ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑާއެކު ކުޑަކުދިންނަށް އިތުރު ބައްޔެއް ޖެހެނީ

ކޮރޯނާވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުންދާ އެ ބަލީގެ ހޮޓްސްޕޮޓް އަކީ މިހާރު އެމެރިކާގެ ނިއުޔޯކް އެވެ.
ކޮވިޑް-19 ޖެހިފައިވާ ކުޑަކުދިން ވެސް ނިއުޔޯކްގައި ވަރަށް ގިނަ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ 100 ވަރަކަށް ކުދިންނަށް އެ ބައްޔާ ގުޅިގެން އިތުރު ބައްޔެއް ޖެހި ފުރާނަ އަށް ވަނީ ނުރައްކާވެފަ އެވެ. މި ބަލި ޖެހުމުން ލޭ ހޮޅިތައް ދުޅަވެ ފުރާނައަށް ނުރައްކާ ވެއެވެ.

ނިއުޔޯކް ސްޓޭޓްގެ ގަވަރުނަރު އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ކަވަސާކީ ބަލި ޖެހުނީމަ ފެންނަ ކަހަލަ އަލާމާތްތަކެއް ފެނިފައި މީގެން ތިން ކުދިން މިހާޜު ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ ފަސް އަހަރާއި ހަތް އަހަރުގެ ދެ ފިރިހެންކުދިންނާއި 18 އަހަރުގެ އަންހެންކުއްޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންފްލެމޭޝަން ޑިޒީޒް އެއް ޖެހިފައިވާ 100 ވަރަކަށް ކުދިން އެބަތިބި. މިއީ ކޮވިޑް-19 ޖެހުމާ ގުޅިގެން އިތުރު ޖެހުނު ބައްޔެއް ކަމަށް ބެލެވެނީ. އަދި ކިރިޔާ މި ބަލި ފެންނަން ފެށީ މި. ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުން ބޮޑަށް ލަފާ ކުރެވެނީ ކަވަސާކީ ޑިޒީޒް ނުވަތަ ޓޮކްސިކް ޝޮކް ސިންޑްރޯމް ކަމަށް،" ގަވަރުނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭ ހޮޅިތަކުގައި އިންފްލެމޭޝަނެއް އުފެދުމުން ހިތަށް ގެއްލުން ވެދާނެ އެވެ. އަދި ނިއުޔޯކްގައި އެކަނި މިހާ ގިނަ ކުދިންނަށް މި މައްސަލަ ދިމާވެފައިވާކަން އެނގިފައިވާއިރު އެހެން ސްޓޭޓްތަކުގައި ވެސް މި ބަލި އުޅުމަކީ ވަރަށް ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހުނީމަ ފެންނަ އަލާމާތްތައް މި ކުދިންގެ ކިބައިން ނުފެންނަ ކަމަށާއި އެކުދިންގެ ނޭވާލުމުގެ ނިޒާމަށް ވެސް އެއްވެސް އުނދަގުލެއް ވާތީ ނޫޅޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. މަރުވި ކުދިންނަށް ދިމާވި ހާލަތެއް ގަވަރުނަރު ވިދާޅެއް ނުވެ އެވެ.

ކަވަސާކީ ޑިޒީޒް އަކީ އެސްޕްރިން ފަދަ ބޭހުން ވަރަށް ފަސޭހައިން ފަރުވާ ދެވޭ ބައްޔެކެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެމެރިކާގައި މި ބަލި ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކަނީ 20،000 ކުދިންނެވެ.

ނިއު ޔޯކްގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އެ ސްޓޭޓްގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 29 ޕަސެންޓަކީ އުމުރުން ފަސް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނެވެ. އަދި 28 ޕަސެންޓަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނެވެ.

ނިއު ޔޯކްގެ ތަޖުރިބާކާރުން މިހާރު ދަނީ މި ކުދިންނަށް ޖެހިފައިވާ ބައްޔަކީ ހަގީގަތުގައި ވެސް ކަވަސާކީ ޑިޒީޒްތޯ ޔަގީންކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ބަލި ޖެހުމާ ކޮރޯނާވައިރަހާ ހުރި ގުޅުން ދެނެގަންނަން ވެސް މަސައްކަތް ކުރަމުން އެބަ ދެއެވެ.

މި ބަލި ޖެހޭ ކުދިންގެ ކިބައިން ފެންނަ އަލާމާތްތައް ވެސް ގަވަރުނަރު ހިއްސާ ކުރެއްވި އެވެ. މި ބަލީގެ އަލާމާތްތަކުގެ ގޮތުގައި އާއްމުކޮށް ފެންނަނީ ހުން އައުމާއި މޭ ނުބައިކުރުން، ބަނޑުގައި ރިއްސުން، ނޭވާލުމުގެ މައްސަލަތައް، އަދި ހަމުގެ ކުލަ ބަދަލުވުމެވެ. މިފަދަ ކަމެއް ކުއްޖަކަށް ދިމާވެއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ގަވަރުނަރުވަނީ އިލްތިމާސް ކޮށްފަ އެވެ.

  • ފަސް ދުވަހަށް ވުރެ ގިނަ ދުވަހު ހުން އައުން
  • ތުއްތު ކުދިންނަށް ކާން ދޭން ދަތިވުން، އަދި ދިޔާއެއްޗެތި ވެސް ބޯން ނުދެވުން
  • ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާ، ބޭރަށް ހިންގާ، ހޮޑުލެވުން
  • ހަމުގެ ކުލަ ބަދަލުވުން، ދޮންފޫޑުވުން، ހަންގަނޑުގައި ބޮޑެތި ލައް ޖެހުން
  • ނޭވާލާން ދަތިވުން، ނޭވާ އަވަސްވުން
  • ކުޑަކަމު ދެވޭލެއް މަދުވުން ނުވަތަ މާ ގިނައިން ދެވުން
  • ރުޅިގަދަވެ، އުޅެވޭ ނޫޅެވޭ ގޮތް ނޭނގުން، ވަރުބަލިވުން

ކޮރޯނާވައިރަހަކީ ކުޑަކުދިންނަށް މާ ބޮޑު ގެއްލުމެއް ލިބޭ އެއްޗެއް ނޫންކަމަށާއި ބަލި ޖެހޭ މީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވަނީ 70 އަހަރުން މަތީގެ މީހުންނަށް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. ކުޑަކުއްޖަކަށް ތިރީގައިވާ އަލާމާތްތަކުގެ ތެރެއިން އަލާމާތްތަކެއް ފެންނަން ފަށައިފިނަމަ އަވަހަކަށް ޑޮކްޓަރަކަށް ދައްކާށެވެ.