އަލީ އަޝްފާގު (ދަގަނޑޭ)

އުދުހޭ މުފީދުގެ ވާހަކަ: އޭނާ ސަޕޯޓްކުރަނީ ދަގަނޑޭ އާއި ބަކާ އަށް

Sep 19, 2015

އޭނާ ދަނޑަށް ވަދެގެން އައިއިރު އެއީ ކާކުކަން މިހާރުގެ ކުޅުންތެރިންނަކަށް ވެސް ނޭނގުނެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާ އާއި އީގަލްސް އިއްޔެ ކުޅުނު މެޗުގެ ޝަރަފުވެރި މެހުމާނަކީ އައްޑޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބުދުﷲ މުފީދު ނުވަތަ ދަނޑުމަތީގެ ނަމުންނަމަ އުދުހޭ މުފީދުކަމަށް ދަނޑުގައި އިއުލާނު ކުރުމާއެކު މެޗު ކުޅުނު ދެ ޓީމާއި ކުޅިބަލަންތިބި މާޒިޔާ އާއި ދަނޑުގައި ތިބި ގިނަ ބަޔަކު އަތްޖަހަން ފެށި އެވެ.

އައްޑޫގައި މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތަކަށް ކުރީގެ ކުޅުންތެރިންނަށް ދައުވަތުދެމުންދާއިރު އެއިން ކުޅުންތެރިއަކު ދަނޑަށް ގޮސްގެން "ކުޅިވަރު" ދައްކާލި މިއީ ފުރަތަމަ ފަހަރެވެ. އައްޑު އަތޮޅަކީ ފުޓްބޯޅައިގެ އަތޮޅެކެވެ. މުފީދަށްވުރެ ހުނަރުގެ ގޮތުން މާމޮޅު އެތަކެއް މޮޅު ކުޅުންތެރިންނެއް ނިސްބަތްވާ އަތޮޅެކެވެ.

އެކަމަކު 1970 ގެ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަންކުރި އައްޑޫގެ ޑީއެންސީގެ އެންމެ މޮޅު ކުޅުންތެރިޔާ މުފީދު އެންމެނަށް އެހާ ހާއްސަވަނީ ކީއްވެ ހެއްޔެވެ؟ އަދިވެސް އެންމެ ބޮޑު އިހުތިރާމެއް އޭނާ ލިބެނީ ކީއްވެހެއްޔެވެ؟

ފުރަތަމަ އޭނާގެ ނަމުން ފަށަމާ ހިނގާށެވެ. "އުދުހޭ" މުފީދު މިނަން އޭނާ އަށް ކިޔަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ދުވެލި އެހެން ކުޅުންތެރިންނާ ނުބައްދަލީ ހެއްޔެވެ؟ ނުވަތަ އެހެން ކުޅުންތެރިންނަށް ވުރެ އޭނާގެ ވަކި މޮޅު ހުނަރެއްހުރީ ހެއްޔެވެ؟

"އަޅުގަނޑު ދުވާލެއް ތަންކޮޅެއް ބާރު. [އެކަމަކު] އަސްލު ބޮޑަށް ވީގޮތަކީ އިނގިރޭސިން ދުވަސްވަރު ކުޅެންވެގެން މާލެ ދިޔައީ ޗުއްޓީއެއްގައި. ދިޔައީ އިނގިރޭސިންގެ ފްލައިންފިޝް ކިޔާ ބޯޓެއްގައި. އެއިރު ސައިކުރާ [އިބްރާހީމް] ނައީމް ލިޔުއްވާނެ މޫން ލައިޓްކިޔާ ނޫހެއްގައި. އޭނާ ވަރަށް ސަޕޯޓްކުރާނެ ރާއްޖެތެރެއިން އަންނަ ޓީމުތަކަށް. އޭނާ ސުރުހީގައި ޖެހީ އުދުހޭ މުފީދު މާލޭގައޭ. އެއީވީގޮތަކީ،" ހީނގެންފައި މުފީދު ކިޔައިދިނެވެ.

ޑީއެންސީ ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި ކާމިޔާބީތަކުގައި އުދުހޭ މުފީދުގެ ހިއްސާ ވަރަށް ބޮޑެވެ. އޭގެ ސަބަބުން މާލޭގެ ބޮޑެތި ހުރިހާ ކުލަބަކުން އޭނާ އަށް ކުޅެން ފުރުސަތުލިބުނެވެ. އެކަމަކު އައްޑޫގެ އެހެން ކުޅުންތެރިންނާ ހިލާފަށް މުފީދު ފާހަގަ ކުރެވުނީ ޑީއެންސީ އަށް އެކަނި ކުޅުނު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

"އެހެން ޓީމުތަކުން ކުޅުންތެރިން ޕްރެކްޓިސްކޮށްގެން ކުޅޭއިރު ޕްރެކްޓިސް ނުކޮށް ކުޅެން ބޭނުން ނުވީ. މުބާރާތަށް މާލެ ދާން ޖެހެނީ ކުޅެލަން. އެހެންވީމަ އެގޮތަށް ކުޅެން ބޭނުން ނުވަނީ. އެހެންވެ ނުކުޅުނީ،" އަމިއްލަ ރަށް އައްޑުއަތޮޅު ފޭދޫގައި ކައްކާ ގޭސް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ މުފީދު، 66، ބުންޏެވެ.

ޑީއެންސީ އަށް އެކަނި ކުޅެފައިވާތީވެ އެއްވެސް ޓީމަކަށް އޭނާ ސަޕޯޓެއްވެސް ނުކުރެ އެވެ. އެކަމަކު ބަދަލުވަމުންދާ ފުޓްބޯޅައިގައި މުފީދު ކަންބޮޑުވާ ދެ ކަމެއް އެބައޮތެވެ.

"ފުޓްބޯޅަ ބަލަން. ހުރިހާ ޓީމަކަށް ވެސް ސަޕޯޓް ކުރަމޭ ބުނެވޭނީ. އެކަމަކު ގަދަ ޓީމުތަކަކީ ވިކްޓަރީ އާއި ނިއުރޭޑިއަންޓާއި ދެން ވެލެންސިއާ. މި ޓީމުތައް ބަލިވުމަކީ ވަރަށް ބޮޑު ގޯހެއް. ސަޕޯޓަރުން ތިބީ އެމީހުންގެ. މިއަދު ވެސް ވެލެންސިއާ ވަރަށް މޮޅަށް ކުޅޭނެހެން ވަރަށް ހީވޭ. އެކަމަކު ގޯލު ޖަހާނީ އަނެއް ޓީމުހެން ހީވަނީ،" ވެލެންސިއާ 4-2 އިން ބަލިވި މެޗު ފެށިތަނާހެން މުފީދު ބުންޏެވެ.

އޭނާ ކަންބޮޑުވާ ދެ ވަނަ ކަމަކީ ފުޓްސަލް ކުޅޭ މީހުން ގިނަވުމެވެ. ދަނޑަށް މީހުން ކުޅިބަލަން ނާންނަނީ ކީއްވެތޯ އެހުމުން މުފީދު ބުނީ "ގިނަކުދިން އުޅެނީ ފުޓްސަލް ކުޅެން،" ކަމަށެވެ.

"އެއީ ވަރަށް ދެރަކަމެއް. ގިނަ މީހުން މިހާރު ދަނީ ފުޓްސަލް ކުޅެން. އޭގެ ސަބަބުން މި ދަނޑުތައް ބާކީވަނީ. ދެން މިހާރު ކުޅޭ ކުދިންގެ ބުންވަރު ވެސް ދެރަކަން ފާހަގަ ކުރެވޭ،" މުފީދު ބުންޏެވެ.

މިހާރުގެ ކުޅުންތެރިންގެ ތެރެއިން މުފީދު ސަޕޯޓްކުރަނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށާއި ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އަށް ކަމަށެވެ. ނަމަވެސް ބަކާ އަކީ އައްޑޫ ކުޅުންތެރިއެއްކަން އެނގުނީ ވަރަށް ފަހުން ކަމަށް ވެސް މުފީދު ބުންޏެވެ.

"މިހާރު ދެން އެންމެންވެސް ސަޕޯޓްކުރަނީ ދަގަނޑޭއަކަށްނު. ދެން ބަކާ އަށް. ވަރަށް ފަހުން އެނގުނީ ބަކާ އަކީ މި ރަށު ކުއްޖެއްކަން. ދަގަނޑޭ އަކީ ވެސް މިރަށު އެއްބައިވާ ކުއްޖެއް. އަސްލު އޭނާ އަށް (ދަގަނޑޭ އަށް) މޮޅަށް ކުޅެވެނީ ބަކާ ހުރެގެން. އެ ދެމީހުން އެއްވީމަ މޮޅަށް ކުޅެލަނީ،" މުފީދު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

އޭނާ ބުނީ އެތައް އަހަރެއް ފަހުން އައްޑޫގައި ގައުމީ މުބާރާތް ބޭއްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ އުފާ އޭނާ ލިބިގަންނަމުންދާއިރު މުފީދާ ބައްދަލުވުމުގެ އުފާ ކުޅިވަރުގެ މަޝްހޫރު ފަރާތްތަކުން އިއްޔެ ހާސިލްކުރަމުންނެވެ.

މެޗު ފެށުމަށްޓަކައި ވެލެންސިއާ އާއި އީގަލްސްގެ  ކުޅުންތެރިންނާ ސަލާމް ކުރުމަށް ފަހު ވެލެންސިއާގެ ބެންޗާ ދިމާއިން ރޮސްޓަމަށް އޭނާ ހިނގައިގަތުމުން ދެ ކޯޗުން ކަމަށްވާ މުހައްމަދު އިގްބާލް އާއި އިސްމާއީލް އާސިފް (ކުޑަހީނާ) ބެންޗުން ތެދުވެ، އޭނާގެ ކައިރިއަށް ގޮސް ސަލާމްކޮށް ވާހަކަ ދެއްކީ ވެސް މުފީދުގެ ހާއްސަކަން ބޮޑުވުމުންނެވެ. އެވަގުތު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ވެސް ދުވެފައި އައިސް މުފީދާ ސަލާމްކުރި އެވެ. ރޮސްޓަމަށް އަރަމުންދިޔައިރު މާޒިޔާ ކޯޗު އަލީ ސުޒޭނާއި އެ ޓީމުގެ އޮފިޝަލުން ވެސް އޭނާއާ ސަލާމްކޮށް ފޮޓޯނަގައި ހެދި އެވެ. އަދި ރޮސްޓަމުގައި އޭނާއިންއިރު ކުރީގެ ފީފާ ރެފްރީ މުހައްމަދު ސައީދާއި މެޗު ކޮމިޝަނަރު އަހުމަދު ގާސިމް (އަހޫ) އާއި މުފީދު ދަންނަ އެތައް ބައެއްގެ އިތުރުން ބިދޭސީ ކުޅުންތެރިން އޭނާއާ ސަލާމްކުރުމަށް އަވަސްވެގަތީ ދިވެހި ފުޓްބޯޅައިގެ ފިޔަޖަހާލި ތަރިއަކާ ބައްދަލުވެއްޖެކަމުގެ އިހުސާސާއެކުގަ އެވެ.