ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކޮމިޓީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "އަވަސް" އަށް މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން އަންގާފައިވާ މުވައްޒަފަކީ އަންހެން މުވައްޒަފެއް ކަމަށެވެ. އެކަމާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތާއި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ވެސް ކުރިއަށް ދާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ. އަދި މިރޭ އެ އިދާރާގައި ސިއްހީ ކުއްލި ހަލާތުގެ ގަރާރަށް ހިޔާލު ހޯދުމަށް ބާއްވަން ތާވަލުކޮށްފައިވާ ޕެނަލް ވެސް އޮންނާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

މިއީ މަޖިލީހުގެ އިދާރާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިންވަނަ މުވައްޒަފެވެ. މީގެ ކުރިން މަޖިލީހުގެ އިދާރާގެ މެއިންޓަނަސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކާއި އިދާރާގެ ވެހިކަލެއް ދުއްވާ ޑްރައިވަރަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑްއަށް ޕޮޒިޓިވްވި 2930 މީހަކު ފެނިފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ 546 މީހުންނަށެވެ. މިހާތަނަށް 2354 މީހަކު ބަލިން ފަރުވާ ލިބިފައިވާއިރު 15 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.