ލައިފްސްޓައިލް

އެއްވައްތަރުން އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެ

އައިޑެންޓިކަލް ޓުވިންސް ނުވަތަ އެއްވައްތަރުގެ ދެބެން ވެސް ވިހާތީ ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް އެއްވައްތަރުގެ އެއްމާބަނޑު ހަތަރު ދަރިން ލިބުމަކީ މިއަށް ވުރެ ވެސް މަދު ހާލަތެއްގައި ނޫނީ ދިމާ ނުވާ ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ގޮތަށް އެއްމާބަނޑު އެއްވައްތަރު ހަތަރު ދަރިން ލިބުމުގެ ފުރުސަތު އޮންނަނީ ކޮންމެ 11 މިލިއަނަކުން އެއް ފަހަރު އެވެ. މި ހަތަރު ކުދިން ވިހާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ޑެލަސް ގައެވެ.

އެމެރިކާގެ ޓީވީ ޗެނަލަކުން ބުނި ގޮތުގައި ހުޑްސަން، ހެރިސަން، ހެންރީ އަދި ހާޑީގެ ނަން ދީފައިވާ މި ހަތަރުބޭން މާޗް 15 ވަނަ ދުވަހު އުފަން ވެފައިވަނީ ޓެކްސަސް ހެލްތު ޕްރެސްބައިޓީރިއަން ހޮސްޕިޓަލްގަ އެވެ. މި ކުދިންގެ މައިންބަފައިންނަކީ ޖެނީ އާއި ކްރިސް މާ އެވެ.

މި ކުދިން އުފަންވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ނަމަވެސް ހޮސްޕިޓަލުން މިކަން އިއުލާން ކުރީ މީގެ ދެ ދުވަހެއް ކުރިންނެވެ. ސަބަބަކީ މަންމަ އާއި ހަތަރު ކުދިންގެ ހާލު ގޯސް ކަމުންނެވެ. ނަމަވެސް މިހާރު ހަތަރު ބޭންނާއި އެ ކުދިންގެ މަންމަގެ ހާލު ވެސް ރަނގަޅުވެ ގެއަށް ދެވޭ ވަރު ވުމުން މި ކުދިން އުފަންވީކަން އިއުލާން ކުރީ އެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކުދިންގެ ބަރުދަން މިހާރު ވަނީ އެކަށީގެންވާ މިންވަރަކަށް އިތުރުވެފަ އެވެ. އަދި ކިރު ދިނުމުގައި ވެސް މިހާރު އެއްވެސް މައްސަލައެއް ދިމަލެއް ނުވެ އެވެ. އެހެންވެ މިދިޔަ އަންގާރަ ދުވަހު އެކުދިން ގެޔަށް ދިއުމުގެ ހުއްދަ ދިނީ އެވެ.

އައިވީއެފް އެހީ އާ ނުލައި، އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ލިބުމަކީ އާއިލީ ގޮތުން ވާރުތަވާ ކަމެއްގެ ގޮތުގައި ބެލެވިފައި ވިޔަސް މި ކުދިންގެ މައިންބަފައިންގެ އާއިލާގައި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ވިހާފައިވާ އެއްވެސް މީހަކު ނެތެވެ.

މި ޚަބަރުގައިވާ ގޮތުން ގުދުރަތީ ގޮތުން ބަލިވެ އިނދެ އެއްމާބަނޑު އެއްވައްތަރު ހަތަރު ކުދިން ވިހޭ ކަމަށް މިހާތަނަށް މުޅި ދުނިޔޭން ވެސް ރެކޯޑް ކުރެވިފައިވަނީ އެންމެ 72 ކޭސް އެވެ.

މިކުދިން ވިއްސި ވަގުތު ޑެލިވަރީ ރޫމްގައި ސިއްހީ އެހީތެރިންގެ 24 މީހަކު ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި ކުދިން އުފަން ވެފައިވަނީ ދުވަސް ނުފުރާ 28 ހަފުތާގައި ކަމަށް ވެސް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް މިހާރު މުޅިން ސިއްހަތު ރަނގަޅު ބަރުދަން ވެސް އެކަށީގެންވާ ވަރަށް އިތުރުވެ މި ކުދިން ވަނީ 11 މިލިއަނުން އެއް ފަހަރު ނޫނީ ނުލިބޭ ހަޔާތުގެ ދަތުރަކަށް ފަށާފަ އެވެ.