ހަބަރު

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރަން އެޖެންޑާކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މާދަމާ ހެނދުނު 11:00 ޖަހާއިރު ފަށާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެދި ރިޔާސަތަށް އަންގާފައި ވާތީ އެ ކަން އިއުލާން ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މުއައްސަސާއެއްގެ މެންބަރުން ވަކިކުރަން ކޮމިޓީއަކަށް ފެނިއްޖެނަމަ ވަކިކުރުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމުގެ ކުރިން ރިޔާސަތަށް އަންގަން ޖެހެ އެވެ. އަދި މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ރިޔާސަތުން އެ މައްސަލަ ކޮމިޓީއަށް ފޮނުވި ކަން އިއުލާން ކުރަން ޖެހެ އެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓަކީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ އާމްދަނީ އާއި މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން މީގެ ކުރިން ވެސް ބައެއް މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށި އެވެ. އޭގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަންގެ ގިނަ މެންބަރުންތަކެއް ވަކިކޮށް އެ ކޮމިޝަނަށް އާ މެންބަރުންތަކެއް އައްޔަން ކުރަން ރުހުން ދީފައިވެ އެވެ.