ކުޅިވަރު

ހީވަނީ މުޅިން އާ ސީޒަނެއް ފެށުނުހެން: މުލާ

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ބުންޑެސްލީގާ އަލުން ފެށުމުން ކުރެވެނީ އާ ސީޒަނެއް ފެށުމުން ކުރެވޭ އިހްސާސެއް ކަމަށް، ބަޔާން މިޔުނިކްގެ ވައިސް ކެޕްޓަން ތޯމަސް މުލާ ބުނެފި އެވެ.

ދެ މަސް ދުވަހަށް ފަހު އަލުން ފުޓްބޯޅަ ފަށާފައި ވާއިރު، ބަޔާން މިކުނިކް ކުޅުނު ފުރަތަމަ މެޗުގައި ރޭ އެ ޓީމުން ވަނީ ޔޫނިއަން ބާލިންގެ މައްޗަށް 2-0 ން މޮޅު ވެފަ އެވެ. މެޗުގެ ކުރީ ކޮޅު މުލާ ވަނީ ޔޫނިއަންގެ ގޯލަށް ބޯޅަ ވައްދާވެސް ލާފަ އެވެ. އެހެން ނަމަވެސް ވީއޭއާރު މެދުވެރިކޮށް ބެލުމުން އެނގުނީ އެ ގޯލް ޖެހިއިރު އޮފްސައިޑް ވެފައިވާ ކަމަށެވެ.

ޔޫރަޕްގެ ޓޮޕް ފުޓްބޯޅަ ލީގްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެށި ލިގަކީ، ބުންޑެސް ލީގާ އެވެ. ބަޔާންގެ ފުރަތަމަ މެޗަށް ފަހު ކުލަބުގެ ވެބްސައިޓަށް ދިން އިންޓަވިއުގައި މުލާ ބުނީ މެޗުގައި ކުރެވުނީ މުޅިން އެހެން އިހްސާސެއް ކަމަށާއި ކުޅެމުން ދިޔައިރު ވެސް ފިޒިކަލީ ވެސް އެކަން އިހްސާސް ކުރެވޭ ކަމަށެވެ.

"އާ ސީޒަން އޯގަސްޓްގައި ފަށާ ފުރަތަމަ މެޗު ކުޅޭ ކަމުގެ އިހްސާސެއް ކުރެވެނީ." މުލާ ބުންޏެވެ.

އޭނާ ބުނީ މެޗުގައި ބަޔާންގެ ފަރާތުން ފެނުނު ވަރަށްވުރެ މާ ރަނގަޅަށް ކުޅެވުނީސް ކަމަށެވެ. މެޗުގެ ފުރަތަމަ 25 މިނެޓް ހޭދަވީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.