ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މެންބަރުންނާއި އިސްވެރިންގެ މުސާރަ ކުޑަކުރަން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަތައް އިތުރަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ދައުލަތުގެ މި އިސްވެރިންގެ މުސާރަތައް ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ދަށްވެ ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެތީ މި އިސް މަގާމުތަކުގެ މުސާރަތައް މިދިޔަ މާޗު މަހާއި އޭޕްރީލް މަހަށް ވަނީ 20 ޕަސެންޓް ކުޑަކޮށްފަ އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ސަރުކާރުން ކުރިން ހުށަހަޅައިގެން އިސް މަގާމުތަކުގެ މުސާރައިގެ 20 ޕަސެންޓް އުނިކުރި މިންވަރަށް ވުރެން އިތުރަށް ބައެއް މަގާމުތަކުގެ މުސާރައިން އުނި ކުރުމަށެވެ. އެ ގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީން މިއަދު ފާސްކުރީ 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށެވެ. 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ. އެ ގޮތަށް މުސާރަ ކުޑަ ކުރާނީ މި މެއި މަހަށާއި އަންނަ ޖޫން މަހަށާއި ޖުލަ މަހަށް ކަމަށް ކޮމިޓީން ނިންމި އެވެ.

މަޖިލީހުން ކަނޑައަޅާ ދައުލަތުގެ މަގާމުތަކުގެ މުސާރަ ކުޑަކުރަން ކޮމިޓީން ފާސްކުރިއިރު، އެހެން މަގާމުތަކުގެ މުސާރަތައް ކުޑަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން 20،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ ހުރިހާ މުވައްޒަފުންގެ މުސާރައިން ބައެއް މި ހާލަތަށް އުނިކުރަން ނިންމި އެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތުގެ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ގެންދާނެ އެވެ. މަޖިލީހުގެ ތަޅުމުގައި ރިޕޯޓަށް ބަހުސް ވެސް ކުރާނެ އެވެ. ކޮންމެ މެންބަރަކަށް ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އޭގައި ފަހު ގޮތެއް ނިންމާނީ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.