ދިރިއުޅުން

ފަޔަށް ދެވަޒަން އެރި ތުއްތު ކުއްޖާ ސަލާމަތްވެއްޖެ

އަފްޣާނިސްތާނުގެ ކާބުލްގެ މެޓާނިޓީ ހޮސްޕިޓަލަކަށް ތިން މީހަކު ބަޑި ހިފައިގެން ވަދެ ދިން ހަމަލަތަކެއްގައި 24 މީހުން މަރުވި އެވެ. މަރުވި މީހުންގެ ތެރޭގައި ވިހައިގެން ތިބި މީހުންނާއި އެމީހުންގެ ދަރިން އަދި ނަރުހުން ހިމެނުނެވެ.
އެ ދުވަހު އަލަށް އުފަންވެފައި އޮތް ތުއްތު ކުއްޖެއްގެ ފުރާނަ މި ހަމަލައިން ސަލާމަތްވެފައި ވަނީ އާދަޔާޚިލާފު ގޮތަކަށެވެ. ދަ ޓައިމްސްގައިވާ މި ރިޕޯޓުގައިވާ ގޮތުން މި ކުއްޖާގެ ފަޔަށް ދެ ވަޒަން އެރި ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގައި ޑޮކްޓަރުން ވަނީ ކާމިޔާބު ހޯދާފަ އެވެ.

ހަމަލަދިން މީހުން ހޮސްޕިޓަލަށް ވަދެފައިވަނީ ޕޮލިސް އޮފިސަރުން ކަމަށް ހެދިގެން ފުލުހުންގެ ޔުނިފޯމްގަ އެވެ. ބޮން ގޮއްވައި، ބަޑި ޖަހައި ހެދުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި އަލަށް އުފަންވި ތުއްތު ދެ ކުދިން ވެސް ހިމެނުނެވެ. އަދި އިތުރު 15 ވަރަކަށް މީހުންނާއި ކުދިން ޒަޚަމްވި އެވެ.

މި ތުއްތު ކުއްޖާގެ ފަޔަށް ދެ ވަޒަން އެރިއިރު އެ ކުއްޖާ އުފަންވިތާ ވީ އެންމެ ތިން ގަޑިއިރެވެ. ނަސީބު ދިމާކުރި ގޮތުން ކުއްޖާގެ ފުރާނަ ސަލާމަތްވީ ނަމަވެސް އެ ކުއްޖާގެ މަންމަ ވަނީ މި ހަމަލައިގައި މަރުވެފަ އެވެ.

މި ކުއްޖާގެ ބައްޕަ ރަފީއުﷲ ވަނީ މި ކުއްޖާއަށް ނާޒިޔާގެ ނަން ދީފަ އެވެ. މިއީ އޭނާގެ މަރްހޫމް މަންމަގެ ނަމެވެ.
ދެ ވަޒަން އެރުމުގެ ސަބަބުން ތުއްތު ނާޒިޔާގެ ފައި ވަނީ ބިނދިފަ އެވެ. އަދި އޭނާއަށް ފަރުވާދޭ ޑޮކްޓަރުން އުންމީދު ކުރަނީ ނާޒިޔާ ހިނގޭ ވަރަށް ބޮޑުވީމަ ހިނގުމުގައި މައްސަލައެއް ދިމާނުވާނެ ކަމަށެވެ.

ނަމަވެސް މިހާ ތުއްތު ކުއްޖެއްގެ ފަޔަށް ދެ ވަޒަން އަރައި އަނިޔާވެފައިވާ މަންޒަރު ފެނުމުން ގިނަ ބަޔަކު ހިތް ހަލާކުވި ކަމަށް މި ރިޕޯޓުގައި ވެއެވެ.

މި ހަމަލާ އަށް ފަހު "ޑޮކްޓާޒް ވިތުއައުޓް ބޯޑާޒް" މެޓާނިޓީ ޔުނިޓުގެ އަންހެނަކު ވަނީ ހަމަލައިގައި މަރުވި މަންމައިންގެ ދަރިންނަށް ގާތުން ކިރު ދީފަ އެވެ. އޭނާ ބުނި ގޮތުގައި ޚުދް އޭނާ އަކީ ވެސް އަފްޣާނިސްތާނުގައި ހިނގަމުންދާ އިންސާނިއްޔަތު ހަލާކުކޮށްލުމުގެ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު މީހުންގެ ތެރެއިން މީހެކެވެ.

މި ހަމަލައިން ސަލާމަތްވި ޚަދީޖާ ކިޔާ މީހަކު ބުނީ ބަޑި ހިފައިގެން ތިބި ބަޔަކު އޭނާ އޮތް މެޓާނިޓީ ވޯޑަށް ވަން އިރު އޭނާ ވިހޭތާ ވީ ދެ ތިން ގަޑިއިރެވެ. އޭނާގެ ފުރާނަ ސަލާމަތްވީ ދަރިފުޅު ގަޔާ ބޮނޑިކޮށްލައިގެން ކަބަޑެއްގެ ދަށަށް ވަދެ ފިލާ އޮތީމަ ކަމަށް އޭނާ ބުންޏެވެ.