ފިނިޕޭޖް

ބޮލީވުޑް ފިލްމުތައް އޮންލައިން ކޮށް، ސިނަމާތަކުގެ ވެރިން ރުޅިގަދަވެއްޖެ

ޑައިރެކްޓަރު ޝޫޖިތު ސިރްކާރްގެ އާ ފިލްމު "ގުލާބޯ ސިޓާބޯ" އޮންލައިންކޮށް ރިލީޒް ކުރަން ނިންމާ އިއުލާން ކުރި ފަހުން ވިދްޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" ވެސް އޮންލައިންކޮށް ރިލީޒްކުރާ ކަން އިއުލާން ކޮށްފި އެވެ. މި ފިލްމުވެސް ސްޓްރީމް ކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ.

މި ފިލްމުތައް އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރަން ނިންމުމަކީ ހިންދީ ފިލްމީ ދުނިޔެއަށް އަންނާނެ އިންގިލާބެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އަދި މިއީ ހަގީގަތުގައި ވެސް ފިލްމުތަކުގެ ޕްރޮޑިއުސަރުންނާއި ބައިވެރިންގެ ވަރަށް ހިތްވަރުގަދަ އަމަލެއް ކަމަށް ގަބޫލު ކުރެވެ އެވެ. މިއީ ކޮރޯނާވައިރަހުގެ ވަބާގެ ވަރުގަދަ ކަޅު ވިލާގަނޑެއްގެ ދަށުގައި މުޅި ދުނިޔެ އޮތްއިރު އެކަމުން ސަލާމަތްވެގެން ހަމަނޭވޭ ލެވޭއިރު ދުނިޔެއިން ފެންނާނެ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެއް ބަދަލަށް ވާނެ ކަން ޔަގީނެވެ.

ޚާއްސަކޮށް ގައިންގަޔަށް އަރާ ބޮޑު ބައްޔެއްގެ ވަބާއެއް ފެތުރެން ފެށުމުން ފުރަތަމަ ބަންދުކުރި ތަންތަނުގެ ތެރޭގައި މީހުން ގިނައިން ގޮސް އުޅޭ ސިނަމާތައް ހިމެނިފައި އަދި އެންމެ ފަހުން ހުޅުވޭނެ ތަންތަން ކަމުގައި ވެސް އެތަންތަން ވާނެތީ ފިލްމު އުފައްދާ މީހުންނަށް މިއަށް ވުރެ ރަނގަޅު ގޮތެއް މިވަގުތަށް ނެތް ކަމަށް ބެލެވެ އެވެ.

ދުނިޔެގެ ހުރިހާ ފިލްމު އިންޑަސްޓްރީއެއް ވެސް މި ވަގުތު އޮތީ ވާނުވާ ނޭނގޭ ފަދަ ހާލަތެއްގަ އެވެ. އެހެންވީމާ އުފެއްދުމުގެ މަރުހަލާ ނިމިފައިވާ ފިލްމުތައް އަތުގައި ބެހެއްޓުމަށްވުރެ އޯޓީޓީ ޕްލެޓްފޯމެއްގައި ދައްކައިގެން ވެސް ފިލްމުގެ ޚަރަދު ފޫބެއްދުން މިވަގުތު ޕްރޮޑިއުސަރުންނަށް މުހިއްމުވާނެ އެވެ.

އެގޮތުން ހޮލީވުޑުން ވެސް ވަނީ ވަރަށް ރަނގަޅު ފިލްމުތަކެއް ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފަ އެވެ. އެހެން ނޫނަސް ނެޓްފްލިކްސް ކަހަލަ އޯޓީޓީ ޕްލެޓްފޯމްތަކުން ފިލްމުތަކަށް ފަންޑުކުރާ ވަރު މިހާރު ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފަ އެވެ. މާޓިން ސްކޯސެސީގެ "ދި އައިރިޝްމޭން" އަށް ވެސް ނިންމާލާ ރިލީޒްކުރުމުގެ ފުރުސަތު ލިބުނީ ނެޓްފްލިކްސް އިން އެ ފިލްމަށް ފަންޑު ކޮށްދީގެންނެވެ. ހަގީގަތުގައި އެ ފިލްމު އުފެއްދުމުގެ ޚިޔާލަށް ފިލްމު ޕްރޮޑިއުސަރުން ވެސް ވަރަށް ތާއީދުކުރި އެވެ. ނަމަވެސް ފިލްމަށް ބޭނުންވާ ފަންޑިން އެއްވެސް ބަޔަކު ނުދިނެވެ.

އިންޑިއާގައި ވެސް މިހާރު ސިނަމާތަކުގައި ރިލީޒްކުރާ ފިލްމުތަކަށް ވުރެ ވެބް ސީރީޒްތަކަށް ލިބޭ ފައިދާ މާ ބޮޑެވެ. ވެބް ސީރީޒްއަކީ ހަމަ ޔަގީނުން ވެސް މުޅިން އާ ފޯމެޓެކެވެ. ނަމަވެސް ފޯމެޓަށް ގިނަ ބަޔަކު ހޭނި، އެމީހަކަށް ފަސޭހަ ވަގުތެއްގައި ގޭގައި ނުވަތަ އެހެންވެސް ތަނެއްގައި ހިތްހަމަޖެހިލައިގެން އިނދެ ފިލްމެއް ނުވަތަ ސިލްސިލާއެއް ބަލާލުމުގެ ހިތްހަމަޖެހުން މީހުންނަށް މިހާރު މާ ބޮޑުކަން ދަނީ ސާބިތު ވަމުންނެވެ.

ބޮލީވުޑް ފިލްމުތައް އުފައްދާ ފަރާތްތަކުން އަދި ވަރަށް ހިތްވަރުކޮށްފައި އެމީހުންގެ ފިލްމުތައް އޮންލައިންކޮށް ރިލީޒްނުކުރަން ފައި ވިއްދާފައި ތިއްބަސް އަމީތާބު ބައްޗަންގެ "ގުލާބޯ ސިޓާބޯ" އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކުރަން ނިންމުމާއެކު މިއީ މުޅިން އާ ދައުރެއްގެ ފެށުމަކަށް ވާނެ ކަމަށް ފިލްމު އިންޑަސްޓްރީގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
މި ފިލްމު ރިލީޒްކުރުމާއެކު އިތުރު ފިލްމުތައް މިގޮތަށް ރިލީޒްކުރަން ހަމަޖެހިގެން ދާނެ ކަމަށް ބެލެވެ އެވެ.

ބޮޑެތި ބަޖެޓުތަކުން އުފައްދާފައިވާ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންގްގެ "83" ފަދަ ފިލްމުތައް ތައްޔާރުކޮށް ނިމި މާޗްގައި ރިލީޒް ކުރަން ނިންމާފައި ވީ ނަމަވެސް އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ ފިލްމުތައް ރިލީޒް ނުކުރެވި ޕްރޮޑިއުސަރުންނަށް ބޮޑެތި ގެއްލުންތައް މިހާރުވެސް ދަނީ ލިބެމުންނެވެ.

މި ފިލްމުތަކުގެ ބަޖެޓަށް ވުރެ މާ ބޮޑު އަދަދަކުން ފައިސާ ދޭން މިހާރު ވެސް ނެޓްފްލިކްސް ފަދަ އޮންލައިން ޕްލެޓްފޯމްތަކުން މި ފލްމުތަކަށް ދަނީ ހުށަހަޅަމުންނެވެ. ފިލްމުތައް ޑިޖިޓަލް ރިލީޒްއަކަށް ދާތީ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އޮތީ ސިނަމާތަކުގެ ވެރިންގެ އެވެ. އެމީހުންނަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުންތައް އިތުރުވާނެތީ އެވެ.

ސިނަމާތައް ހުޅުވެންދެން ފިލްމު ރިލީޒްނުކޮށް ބަހައްޓަން ހިތްވަރުދޭ މީހުން ބުނަނީ ކޮރޯނާވައިރަހުގެ ވަބާގެ ބިރުވެރިކަން ގޮސް އަލުން ސިނަމާތައް ހުޅުވި އަދި އެ ސިނަމާތައް ފުރެންދެން މީހުން ވަންނަ މަންޒަރު ފެނުމަށް އުންމީދުކުރާ ކަމަށެވެ. އަދި އެފަދަ ދުވަހަކަށް އިންތިޒާރުކުރަން ޖެހޭ ކަމަށާއި ނޫނީ ފިލްމުތަކުގެ އޯޑިއަންސް ގެއްލި ވަރަށް އުނދަގޫ ކަންތައްތަކެއް ކުރިމަތިވާނެ ކަމަށެވެ.