ބޮލީވުޑް

"ކޭބީސީ"އާއި އެހެން ޓީވީ ޝޯތަކުގެ ޝޫޓިން ޖޫންގައި ފަށަނީ

ކޮރޯނާވައިރަހުގެ ވަބާގެ ބިރު ބޮޑުވެ، އިންޑިޔާގެ ޓީވީ ޗެނަލްތަކުން ދައްކަމުން ދިޔަ ޝޯތަކުގެ ޝޫޓިންގް މިދިޔަ މާޗް 18 ވަނަ ދުވަހުން ފެށީގެން ވަނީ މެދުކަނޑާލާފަ އެވެ. މިއީ ޓެލެވިޒަން އިންޑަސްޓްރީގެ ހަޔާތުގައި ވެސް މިގޮތަށް ޝޯތަކުގެ މަސައްކަތް ހުއްޓާލި ފުރަތަމަ ފަހަރެވެ.

ޓީވީގައި މަސައްކަތްކުރާ އެކްޓަރުންނާއި ޓެކްނީޝަނުން ކެތްތެރިކަން ކުޑަވެފައި ޝޫޓިން ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާއިރު ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޯއީސް އާ ގައިޑްލައިނެއް ރިލީޒްކޮށް ޖޫން މަސް ނިމޭ ހިސާބުގައި މި ގައިޑްލައިނާ އެއްގޮތަކަށް ޝޫޓިންގްތައް ފެށޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ ޝޫޓިންގް ފަށާ ޝޯތަކުގެ ތެރޭގައި އަމީތާބު ބައްޗަންގެ "ކޯން ބަނޭގާ ކްރޯޅްޕަތީ"، އެކްތާ ކަޕޫރުގެ ޓީވީ ޝޯ "ބާބީޖީ ގަރް ޕަރް ހޭ"، އަދި މި ނޫންވެސް ބައެއް ޝޯތައް ހިމެނެ އެވެ.

ސިނެ އެމްޕްލޯއީސްގެ އާ ގައިޑްލައިންގައިވާ ގޮތުން ކޮންމެ ޝޯއެއްގައި ވެސް އެއްފަހަރާ މަސައްކަތް ކުރެވޭނީ އެ ޝޯއެއްގެ ކުރޫންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަށެވެ. ޝޯގެ ޝޫޓިންގް ދެ ޝިފްޓަކަށް ބަހައި ދެ ޝިފްޓްގައި މަސައްކަތް ކުރާނީ ދެ ބައި މީހުންނެވެ. އެއްބަޔަކު ޝޫޓިން ނިންމާފައި ދިއުމުން އަނެއް ބަޔަކު އައިސް އަނެއް ބައި ފުރިހަމަ ކުރާ ގޮތަށެވެ. މިއީ 50 ޕަސެންޓް މީހުން ލައްވާ ޝޯގައި މަސައްކަތް ކުރުވާނަމަ އަނެއްބައި މީހުންގެ ވަޒީފާ ގެއްލޭނެތީ ހަމަޖައްސާފައިވާ ގޮތެކެވެ.

ޝޫޓިންގްގައި މަސައްކަތްކުރާ ހުރީ ކުރޫން ތިބެން ޖެހެނީ ފޭސް މާސްކް އަޅައިގެން އަތަށް އަންގި ލައްވައިގެންނެވެ. އަދި މި މީހުން ގައިޑްލައިންގައިވާ ގޮތަށް އަމަލު ކުރޭތޯ ބެލުމަށް ޕޮލިސް އޮފިސަރަކު އަބަދުވެސް ސެޓުގައި ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޝޯތަކުގައި މަސައްކަތްކުރާ މީހެއްގެ އާއިލާގެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެނަމަ އެ ޝޯއެއްގެ ޕްރޮޑީއުސަރާއި ޝޯ ދައްކާ ޗެނަލުން އެމީހާއަށް ފައިސާގެ އެހީއެއް ދޭން ޖެހޭނެ ކަމަށް ވެސް މި ގައިޑްލައިންގައި ވެއެވެ. އަދި މި އެއީ އަކީ 50 ލައްކަ ރުޕީސް އަށް ވުރެ މަދު ނޫން އެހީއަކަށް ވާން ޖެހޭނެ ކަމަށް ވެސް ވެއެވެ. އަދި ސެޓުގައި ހިނގާ އެކްސިޑެންޓަކުން މީހަކު މަރުވެއްޖެނަމަ އެ މީހެއްގެ އާއިލާއަށް 30-40 ލައްކަ ރުޕީސް ދޭން ޖެހެ އެވެ.

ޝޫޓިންގްތައް ފެށިޔަސް 50 އަހަރުން މަތީގެ އެއްވެސް މީހަކަށް ޝޫޓިންގްގައި ބައިވެރިއެއް ނުވެވޭނެ އެވެ. ސަބަބަކީ މި މީހުންނަކީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންނަށް ވާތީ އެވެ. ޝޯތަކުގެ ޝޫޓިން ފެށޭނީ ޕްރޮޑިއުސަރުން މި ގައިޑްލައިނަށް އަމަލުކުރަން އެއްބަސްވާ ނަމަ އެވެ.