ހަބަރު

އުދަ އަރައި، ރަސްފަންނާއި ސުނާމީ ބިނާ ޕާކަށް ގެއްލުން

May 16, 2020
3

މާލެއަށް އިއްޔެ މޫސުން ގޯސްވެ ވައިގަދަވުމާ ގުޅިގެން މާލޭ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނާއި ސުނާމީ ބިނާ ޕާކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖީ ސެންޓާ (މެޓް އޮފީސް) އިން ވަނީ މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި އިއްޔެއަކީ އާދަޔާ ހިލާފަށް ގަދައަށް ވައިގަދަވި ދުވަހެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ވައިގަދަވުމާ ގުޅިގެން މާލޭގެ ހުޅަނގު ފަރާތަށް އިއްޔެ ވަނީ ވަރަށް ބޮޑާށް އުދަ އަރައިފަ އެވެ. އެގޮތުން ރަސްފަންނުގައި ޖަހާފައި ހުންނަ ހަޓުތައް ވައްޓާލައި އަދި ބައެއް ހަޓުތައް ވަނީ ފުނޑުފުނޑުވެފަ އެވެ. އޭގެ އިތުރުން ސަރަހައްދު މަގުމައްޗަށް ވަރަށް ބޮޑަށް ވެލި އަރައި ގެއްލުން ލިބިފައިވެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ހުންނަ ސުނާމީ ބިނާ މައިޒާނަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ. އެގޮތުން އެ ޕާކުގައި ޖަހާފައި ހުރި ގާތައް ނެއްޓިފައިވާއިރު ގަސްތަކާއި ބައެއް ޖޯލިތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ވިއްސާރައިގައި ރަސްފަންނު އަދި ސުނާމީ ބިނާ މައިޒާންއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އަދި 50 މޭލާއި 55 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.