ކުޅިވަރު

ބުންޑެސް ލީގާއިންވެސް ބަދަލުގެ އަދަދު ފަހަކަށް ހަދައިފި

ޖަރުމަންގެ ބުންޑެސް ލީގާގެ ކުޅުން، މާދަމާ އަލުން ފަށާއިރު މެޗެއްގައި ފަސް ބަދަލު ކުރެވޭ އުސޫލަށް އަމަލު ކުރަން، އެ ލީގުން ނިންމައިފި އެވެ.

އިއްޔަ ބުންޑެސް ލީގާ އެކެއް އަދި ދޭއްގައި ވާދަ ކުރާ 36 ކުލަބުގެ މެދުގައި ބޭއްވި އޮންލައިން ކޮންފަރެންސް ބައްދަލުވުމެއްގައި ވަނީ، ފަސް ބަދަލު ކުރާ އުސޫލަށް އަމަލު ކުރުމަށް ފާސް ކޮށްފަ އެވެ. އެ ބައްދަލު ވުމަކީ، ކޮވިޑް-19 އަށް ފަހު އަލުން ލީގް ފަށާއިރު ކުރިމަތިވެދާނެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ފުޓްބޯޅައިގެ ބައިނަލްއަގުވާމީ ގަވާއިދުތައް ހެދުމަށް އުފައްދާފައިވާ، އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ވަނީ، ކޮރޯނާ ވައިރަސް އާ ގުޅިގެން ފަސް ބަދަލު ކުރެވޭ ގޮތަށް، ފުޓްބޯޅައިގެ ގަވާއިދަށް ވަގުތީ އިސްލާހެއް ގެނެސްފަ އެވެ. ކޮރޯނާ ވައިރަސް އަށް ފަހު ކުޅުންތެރިންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގެނައި ބަދަލަށް އަމަލު ކުރުމުގެ އިހްތިޔާރީ ގޮތްތަކެއް ގައުމުތަކަށް ލިބޭނެ އެވެ.

ޖަރުމަންގެ އެފްއޭގެ ފުޓްބޯލް ކޮމިޝަނުން ނިންމާފައި ވަނީ، ފަސް ބަދަލު ކުރިޔަސް ބަދަލު ކުރާ ކޮންމެ ފަހަރަކު އެންމެ ގިނައިން ބަދަލު ކުރެވޭނީ ދެ ކުޅުންތެރިންނެވެ. އަދި ހާފު ޓައިމްގައި އެއް ބަދަލު ކުރެވޭނެ އެވެ. އެއް ފަހަރާ ފަސް ކުޅުންތެރިން ބަދަލު ނުކުރެވޭނެ ކަމަށް، ވަނީ ނިންމާފަ އެވެ.

ފުޓްބޯޅައިގެ އާންމު އުސޫލުގައި ބަދަލު ކުރެވޭނީ ތިން ބަދަލެވެ. ނޮކައުޓް މެޗެއްގައި އެކްސްޓްރާ ޓައިމް ކުޅެން ޖެހިޖެއްޖެނަމަ އެކްސްޓްރާ ޓައިމްގައި ހަތަރު ބަދަލު ކުރެވެ އެވެ.