ވިޔަފާރި

ލުފްތަންސާ އެއާލައިނާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރަން ފަށަނީ

Jan 7, 2015
0%
0%
0%

މި އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ދަތުރުތައް ފަށާ ޔޫރަޕުގެ އެންމެ ބިޔަ އެއް އެއާލައިން ކަމަށްވާ ލުފްތަންސާ އެއާލައިނާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރަން ފެށުމަށް ތައްޔާރުވަމުން ދާ ކަމަށް މޯލްޑިވް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) އިން މިރޭ ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވީ ޔޫޔަޕުގެ ގިނަ ގައުމުތަކަށް ދަތުރުކުރާ މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ލުފްތަންސާ އެއާލައިނާއެކު ރާއްޖެ ޕްރޮމޯޓް ކުރުމަށް ހަރަކާތްތަކެއް ރޭވުމަށް،" ޒިއަތު ވިދާޅުވި އެވެ.

ޔޫރަޕުގެ އެންމެ ބިޔަ އެއް އެއާލައިން ކަމަށްވާ ލުފްތަންސާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމިކަން ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައި) ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި ގޮތުގައި ލުފްތަންސާ އެއާލައިނުން ޑިސެމްބަރު މަހު ރާއްޖެއަށް ދަތުރުތައް ފަށާއިރު ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ ކަމަށެވެ. މި ދަތުރުތައް ރާއްޖެއަށް ބާއްވާނީ ޖަރުމަނުވިލާތުގެ ފްރެންކްފަޓުން ރާއްޖެއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލުފްތަންސާ އެއާލައިނުން ކުރިން ރާއްޖެއަށް ދަތުރުތައް ބޭއްވި އެވެ. ނަމަވެސް ފަހުން ވަނީ ދަތުރުތައް ހުއްޓާލާފަ އެވެ. މި އެއާލައިނަކީ ދުނިޔޭގެ 197 ގައުމަކަށް ދަތުރުތައް ބާއްވަމުން އަންނަ އެއާލައިނެކެވެ. އަދި  ސީއެންއެން އިން މިމަހު ހޮވި އެންމެ ރައްކާތެރި އެއާލައިންގެ ތެރޭގައި ވެސް ހިމެނިފައިވާ އެއާލައިނެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345