ރެއާލް މެޑްރިޑް

ރެއާލްގެ ކުރީގެ ސްޓައިކަރު ހައްޔަރު ކޮށްފި

ސްޕެއިން އަށް ޑުރަގު އެތެރެކޮށް، ވިއްކަން އުޅުނު ރެއާލް މެޑްރިޑްގެ ކުރީގެ ސްޓައިކަރު އެޑްވިން ކޮންގޯ ހައްޔަރު ކޮށްފި އެވެ.

ކޮންގޯ ހައްޔަރު ކުރީ އިތުރު 10 މީހުންނާއެކު އެވެ. އިއްޔެ ސްޕެއިންގެ ނާކޮޓިސް ބިއުރޯއިން ވަނީ، ކޮލަމްބިއާގެ ކުރީގެ ފޯވަޑް ހައްޔަރުކޮށް ބަޔާން ނެގުމަށް ފަހު ދޫކޮށްލާފަ އެވެ.

ކޮލްމްބިއާގެ ވަންސް ސެލްޑަސް ކުލަބުން 1999 ވަނަ އަހަރު، ރެއާލްއަށް އޭނާ ބަދަލުވީ ފަސް މިލިއަން ޔޫރޯ އަށެވެ. އެއީ އޭރު ކޮލްމަބިއާގެ ކުޅުންތެރިޔަކު ކުލަބު ބަދަލު ކުރި އެންމެ ބޮޑު އަގެވެ. ރެއާލް އަށް އޭނާ ބަދަލުވި ނަމަވެސް އެ ކުލަބުން އުންމީދު ކުރިވަރުގެ ކުޅުމެއް އޭނާއަށް ނުދެއްކުމުން ރެއާލް އިން ވަނީ ލޯން އުސޫލުން އޭނާ އެހެން ކުލަބުތަކަށް ދޫކޮށްފަ އެވެ.

އޭނާ ވަނީ، ރެއާލް ވަޔަޑޮލިޑް، ލެވަންޓޭ، ސްޕޯޓިން ޖިއޯން އަދި ރިކްރެޓިވޯ ޑި ހުވޭލާއަށް ކުޅެފަ އެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރީ ސްޕެއިން ޓީވީ ޝޯ އެއްގަ އެވެ.

އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2009 ވަނަ އަހަރު އެވެ. ފުޓްބޯޅައިގެ ހަރަކާތަކުން އޭނާ އެންމެ ފަހުން ފެނުނީ ރެއާލްގެ ކުރީގެ ކުޅުންތެރިން ބައިވެރި ކޮށްގެން ކުޅުނު ޗެރިޓީ މެޗެއްގަ އެވެ.