ދުނިޔެ

އިންތިހާބުގެ ސައްހަކަން ކަށަވަރުކުރަން އދ. އިން ގޮވާލަންޖެހޭ ސަބަބެއް ނޯންނާނެ: ލަންކާ

ސްރީ ލަންކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެންގެ ބައިވެރިވުން ކަށަވަރުކޮށް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އދ. އިން ތަކުރާރުކޮށް ގޮވާލާފައި ވާތީ އެކަމަށް ލަންކާ ސަރުކާރުން ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރުޖަމާނުގެ ފަރާތުން ނެެރުއްވި ބަޔާނުގައި ވަނީ އިންސާފާއި ހަމަހަމަކަމާ އެކު މާދަމާގެ އިންތިހާބު ކުރިއަށް ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް މިިއީ ނުބައި ދަނޑިވަޅެއްގައި ނެރުނު އަދި ދައްކަން ނުޖެހޭ ވާހަކައެއް ދައްކާފައިވާ ބަޔާނެއް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އދ. އިން މިއަދު ބަޔާން ނެރުނު އިރު ސެކްރެޓަރީ ޖެނެރަލް ވެސް މި މޭރުމުން މީގެ ކުރިން ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ.

"ސްރީ ލަންކާ އިން ދަނީ 1931 ވަނަ އަހަރުން ފެށިގެން ވަރަށް ހަރުދަނާ ކަމާ އެކު، އަމާންކަމާއި ސުލްހަވެރިކަމާ އެކު ގަވާއިދުން އިންތިހާބުތައް ބާއްވަމުންނެވެ. އިންތިހާބުތަކުގައި އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓު ދިނުމުގެ މިނިވަކަން ސްރީ ލަންކާގައި އޮވެ އެވެ." އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ރައްދު ބަޔާނުގައި ބުނެފައިވެ އެވެ.

މި ބަޔާނުގައި ބުނެފަައި ވަނީ ލަންކާގެ އިންތިހާބުތަކުގައި ހުރިހާ ދަރިކޮޅެއްގެ އަދި ހުރިހާ ސަރަހައްދުތަކެއްގެ މީހުންނަށް މިނިވަންކަން އޮންނަ ކަމަށާއި އަބަދުވެސް އިންތިހާބުތައް ބާއްވަނީ އެންމެންގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަކީ މުސްތަގިއްލު ތަނެއް ކަމަށާއި އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ބައިނަލްއަގުވާމީ އޮބްޒާވަރުންގެ އެތައް ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.

"... މި ހުރިހާ ކަމެއް މިހެން ހުރި އިރު އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ތަކުރާރުކޮށް ގޮވާލުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައެއް ނުދެކެމެވެ." ލަންކާ ސަރުކާރުން ބުނެފައިވެ އެވެ.

މާދަމާގެ އިންތިހާބުގައި، 2005 ވަނަ އަހަރުން ފެށިގެން ރައީސްކަމުގައި ހުންނެވި މަހިންދަ ރާޖަަޕަކްސައާ ވާދަކުރައްވަނީ އޭނާގެ ކުރީގެ ހެލްތު މިނިސްޓަރު މައިތިރިޕަލަ ސިރިސޭނާ، 63، އެވެ. އިންތިހާބުގެ ކުރިން، ގާނޫނު ހަދާ މަޖިލީހުގެ 25 މެންބަރަކު ރައީސް ރާޖަޕަކްސަގެ ޕާޓީ ދޫކޮށް، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް ސިރިސޭނާ އަށް ތާއީދުކުރަން ވަނީ ނިންމަައިފަ އެވެ. މިއީ ލަންކާގެ ފަހުގެ ތާރީހެއްގައި ބާއްވާ އެންމެ ވާދަވެރި އިންތިހާބަށް ވެގެން ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.