ކުޅިވަރު

ކްލިންސްމަން ވަކިކޮށް ހާތާ ބާލިންގެ ބޯޑަށް ލީމަން

ޖަރުމަންގެ ހާތާ ބާލިންގެ ބޯޑުން، އެ ޓީމުގެ ކޫރީގެ ކޯޗް ޔާގަން ކްލިންސްމަން ވަކިކޮށް، ޖަރުމަންގެ ކުރީގެ ކީޕަރު ޖެންސް ލީމަން ހަމަޖައްސައިފި އެވެ.

ބުންޑެސްލީގާގެ ކުލަބުގެ ސްޕައިވަޒަރީ ބޯޑަށް، އޭސީ މިލާން އާއި އާސެނަލްގެ ކުރީގެ ކީޕަރު ލީމަން ހަމަޖެއްސީ ސްޕޯޓިން ކޮންސަލްޓަންޓެއް ގޮތު ގަވެ. އެއީ ކުރިން، ޖަރުމަންގެ ކޫރީގެ ކޯޗް ކްލިންސްމަން އަދާ ކުރި ދައުރެވެ.

ކްލިންސްމަންގެ މަގުބޫލުކަން ބޯޑުގެ މެންބަރުންގެ މެދުގައި ގެއްލުނީ، ކުލަބުގެ ކޯޗް ކަމުން ފެބްރުއަރީ މަހު އޭނާ އިސްތިއުފާ ދިނުމުންނެވެ. އެ ކުލަބުގެ އިސް އިންވެސްޓަރެއް ކަމަށްވާ، ލާސް ވިންޓޯސްޓް ބުނީ، ނުވަ މެޗަށް ފަހު ކޯޗް ކަމުން ކްލިންސްމަން އިސްތިއުފާ ދިނުމުން، ކުލަބުން އޭނާ އާ މެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި ބޯޑުން އޭނާ ވަކި ކުރީ އެހެންވެ ކަމަށެވެ. ލާސް ވިންޓޯސްޓް ވަނީ މިދިޔަ އަހަރު ހާތާއަށް 250 މިލިއަން ޔޫރޯ އިންވެސްޓް ކޮށްފަ އެވެ.

ޑޯޓަމަންޑާއި ޝާލްކޭއަށް ވެސް ކުޅުނު ކީޕަރު ވަނީ، ބުންޑެސްލީގާ ގައި 394 މެޗު ކުޅެފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގްގައި 148 މެޗު ކުޅުނެވެ. ވަރަށް ފަހަކާ ޖެހެންދެން އޭނާ މަސައްކަތް ކުރީ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ.

ލީމަން ބުނީ، ލާސް ވިންޓޯސްޓްގެ ދައުވަތަށް ބާލިންގެ ބޯޑަށް ދިޔައީ، ފުޓްބޯޅައިގެ ކުރިމަގު ބިނާ ކުރުމަށް ރަނގަޅު ޕްރޮޖެކްޓެއް އެޓީމުގައި އޮތުމުން ކަމަށެވެ. އޭނާ ބުނީ ޔޫރަޕްގައި މިވަގުތު އޮތް އެންމެ ރަނގަޅު ފުޓްބޯޅަ ޑިވެލޮޕްމެންޓްގެ ޕްރޮޖެކްޓް އޮތީ ބާލިންގެ ކުލަބުގައި ކަމަށެވެ. ހާތާގައި ލީމަން މަސައްކަތް ކުރަނީ، ކުލަބުގެ ބޯޑުގައި ވިންޓޯސްޓްގެ ފަރާތުންނެވެ.

ވިންޓޯސްޓް އަތުގައި ކުލަބުގެ 49.9 ޕަސަންޓް ހިއްސާ އޮތުމުން ކުލަބުގެ ސުޕަވައިޒަރީ ބޯޑަށް އޭނާގެ ފަރާތުން ދެ މެންބަރުން އައްޔަން ކުރުމުގެ ފުރުސަތު ލިބެ އެވެ. އޭނާ ވަނީ ދެ ވަނަ މެންބަރެއްގެ ގޮތުގައި ފުޓްބޯޅަ އެޖެންޓް މާކް ކޮޒިކޭ ހަމަޖައްސާފަ އެވެ. ކޮޒިކޭގެ ކްލައިންޓުންގެ ގޮތުގައި ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އާއި ލައިޕްޒިގްގެ ކޯޗް ޔޫލިއަން ނާގެލްސްމަން ހިމެނެ އެވެ.

މި ސީޒަންގައި ހާތާއިން ހޭދަ ކުރަމުން ދަނީ ދަށް ހާލަތެއްގަ އެވެ. އެ ޓީމު އޮތީ 18 ޓީމު ހިމެނޭ ލީގްގެ 13 ވަނައިގަ އެވެ. މީ ސީޒަންގައި މިހާތަނަށް އެ ޓީމުގައި ހަތަރު ކޯޗުން މަސައްކަތް ކޮށްފި އެވެ. ފުރަތަމަ ސީޒަން ފެށީ އެ ޓީމުގެ ކުރީގެ މިޑްފީލްޑާ އަންޓޭ ކޮވާކް އާއެކު އެވެ. އޭނާ އާއެކު ނަތީޖާ ދަށް ވުމުން، ކްލިންސްމަން ކޯޗް ކަމަށް ހަމަޖެއްސީ ނޮވެމްބަރު 27 ގަ އެވެ. ތިން މަސް ފަހުން ކްލިންސްމަން އިސްތިއުފާ ދިނީ ކުލަބުގެ ޓްރާންސްފާގައި އޭނާގެ ބާރު ނެތް ކަމަށް ބުނުމަށް ފަހު އެވެ. އޭގެ ފަހުން އެ ޓީމުގައި ވަގުތީ ގޮތުން މަސައްކަތް ކުރީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ، ވާޑާ ބްރޭމަންގެ ކުރީގެ ކޯޗް އެލެގްޒެންޑާ ނައުރީ އެވެ. ދާއިމީ ކޯޗެއްގެ ގޮތުގައި މިދިޔަ މަހު ހަމަޖެއްސީ ބަޔާން ލެވަކުސަން އާއި ވުލްފްސްބާގްގެ ކުރީގެ ކޯޗް ބުރުނޯ ލާބާޑި އާ އެވެ.