ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ފިޓްވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ދަގަނޑޭ ފިޓްވެ ވަރަށް ރަނގަޅު ފޯމެއްގައި ކުޅެވޭނެ ކަމަށެވެ.
ދަގަނޑޭ ވަނީ ނިމިގެންދިޔަ އޭއެފްސީ ކަޕަށް ރާއްޖޭގެ އީގަލްސް އާއި ގުޅިފަ އެވެ. ނަމަވެސް މުބާރާތުގެ ޕްލޭއޮފް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބައްދަލުކުރި މެޗުން ބަލިވުމުން މުބާރާތުގެ ގްރޫޕް ސްޓޭޖުން އީގަލްއަށް ޖާގަ ނުލިބުނެވެ. ޕްލޭއޮފް މެޗުގައި ދަގަނޑޭ ފެނިފައި ނުވަނީ އޭނާގެ ސިއްހީ ހާލަތު ތަންނުދިނުމުންނެވެ.
މީގެ އިތުރުން މިއީ ދަގަނޑޭގެ ފަހު މުބާރާތް ކަމަށް ގަބޫލުނުކުރާ ކަމަށް ސުޒޭން ބުންޏެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ގައުމީ ޓީމުން ދަގަނޑޭ ފެންނާނެ ކަމަށް އުއްމީދު ކުރާކަން ފާހަގަކުރަމުން ސުޒޭން ބުނީ އޭނާގެ އުއްމީދަކީ ފީފާގެ ސެންޗުރީ ކްލަބުގައި ދަގަނޑޭ ހިމެނުން ކަމަށެވެ. މިކަމަށްޓަކައި އަދި 12 ވަރަކަށް މެޗު ދަގަނޑޭ ގައުމީ ޓީމުގައި ކުޅެން ޖެހޭނެ އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހެއް ބޭނުންވާނެ އަދި ހާއްސަކޮށް އިމްރާނުވެސް ބޭނުންވާނެ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އިމްރާނާއި އެކު (ފީފާ ސެންޗުރީ ކްލަބުގައި) ހިމެނުންއަލީ ސުޒޭން | ގައުމީ ޓީމުގެ ހެޑް ކޯޗު
ފީފާގެ ސެންޗުރީ ކްލަބުގައި ހިމެނޭނީ އެންމެ މަދުވެގެން ވެސް 100 އިންޓަނޭޝަނަލް މެޗުގައި ކުޅެފައިވާ ފުޓްބޯޅަ ކުޅުންތެރިންނެވެ. ރާއްޖެއިން މިހާތަނަށް ސެންޗުރީ ކްލަބުގައި ހިމެނިފައި ވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ ގައުމީ ޓީމުގެ ގޯލު އެންމެ ގިނަ ދުވަހު ބަލަހައްޓާފައި މުހައްމަަދު އިމްރާން އެވެ. އިމްރާން އަކީ މިވަގުތު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަދި ގޯލު ކީޕަރުގެ ކޯޗެވެ.