އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޓެސްޓް ކުރެވުނު އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ދުވަސްވީ މީހުންނަކީ ގޭގައި ތިބޭ ބަޔަކަށްވާތީ ބައެއް މީހުން ޓެސްޓް ކުރަން ދެކޮޅު ހަދަމުންދާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ބަލި އެންމެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ދުވަސްވީ މީހުން ހިމެނޭތީ އެމީހުންގެ ތެރޭގައި ބަލި ނެތްކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އާއިލާތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ކުރިންވެސް އެންއީއޯސީން ވަނީ ބުނެފައެވެ.
މިރޭވެސް ޑރ. ނަޒްލާ ވަނީ އާއިލާތަކުގެ އެއްބާރުލުން ދިނުމަށް އެެދިފައެވެ.