ފިނިޕޭޖް

"ކަބީ ޚުޝީ ކަބީ ޣަމް" ކުޅުނުއިރު ރިތިކް ހުރީ ބާކީވެފަ

ކަރަން ޖޯހަރް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން ދެ ވަނައަށް އޭނާ އުފެއްދި "ކަބީ ޚުޝީ ކަބީ ޣަމް" އަކީ ވަރަށް ހިތްގައިމު އާއިލީ ޑްރާމާ އެކެވެ. މި ފިލްމުގައި ދައްކަނީ އާއިލީ ލޯތްބާއި އާއިލާގެ އެންމެން އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރެވެ. ނަމަވެސް އެ ފިލްމު އުފެއްދުމުގެ މަސައްކަތް ޑައިރެކްޓަރު ކުރަމުން ދިޔައިރު ފިލްމުގެ ސެޓުގައި އޮތީ އެހާ ގުޅޭ އެކުވެރި މާހައުލެއް ނޫނެވެ. އެ ސެޓުގައި ފެތުރިފައި އޮތީ ނުރަނގަޅު ގޯސް ޚިޔާލުތަކެވެ.

އަސްލު ފިލްމުގައި ފެންނަ ފަދަ މަރުހަބާ ކިއުމާއި އެކުވެރިކަމެއް އެ ފިލްމުގެ ތަރިންގެ ކިބަޔަކުން ފެނިފައެއް ނެތެވެ. ޚާއްސަކޮށް ފިލްމުގައި ދެވަނަ ލީޑް ރޯލު ކުޅުނު ރިތިކް ރޯޝަން އަށް މި ފިލްމުގެ އެހެން ތަރިން ކަންތައް ކުރީ ވަރަށް ގޮސް ކޮށެވެ. ރިތިކް މުޅިން ބާކީ ކޮށްލާފައި ހުރުމުގެ ސަބަބުން ވަރަށް ހިތްދަތި ތަޖުރިބާތަކެއް އެ ފިލްމުން ރިތިކް އަށް ކުރަން ޖެހުނެވެ.

ކަރަންގެ ހަޔާތުގެ ވާހަކަ "އެން އަންސުއިޓެބަލް ބޯއި" ގައި ކަރަން ވަނީ އެ ދުވަސްވަރު ހިނގި ކަންތައްތަކުގެ ވާހަކަތައް ވެސް ކިޔުންތެރިންނާ ހިއްސާ ކޮށްފަ އެވެ.

ކަރަން ބުނެފައިވާ ގޮތުގައި ފިލްމުގައި ބައިވެރިވި އެކްޓަރުންގެ ތެރެއިން ޝާޙްރުކް ޚާން، އަމީތާބު ބައްޗަން، ޖާޔާ ބައްޗަން އަދި ކާޖޮލް އެއް ޓީމެކެވެ. އެ މީހުން ހުރީ ގަސްތުގައި ރިތިކް ބާކީކޮށް އެމީހުންނާ ދުރު ކޮށްފަ އެވެ. އަދި އެކަމާ ކަރަން ވަރަށް ދެރަވި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ރިތިކް އާއި އެހެން ތަރިން އެހާ ބޮޑަށް ޖައްސާލައިގެން އުޅުނީ ރިތިކްގެ ފުރަތަމަ ފިލްމު "ކަހޯ ނާ ޕިޔާރް ހޭ" އަށް ލިބުނު ބޮޑު ކާމިޔާބުގެ ސަބަބުން ކަމަށް ކަރަން ދެކެ އެވެ.

"ކަހޯ ނާ ޕިޔާރް ހޭ" ބްލޮކްބަސްޓާ ވުމުން ބޮލީވުޑްގެ އެންމެ އަލިގަދަ ސުޕަސްޓާރަކަށް ވާނީ ރިތިކް ކަމަށް އެންމެން ބުނަން ފެށި އެވެ. އަދި ޝާހްރުކް އާއި އޭނާއާ އަޅާ ކިޔައި، ޝާހްރުކް ވެސް ފަހަތަށް ޖައްސާލާފައި ރިތިކް އަރާނެ ކަމަށް އެ ދުވަސްވަރު މީޑިއާތަކުގައި ވަރަށް ގިނައިން ލިޔެފައި ވެއެވެ.

"ހަގީގަތުގައި އެއީ ވަރަށް ނާއިންސާފުން ވީ ކަމެއް. އޭރު ރިތިކް އަކީ ވަރަށް ޖޫނިއާ އެކްޓަރެއް. ޝާހްރުކް އަކީ އޭރު ވެސް ބޮޑެތި ކާމިޔާބުތައް ހޯދާފައިވާ އެކްޓަރެއް. ނަމަވެސް ރިތިކްގެ ފުރަތަމަ ފިލްމު ރިލީޒްވި ދުވަސްވަރަކީ ޝާހްރުކްގެ ދެ ފިލްމެއް ފްލޮޕްވީ ދުވަސްވަރަކާ ދިމާވީ. އެހެންވެ މީޑިއާ އިން އަވަހަށް ޝާހްރުކްގެ ދުވަސް ދިޔައީ ކަމަށް ނިންމައި ރިތިކް އަށް ތައުރީފު ކުރަން ފެށީ،" ކަރަން އޭނާގެ ފޮތުގައި ލިޔެފައި ވެއެވެ.

ކަރަން ލިޔެފައިވާ ގޮތުގައި އޭނާގެ ފިލްމުގެ ސެޓުގައި އެ ވަގުތު އޮތް ނެގެޓިވް ޚިޔާލުތަކާއި ކަންތައްތަކަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ އަދި ހިނގައިގެން ވާނެ ކަންތައްތަކަށް ނުވާތީ އޭނާ ހުރީ ވަރަށް ދެރަވެފަ އެވެ. އަދި ޝޫޓިންގް ހިނގަމުންދިޔަ ދުވަސްތަކުގައި އެމީހެއްގެ އަތުގައި ހިފާ ހިތްވަރު ދޭން ޖެހޭ އެކްޓަރަކީ ރިތިކް ކަމަށް އޭނާ ގަބޫލުކުރެ އެވެ. ސަބަބަކީ ބައްޗަންގެ ދެމަފިރިން ރިތިކް އާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވި އެވެ. ޝާހްރުކް ވެސް އުޅުނީ ދުރު ދުރުންނެވެ. ކާޖޮލް އަކީ ޝާހްރުކްގެ އެކުވެރިޔަކަށް ވާތީ އޭނާ އުޅެނީ ޝާހްރުކްގެ ފަހަތުން އޭނާ އުޅޭ ގޮތަށެވެ.

އެހެންކަމުން "ކަބީ ޚުޝީ ކަބީ ޣަމް"ގެ ސެޓުގައި ރިތިކް އުޅެފައިވަނީ "ލޮސްޓް ޗައިލްޑް" އެއް ގޮތަށް ކަމަށް ރިތިކް ސިފަ ކުރި އެވެ. އެހެންވެ ރިތިކްގެ ހިތްހަމަޖައްސައި ދޭން ކަރަން އަށް ވީވަރެއް ކުރި ކަމަށް އޭނާ ލިޔެފައި ވެއެވެ.

"އަހަންނަށް ގަބޫލުކުރެވުނު އަހަންނޭ ރިތިކްގެ އަތުގައި މި ވަގުތު ހިފަން ޖެހޭނީ. އެގޮތުން އަހަރެމެން ދެ މީހުންގެ މެދުގައި އެ ދުވަސްވަރު ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔަ. ރިތިކް އަކީ މީހުންނާ އެހާ ފަސޭހައިން އެކުވެރިވާން އެނގޭ އެކްޓަރެއް ނޫން. ޚާއްސަކޮށް އެދުވަސްވަރު އޭނާއަށް މީހުންނާ އިސް ނަގާ ވާހަކަ ދައްކާ އެކުވެރިކަން ބަދަހިކުރަން ވަރަށް ދަތި. ނަމަވެސް މިހާރު އޭނާ ވަނީ މިކަން ވަރަށް ބޮޑަށް އިސްލާހުކޮށްފައި،" ކަރަން ލިޔެފައި ވެއެވެ.

"ކަބީ ޚުޝީ ކަބީ ޣަމް" އަކީ 2001 ގައި ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށް ވިއެވެ. ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބިފައިވާ މި ފިލްމުގައި ދައްކަނީ ރައިޗަންދް އާއިލާގެ މެދުގައި ހިނގި ތަފާތު މައްސަލަ ތަކަކާއި އެކަމުގެ ސަބަބުން އެ އާއިލާއަށް ކުރިމަތިވީ ހިތްދަތިކަމެވެ.