ބޮލީވުޑް

ރިޗާއާ ފަޒަލްގެ ކައިވެނި އަނެއްކާ ފަސްކޮށްފި

އެކްޓަރުން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ ކައިވެނި ކުރަން ހަމަޖެހިފައި އޮތީ މި މޭ މަހުގެ ތެރޭގަ އެވެ.

ނަމަވެސް އިންޑިއާ ލޮކްޑައުންއަކަށް ގޮސްފައި އޮންނަތާ 45 ވަރަކަށް ދުވަސް ވެފައިވުމާއި އަދިވެސް ލޮކްޑައުން އިތުރު ކުރަން ހަމަޖެހިފައިވާތީ ކައިވެނި ވަކި މުއްދަތެއް ނެތި ފަސް ކޮށްލަން މަޖްބޫރުވެފައިވާ ކަމަށް އަލީ ވަނީ ބުނެފަ އެވެ.

އަލީ ބުނި ގޮތުގައި އޭނާ ހުރިހާ ކަމެއް ވެސް ނަގަނީ ޕޮޒިޓިވް ކޮށެވެ. އެހެންވީމާ ވަކި ތާރީޚެއް ކަނޑައަޅާފައި ނުވިޔަސް ކައިރި މުސްތަގްބަލެއްގައި ކައިވެނި ކުރެވޭނެ ގޮތް ވާނެކަމަށް އުންމީދުކުރާ ކަމަށް އަލީ ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ ކައިވެނީގެ އުފާވެރިކަން ވެސް ދުނިޔޭގެ އެހެން އެންމެންނާއެކު ހިއްސާ ކުރަން. އެހެންވީމާ ކޮރޯނާވައިރަހުގެ ވަބާ ހަމަޔަކަށް އެޅި އެންމެންނަށް ވެސް ބޭރަށް ނުކުމެލާ އުޅެވޭވަރު ވީމަ ކައިވެނި ކުރަން ނިންމީ،" އަލީ ބުންޏެވެ.

އެ ދުވަހެއް އަންނަން ދެން އަލީ އާއި ރިޗާ އެމީހުންގެ ގޭގައި ވަގުތުތައް ހޭދަކުރަމުންދާއިރު އަލީ ބިޒީކޮށް އުޅޭ ފިލްމެއްގެ ސްކްރިޕްޓް ލިޔުމުގަ އެވެ. އަލީ ބުނީ އޭނާ ލިޔަނީ ކުރީ ޒަމާނުގެ ހާދިސާއެއް ހިމެނޭ ސްކްރިޕްޓެއް ކަމަށެވެ.