައި ތަންކޮޅެއް އޮތްނަމަ އެފަދަ ތަނެއްގައި ވެސް ހިނގާލެވިދާނެ އެވެ. ބޭނުން ވަނީ އެއްތަނެއްގައި މަޑުން ނީނދެ ކޮޅަށް ހެލިފެލިވެ އުޅެލުމެވެ. އަދި ހަރުފަތްތައް ހުރިނަމަ އަދި ހަރުފަތްތަކުން އެރޭ ވަރުގެ ކުޅަދާނަކަން ހުރި ނަމަ މަޑުމަޑުން ހަރުފަތްތަކުން ވެސް އަރާ ފޭބިދާނެ އެވެ.
މިގޮތަށް ހިނގާއިރު މާ ބާރަށް ނުހިނގާ މަޑުމަޑުން ހިނގުން ވެސް މުހިއްމެވެ. ސަބަބަކީ މާބާރަށް ހިނގާނަމަ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތަށް ބުރޫއަރާނެތީ އެވެ. އެއްގޮތަކަށް ވެސް ދުވެ، ޖޮގްކޮށް އަދި އެނޫންވެސް ހަށީގަނޑަށް މާ ބާރު ބޮޑުވާ ކަހަލަ ކަންކަން ކެއުމަށްފަހު ކުރާކަށް ނުވާނެ އެވެ.
ބަރުދަން ލުއިކުރުމުގެ ޝައުގުވެރިކަން ހަގީގަތުގައި ވެސް ހުރިނަމަ ކެއުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި އިރުކޮޅަކު ހިނގާލުމުގެ އިތުރުން ހަފުތާއަކު މަދުވެގެން ފަސް ފަހަރު ކެއުމަށްފަހު 30 ވަރަކަށް މިނިޓް ހިނގާލުން ވެސް ވަރަށް ރަނގަޅެވެ.