ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުން ކޮވިޑް-19 ފެނިއްޖެ

May 15, 2020

ޑާކާ (މެއި 15) - ބަންގްލަދޭޝްގައިވާ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ތިބި ރޯހިންޔާ މުސްލިމުންގެ ތެރެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި އެ ގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފަ އެވެ.

އެ އަނިޔާތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކުރި މިލިއަނެއްހާ މީހުން އެ ގައުމުގައި ކޮކްސަސް ބާޒާރުގެ ނަން ދީފައިވާ ކޭމްޕުގައި ދަނީ ދިރިއުޅެމުންނެވެ.

ކޮންމެ އަކަ ކިލޯމީޓަރެއްގައި 40،000 އަށްވުރެ ގިނަ މީހުން ދިރި އުޅޭއިރު، އެ ކޭމްޕު ވަނީ މިދިއަ މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ލޮކްޑައުން ވެސް ކޮށްފަ އެވެ. އެ ބަލި ޖެހިފައިވާ ދެ މީހުނާ ގުޅިގެން، 1،900 އަށް ވުރެ ގިނަ މީހުން މިހާރުވެސް ވަނީ އެކަހެރި ކުރެވިފަ އެވެ.

ސާފު ބޯފެނާއި، ކާބޯތަކެތީގެ ދަތިކަން މިހާރު ވެސް އިންތިހާއަށް އޮތް އެ ކޭމްޕުގައި ބަލި ފެތުރިއްޖެނަމަ، އެތަކެއް ހާސް ރެފިއުޖީންނެއް މަރުވެދާނެ ކަމަށް ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.