"ކޮތަރަށް ކާން އެޅިންތަ؟ ގުރާތަކަށް ކާން ދިނިންތަ؟" ދެ ލޯ އުނގުޅަމުން ނަޝްފާނު ބޭރަށް ނުކުމެ ސުވާލު ކޮށްލި އެވެ.
ދޮންނަން ހުރި ތަށިތައް ޒިންކު ތެރޭގައި ބަހައްޓައިލަމުން އަހަންނަށް ބަލައިލެވުނެވެ. ނަޝްފާނުގެ މޫނަށެވެ. ނިދަން ލީ ސޯޓާއެކު ހުސް ގަޔާ އޭނާ ނުކުތީ މޫނު ވެސް ނުދޮވެ އެވެ. ދަތް ވެސް ނޫގުޅަ އެވެ. ގުރާކޮށި ކައިރީގައި ނަޝްފާނު ހުއްޓިލި އެވެ. އޭރު ވެސް ކޮށީގައި ތިބި ދެ ގުރާ އެކި ރާގު ރާގަށް ގޮވަމުން ދިޔަ އެވެ. ބާރު ބާރަށެވެ. ނަޝްފާނު ފެނުމާއެކު އެ ސޮރުމެންގެ ގޮވުން ބާރުވި އެވެ. ދެފިޔަ ޖަހައިލަމުން އުދުހެން ފެށި އެވެ. އަހަންނަށް ބެލުނީ ނަޝްފާނުގެ ހަރަކާތް ތަކަށެވެ.
"މި ބުނީ ކާން އެޅިންހޭ؟ ކީއްވެތަ ފާޑަކަށް ބަލަން ތިހުރީ؟" އަނެއްކާ ވެސް ނަޝްފާނު ސުވާލު ކުރި އެވެ.
"ނޫން." އަވަސް އަވަހަށް އަހަންނަށް ބުނެލެވުނެވެ.
"މިހާއިރު ވީއިރު ކާން ނާޅާ. އެހެރެ ބާރަ ޖަހަނީ. ރިޒުލާގެ ވިޔާނުދާ ކަމަކީ ތިއޭ. ބުނާ ގޮތަށް އެއް ކަމެއް ވެސް ވަނީކީ ނޫން. ކީއްކުރާ މީހެއް؟" ނަޝްފާނު ހިތްހަމަ ނުޖެހުނެވެ.
ނަޝްފާނު ކަބަޑުތަކުގެ ދޮރުފަތް ހުޅުންވަން ފެށިއެވެ.
"ހުސްވެފަ ހުރީމަ." އަހަރެން ބިރުން ތުރުތުރު އަޅައިގަތެވެ.
"އޭނ! ހުސްވީމަ ގަންނަން ވެސް ނޭނގުނީތަ؟" އަނގައިގެ ވަރު އެލުވާލަމުން ނަޝްފާނު ބުނެލި އެވެ. "ކިހާ ދެރަކަމެއް؟"
"ލާރި ނެތީމަ." އަހަންނަށް އިނގިލިތަކުން ކަށިގޮއްވަން ފެށުނެވެ.
"އޭނ. ހަމަ މަށަށް ޖެއްސުން ކުރަން. ލާރި ނެތިއްޔާ ނެތް ވާހަކަ ވެސް ބުނަން ޖެހޭނެއްނު." ނަޝްފާނު ރުޅި ގަދަވި އެވެ.
"ނަޝްފާނު ރަށުގަ ނެތީމަ ނުބުނެވުނީ. ފޯނުގަ ބެލެންސް ވެސް ނެތީމަ ނުގުޅުނީ." ތުންފަތް ތުރުތުރު އަޅަން ފެށީ އެ ވަގުތެވެ.
"ފޮތުގަ ޖައްސާފަ ވެސް ގެނެވޭނެއްނު،" ނަޝްފާނު އަހަންނާ ދިމާއަށް އައެވެ. "އެހެންޏާ ވެސް ގެންނަނީ އެގޮތަކަށްނު."
"ނުލިބޭނޭ ބުނީ. ކުރިން ނެގި އެއްޗެއްސަށް ލާރި ދިނީމައޭ ދެން އެއްޗެއް ލިބޭނީ ބުނީ." އަހަންނަށް ފަހަތަށް ޖެހިލެވުނެވެ.
"ކަލޭއަށް ދޭހާ ލާރިއެއް ކޮންތާކަށްތަ ތި އަޅަނީ؟" ނަޝްފާނު އަހަރެން ކުރި މައްޗަށް ހުއްޓުނެވެ.
ތަށި ފޮހެން ގެންގުޅު ތުވާލިގަނޑު އަތުން ދޫވި އެވެ. ނަޝްފާނުގެ މޫނު ފެނުމުން ގައިން ހީބިހި ނަގައިގަތެވެ. އެ ދެ ލޯ ފެނުމުން ބިރުވެރިކަން އިތުރުވެ ނޭވާ ހާސްވާ ގޮތްވި އެވެ.
"ބުނަން ވާހަކައެއް، އެއިން ދޫންޏެއް ބަނޑަށް މަރުވެއްޖެ ނަމަ ކަލޭގެ ސަންދޯއް ވެސް ނެރެން ޖެހިދާނެ." އަހަރެންގެ ކޮލުގައި ހިފައިލަމުން ނަޝްފާނު ބުނެލި އެވެ.
ނަޝްފާނުގެ އިނގިލިތައް ކޮލުގެ ތެރެއަށް ވަންނަމުން ދިޔުމުންނެވެ. ކޯތާފަތަށް ތަދު އިހުސާސްވަމުން ދިޔައެވެ. ދެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހިގަތެވެ.
"ކައޭއަށް އޮންނާނީ ބުނެދީފަ، ކިޔައިދީފަ. ކުރަންޖެހޭ ކަންކަމާއި ކުރަން ނުވާނެ ކަންކަން،" ނަޝްފާނުގެ ވައަތުގެ ޝަހާދަތް އިނގިލި އަހަރެންގެ ނޭފަތަށް އަމާޒު ކޮށްލި އެވެ. "މިއަދު ވެސް ބޮނޑިއެއް ނުލިބެނީސް ކާއެއްޗެހި ގަނެގެން އާދޭ."
ކުއްލިއަކަށް ނަޝްފާނުގެ މިޒާޖު ބަދަލުވާން ފެށިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ގަޔަށް އަރައިފައި ހުރި ބާރުގަނޑު ކެނޑެމުން ދިޔައެވެ.
"ވޮލެޓުގައި އޮންނާނޭ ރުފިޔާ،" ނަޝްފާނު އަހަރެންގެ ކޮލުން އަތް ދޫކޮށްލަމުން ބުނެލި އެވެ. "ނޫން! އަހަރެން އަންނާނަށް ގަނެގެން. ގެއަށް ބޭނުންވާ އެއްޗެއް އެބައޮތްތަ؟"
އަހަންނަށް ހުރެވުނީ ބަލާށެވެ. ނަޝްފާނުގެ މޫނަށެވެ. އޭނާއަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ. އޭރުވެސް އަހަރެންގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މަޑުމަޑުން ގިސްލެވެމުން ދިޔަ އެވެ. ދޭތެރެ ދޭތެރެއިން ނޭފަތް ދަމާލަން ޖެހެއެވެ. ނަޝްފާނު ބަލައިލީ އަހަރެންގެ މޫނަށެވެ.
"ސޮރީ! ރުޅި އާދެވުނީ. އެ ސޮރުމެން ބަނޑުގައި ވެފައި ތިބިތަން ފެނުނީމަ،" ނަޝްފާނު އަހަރެންގެ ދަތްދޮޅީގައި ހިފައިލަމުން މައްޗަށް ހިއްލައިލި އެވެ. "އަހަރެން ރިސޯޓުގައި ދެ ހަފުތާވީއިރު އެ ސޮރުމެން ކައިގެން ތިބީމަ ދޯ މަރުނުވީ. އެކަން ކުރީ ހަމަ ރިޒޫ ވިއްޔަ ދޯ."
އަހަރެންގެ ދެ ލޮލަށް އޭނާ ބަލައިލި އެވެ. އޭނާގެ އިނގިލިތަކުގެ ނުފުށުން އަހަރެންގެ ލޯ ކައިރީ ފޮހެލަ ދިނެވެ. އެ ފިރުމުގައި ހުރީ އޯގާތެރިކަމެވެ. ހަމްދަރުދީ އެވެ.
"ދެން ހުއްޓައިލާ!" ނަޝްފާނު އަހަރެންގެ ގައިގައި ބައްދައިލި އެވެ. "ރުޅި އިސް ކުރެވުނީ. ވަރަށް ދެރަވެއްޖެ."
އަހަނަންނަށް ހުރެވުނީއެވެ. ގަނޑުވެފަ އެވެ. ގުޑިލަން ވެސް ނޭނގިފަ އެވެ. ހަރަކާތެއް ކޮށްލަން ވެސް ނުކުރިފަ އެވެ. ނަޝްފާނުގެ މިޒާޖަށް އަންނަ ބަދަލުތައް އެނގޭތީ އެވެ. އިތުރު އަނިޔާއެއް ލިބިދާނެތީ އެވެ. ކުއްލިއަކަށް ކޮށީގައި ތިބި ގުރާތައް ބާރުބާރަށް ގޮވާލި އެވެ. ޖެހިގެން ހުރި ކޮށީގައި އިން ކޮތަރުގެ ރަސްމީ ރާގު އަޅުވާލި އެވެ. ނަޝްފާނު ބަލައިލީ ގުރާ ކޮށްޓަށެވެ.
"އަހަރެން އަންނަން ވާއިރަށް އެ ސޮރުމެންނަށް ފެން އަޅައިލާތި؟" ނަޝްފާނު ތައްޔާރު ވެގެން ބޭރަށް ނުކުމެ ދޮރުން ބޯ ދިއްކޮށްލުމަށް ފަހު، ކަމެއް ހަނދާވުމުން ބުނާހެން ބުނެލި އެވެ.
އޭރުވެސް އަހަންނަށް ޒިންކު ކައިރީގައި ހުރެވުނީ އެވެ. ނަޝްފާނުގެ ހަރަކާތްތަކަށް ބަލާށެވެ. ނަޝްފާނު ބޭރަށް ނުކުތް އިރަށް ގުރާތައް ގޮވާން ފެށި އެވެ. ބާރުބާރަށެވެ. އެކި ރާގަށެވެ. އަހަންނަށް ހުރި ގޮތަށް ތިރިވެވުނެވެ. ކަބަޑުގައި ބުރަކަށި ޖައްސައިލެވުނެވެ. ދެ ކަކޫ ގަޔާ ކައިރި ކޮށްލެވުނެވެ. ލޮލަށް ޖަމާވި ކަރުނަތައް އެކުގައި އޮހިގަތެވެ. އެވަގުތު ބަޑި ފަޅައިގެން ދިޔަ އެވެ.
އެތައް ޚިޔާލެއް ސިކުނޑި ތެރެއަށް ޖަމާވަމުން ދިޔަ އެވެ. އެކިތަނުން އެކި ޚިޔާލެވެ. އެކި ހަނދާނެވެ. ނަޝްފާނާ ރައްޓެހިވެގެން އުޅުނު އިރުގެ އުފާވެރި ހަނދާންތަކެވެ. އޭނާގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު ލޯތްބެވެ. ކައިވެނި ކުރި ދުވަހެވެ. މަޑުމަޑުން ނަޝްފާނުގެ މިޒާޖުން ފެންނަމުން ދިޔަ ނުކިއްސަރު ކަންކަމެވެ. އޭނާގެ ރުންކުރުކަމެވެ. ކުއްލިކުއްލިއަށް އަންނަ ރުޅިއެވެ. އެ ހަނދާންތަކުގެ ތެރެއަށް ގެނބުނެވެ.
"މަ ކޮންމެ ގޮތަކަށް އުޅުނަސް އެއީ ރިޒުލާއާ ބެހޭ ކަމެއް ނޫން. މަ ރައްޓެހިންގެ ގޮތުގައި ގެންގުޅޭނެ ބަޔަކާއި މަށާއެކު އުޅޭނެ ބަޔަކު އެނގޭނީ މަށަށް. އެއީ މަގޭ މިނިވަންކަން." ނަޝްފާނުގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުތަކުގެ ވާހަކަ ދެއްކުމުން ފުރަތަމަ ފަހަރަށް އޭނާ ރުޅި އިސްކުރި އެވެ.
"މަށަށް ބެހެވޭނެ. މަށަކީ ނަޝްފާނުގެ އަނބިމީހާ ކަމުގައި ވާނަމަ މަށަށް ގޮތް ކިޔޭނެ. ވާހަކަ ދެއްކޭނެ. ނަސޭހަތް ދެވޭނެ،" ނަޝްފާނުގެ ކުރިމަތީގައި އަނގަ ހުޅުވަން މަޖުބޫރުވުމުން އަހަރެން ފެށީމެވެ. "އެހެން ނޫނަސް އެ މީހުންގެ ހުރި ގޮތްތައް ނަޝްފާނުގެ އުޅުމަށް ތިހިރަ ވަދެ ހުސްވަނީ."
"އޭނ! ކަލޭ މަ ކުރިމަތީ މިހާރު ފުއްޕަން ފެށީތަ؟" ނަޝްފާނު ހޫނު ހަމަލާ އެންމެ ފުރަތަމަ އަމާޒުވީ އަހަރެންގެ އަނގަ މައްޗަށެވެ.
ވީތަދުން މޫނުން ތަރި ބުރައިގެން ދިޔަ އެވެ. އަހަންނަށް އަނގަމަތީގައި އަތް އެޅުނެވެ. ލޮލުން ކަރުނަތައް އޮހިގަތެވެ. އޮލަ އެއްޗެއްގައި އަތް ޖެހުނުހެން ހީވުމުން އިނގިލިތައް ބަލައިލީމެވެ. ފެނުނީ ރަތް ލެޔެވެ. ގަނޑު ލެޔެވެ. އަނެއްކާ ވެސް އަނގަމަތީގައި އަތް އެޅުނެވެ. ނަޝްފާނު ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ. އޭރު އޭނާ އަތްމަޅައިގެން ހުރީ ދެވަނަ ބޮނޑިއެއް އެޅުމަށެވެ. އަހަރެންގެ އަނގަމަތި ފެނުމުން އޭނާގެ އަތް ތިރިވިއެވެ. މޫނުމަތިން ފެންނަމުން ދިޔަ ރުންކުރު ގޮތްގަނޑު ބަދަލުވި އެވެ.
"ސޮރީ!" ނަޝްފާނުގެ ހަރަކާތްތައް އެކުގައި ބަދަލުވި އެވެ.
އެ ދުވަސް ވެސް ނިމިގެން ދިޔައީ އެވެ. އަނގަމައްޗަށް ލަކުނެއް އިތުރު ވެގެންނެވެ.
އެހެން ރެޔެކެވެ. ނަޝްފާނަށް ގުޅައިގުޅާ ފޯނަށް ޖަވާބެއް ނުދިނެވެ. އަހަރެން ނުނިދިފައި އޮތީމެވެ. ދޭތެރެއަކުން ގަޑިއަށް ބަލައި ލެވެއެވެ. ނުވައެއް ޖެހީއްސުރެ އިންތިޒާރު ކުރެވެމުން ދިޔައީ ނަޝްފާނަށެވެ. ދެތިން ފަހަރަކު އާފުރިލެވުނެވެ. އަނެއްކާ ވެސް ގަޑިއަށް ބަލައިލެވުނެވެ. އޭރު އެކެއް ޖަހަނީ އެވެ. އަހަރެން ގަދަ ކަމުން ދެ ލޯ ހުޅުވާލީމެވެ. ނިދިން ބަރުވަމުން ދިޔަ ދެ ލޯ ހުޅުވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ސޯފާގައި އޮށޯވެލީމެވެ.
ގުރާތަކެއް ގޮވާ އަޑު އިވުނެވެ. މަޑުމަޑު މަޑުން ދެ ލޯ ހުޅުވާލީމެވެ. އަހަންނަށް ވަށައިގެން ހޯދާލެވުނެވެ. ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ކުޑަކުޑަ ގުރާ ކޮއްޓެވެ. މަޑު ނޫކުލައިގެ ގުރައަކާއި ދޮންފެހި ކުލައިގެ ރީތި ގުރައެއް ކޮށީގައި އިނެވެ. މަޑުމަޑުން ގުރާ ކޮށި ކައިރިއަށް ޖެހިލެވުނެވެ. ލޮލުގައި އަޅައިގަތީ އިތުރު ކޮއްޓެކެވެ. އެ ކޮށީގައި އިނީ ހުދުކުލައިގެ ރީތި ރީތި ކޮތަރެކެވެ. އެ ސޮރު ވެސް އަޑު ލައްވަމުން ދިޔަ އެވެ. ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނެވެ.
"ދެން ފޫހި ވާކަށް ނުޖެހޭނެ. މި ސޮރުމެން ރަނގަޅަށް ބަލާތި!" ނަޝްފާނުގެ އަޑު އިވުމުން ކޮޓަރިއާ ދިމާއަށް ބަލައިލީމެވެ. "ރިޒޫ އަބަދު ވެސް ކުރާ ޝަކުވާއަކީ އެޔެއްނު. ގޭގައި އެކަނި އިންނަން ޖެހުމެއްނު."
"އަހަރެން ބަލަން ގެންނަން މިއަށް ވުރެ ރަނގަޅު އެއްޗެއް ނުލިބުނީތަ؟" އަހަރެން ގާތަށް ރުޅި އާދެވުނެވެ.
"ކިހިނެއްވީ؟ މި ކިހައި ރީތި؟ ކިހައި ލޯބި؟" ނަޝްފާނު ހިނިތުންވެލި އެވެ.
"ބަލަ އަހަރެން ބުނީ މި ވާހަކައެއް ނޫނޭ. ކީއްވެތަ ނަޝްފާނަށް ނުވިސްނޭ ކަމަށް ތިހަދަނީ؟ އަހަރެން ބޭނުންވަނީ، އަހަރެންގެ އުނގުފަޅުފިލުވައި ދޭނެ ކުއްޖެކޭ. ބޭބީއެއް." ނަޝްފާނުގެ މޫނަށް ބަލަން ހުރެ އަހަރެން ބުނެލީމެވެ.
"ކިހައި ދެރަ ކަމެއް؟ ގެއަށް ވަދެއްޖެ ނަމަ ކުއްޖެއް، ކުއްޖެއް. ބޭބީއެއް. ފޫއްސޭ، އެކަނިވެރިއޭ. މި ނޫން އަޑެއް އިވެނީކީ ނޫން،" ނަޝްފާނު ރުޅިއަންނަ ގޮތްވި އެވެ. "އަހަރެން ކިހައި ސާފުކޮށް ބުނެފިން. އަދި އަހަރެން ކުއްޖަކު ބޭނުމެއް ނޫނޭ. އެހެން ނޫނަސް މިހާ ޒުވާންކޮށް ތިބެ ދަރިން ބަލާކަށް ނޫޅެވެނޭ. އަހަރެން ތައްޔާރެއް ނޫން."
"އަހަރެން ބޭނުންވާ ގޮތަށް ކަންކަން ކޮށްނުދެވޭނަމަ އަހަރެން ދޫކޮށްލާ!" އަހަރެން ގަދަ ކޮށްލެވޭތޯ ބެލީމެވެ.
"އޭނ! ކަލޭ މިހާރު މަށަށް ގޮތް ކިޔައިދޭން ވެސް ފެށީތަ؟" ނަޝްފާނު ހިތްހަމަ ނުޖެހުނެވެ. "މަ ކިތައް ދުވަހު ބުނާނީ މަށަށް ގޮތް ކިޔައި ނުދޭށޭ. މަ ކުރިމަތީގަ ޒުވާބު ނުކުރާށޭ."
"ނަޝްފާނަށް ވާނީ ޒުވާބުކުރާ ކަމަށް. ކިރިޔާ ރަނގަޅަކަށް އެއްޗެއް ބުންޏަސް." ލަސްލަހުން ހިންދިރުވާލަމުން އަހަރެން ބުނެލީމެވެ.
ނަޝްފާނު މުށްކަވާލިއެވެ. ނާރުތައް ފުފިގެން ދިޔައެވެ. އަހަންނަށް އެ މަންޒަރު ފެނުނެވެ. އެހެންވެ ވާހަކަ ދެއްކުން ހުއްޓައިލީމެވެ. ނަޝްފާނުގެ ހަމަލާ އަމާޒުވީ އަހަރެންގެ ކޯތާފަތް މައްޗަށެވެ. އެއާއެކު މުށިގަނޑު މައްޗަށް ވެއްޓުނެވެ. އަނެއްކާ ވެސް އަހަންނަށް ބަލައިލެވުނެވެ. އޭނާގެ ބެލްޓު އަތަށް އޮޅައިލި އެވެ. އަހަންނަށް މޫނާއެކު ބޮލުގައި އަތް އެޅުނެވެ. މުށިގަނޑާ ދިމާއަށް މޫނު ތިރި ކޮށްލެވުނެވެ. ސަލާމަތަށް އެދި ހިތްގޮވަމުން ދިޔަ އެވެ. ދެވަނަ ހަމަލާ އަމާޒުވީ އަހަރެންގެ ބުރަކަށްޓަށެވެ. ބެލްޓުން ބުރަކަށީގައި ޖެހުނުއިރަށް މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ. ބާރުބާރަށް ރޮއިގަނެވުނެވެ. ދެތިން ހަމަލާ އަމާޒުވި އެވެ. އަތާއި ބުރަކައްޓަށެވެ. އަޅަމުން ދިޔަ ވޭނަށް ކެތް ނުވެވޭ ވަރުވިއެވެ. ރޮއިރޮއި ގޮސް ހިނދޭ ގޮތްވިއެވެ. ބާރުބާރަށް ހަޅޭއްލަވަން ފެށުނެވެ.
ކުއްލިއަކަށް ނަޝްފާނު ހުއްޓައިލި އެވެ. އަހަންނަށް ބަލައިލެވުނެވެ. ގައިގެ އެތަން މި ތަނުގައި އަތުން ފިރުމަމުންނެވެ. ދިލަ ނަގައިވަރުން ކެތް ނުވެގެންނެވެ. ނަޝްފާނުގެ އަތުން ބެލެޓު ދޫވި އެވެ. ރޮއިރޮއި ގޮސް ހިނދޭ ގޮތް ވިއެވެ. ނޭވާ ހާސްވާ ހެން ހީވަމުން ދިޔަ އެވެ. ރަނގަޅަށް ދެ ލޯ ހުޅުވާލެވޭތޯ ބެލީމެވެ. ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަހަރެންގެ ދެ ލޯ މެރޭގޮތް ވިއެވެ.
ލޯ ހުޅުވާލެވުނެވެ. އެސްފިޔަ ޖަހައިލެވެނެވެ. އަވަސް އަވަހަށެވެ. ފެނުނީ ނަޝްފާނުގެ މޫނެވެ. ފެންކަޅި ވެފައިވާ ދެ ލޯ ފެނިފައި އަހަރެންގެ ހިތް ވެސް މޮޅިވި އެވެ. ހިތުގައި ރޯވަމުން ދިޔަ އަލިފާން ގަނޑު ނިވުނު ކަހަލަ އެވެ.
"ސޮރީ." ކުރަކި ވެފައިވާ އަޑަކުން ނަޝްފާނު ލަސްލަހުން ބުނެލި އެވެ.
އަހަންނަށް ބެލުނީ އޭނާގެ މޫނަށެވެ. އެ ފުން ދެ ލޮލަށެވެ. އުއްމީދެއް ފެންނަހެން ހީވާތީ އެވެ. އަހަރެން ދަންނަ ނަޝްފާނަކީ އަނިޔާވެރިއެއް ނޫނެވެ. އޭނާއަކީ ގޯސް މީހެއް ނޫނެވެ. ނަމަވެސް، ކުއްލިއަކަށް އޭނާއަށް ބަދަލުތަކެއް އައީއެވެ. ކީއްވެގެން އައި ބަދަލެއް ކަމެއް އަހަންނަކަށް ވެސް ނޭނގެ އެވެ. މީހުން ބުނަނީ ތެދެކެވެ. މީހުން ގޮތް އެނގޭނީ އެއް އޮޑިއަކުން ދަތުރު ކޮށްލީމަ އެވެ. އެކުގައި އުޅޭ ރަހުމަތްތެރިންގެ ހުންނަ ސިފަތައް ފަސޭހައިން ގައިން ގަޔަށް އަރާނެ އެވެ. ނަޝްފާނަށް ވެސް އެހެން ވަނީ ކަން ނޭނގެ އެވެ.
ދޮރު ހުޅުވުނު އަޑަށް އަހަންނަށް ދެ ލޯ ހުޅުވާލެވުނެވެ. އަވަސްއަވަހަށް ތެދުވެވުނެވެ. މި ހުރިހާ އިރު، އަހަންނަށް އިނދެވުނީ ޒިންކު ކައިރީގަ އެވެ. ޚިޔާލުތަކުގެ ދުނިޔެއެއްގަ އެވެ.
"ބަލަ އަދިވެސް ހުރީތަ؟" ނަޝްފާނު ރުންކުޅު ރާގެއްގައި ބުނެލި އެވެ.
ނަޝްފާނު ގެނައި އެއް ކޮތަޅު މޭޒުމަތީއި ބެހެއްޓި އެވެ. އެ ކޮތަޅުން ޕެކެޓެއް ނެގި އެވެ. އަވަސް ހަރަކާތަކާއެކު އެ ޕެކެޓު ކަނޑައިލި އެވެ. ގުރާ ކޮށްޓާ ދިމާއަށް ހިނގައިގަތެވެ.
"ރިޒުލާ!" ނަޝްފާނު ބާރަށް ހަޅޭއްލަވައިގަތެވެ.
އަހަންނަށް ދުއްވާގަނެވުނެވެ. ނަޝްފާނާ ދިމާ އަށެވެ.
"އަހަރެން ދިޔައީ ފެން ބަދަލު ކުރަން ބުނެފައެއް ނޫންތަ؟" ނަޝްފާނު ހިތްހަމަ ނުޖެހުނެވެ.
ދެ އަތުން ކަށި ގޮއްވަމުން އަހަންނަށް ބަލަން ހުރެވުނީ އެވެ. ނޭވާ އަވަސްވަމުން ދިޔަ އެވެ. އޭރު ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް އަނެއްކާ ވެސް ކޯތާފަތްތަކަށް އޮހިގަތެވެ.
ނަޝްފާނުގެ ހަރަކާތްތައް އަވަސްވި އެވެ. އޭނާގެ އަތުގައި އޮތް ޕެކެޓު މުށިގަނޑު މައްޗަށް ވެއްޓުނެވެ. ނަޝްފާނު ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަންނަށް އިސް ޖަހައިލެވުނެވެ. އޭނާ ތުރުތުރު އަޅައިގަތެވެ. ދެވަނަ ފަހަރު އަހަންނަށް އޭނާއަށް ބަލައިލެވުނެވެ. ނަޝްފާނުގެ ކަރުގެ ނާރުތައް ފުފިގަތެވެ. އަހަންނަށް ފަހަތަށް ޖެހިލެވުނެވެ.
"މީ ކަލޭގެ ސުންޕާ!" ނަޝްފާނު އަތުގައި ހުރި ފެންތަށި އަހަރެންގެ މޫނާ ދިމާއަށް އުކައިލި އެވެ.
މުޅި މޫނަށް އެ ފެންތައް އެޅުނެވެ. އެތެރެއަށް ނޭވާ ދަމައިލެވުނެވެ. އެއީ ދޫނިތަކުގެ ނަޖިހާ އެސޮރުމެންގެ ކާއެއްޗެހި އެޅިފައި ހުރި ފެންތަކެވެ. އެތެރެއަށް ނޭވާ ދަމާލެވުނެވެ. ނޭފަތަށް އެޅުނު ފެންތަކާއެކު ކަރުބުޑުގައި ވެސް ނަޖިސް ރަހަ ލަމުން ދިޔަހެން ހީވި އެވެ. އަހަންނަށް ބާރުބާރަށް ރޮއިގަނެވުނެވެ. އަވަސްއަވަހަށް މޫނު ފޮހެލަމުންނެވެ. ނަޝްފާނު ރުޅި ގަދަވެގެން ނުކުތީ ބޭރަށެވެ.
"މިތަން ސާފުކުރޭ! އަންނަންވާއިރަށް ނިންމާތި؟" ނަޝްފާނު ހިތްހަމަ ނުޖެހިގެން ބޭރަށް ނިކުތެވެ.
ހިތައިހިތުން އަހަންނަށް ހަމުދު ކުރެވުނެވެ. އަނިޔާއެއް ނުލިބި އޭނާގެ ކިބައިން ސަލާމަތްވުމުންނެވެ. އޭނާ އެ ދިޔައީ ކޮންތަނަކަށް ބާއޭ ހިތަށް އެރި އެވެ. ދެތިން ސުވާލެއް ހިތަށް ވެރި އެވެ. އަހަންނަށް ބަލައިލެވުނީ މުށިގަނޑު މައްޗަށެވެ. މުޅި ތަނުގައި އޮތީ ދޫނީގެ ކާނާ އެވެ. ދެވަނަ ސިކުންތުގައި ބޭރަށް ނުކުމެ ނަޝްފާނުގެ ކުރާ ކަމެއް ބެލުމަށް ހިތް ބުނެލި އެވެ. ނޭނގޭ ގޮތަކަށް ހިތްތެޅިގަތީ އެވަގުތުއެވެ. އަހަނަށް ދުއްވައި ގަނެވުނެވެ. ބެލްކަންޏަށް ނުކުމެ ތިރިއަށް ބަލައިލެވުނެވެ. އޭރު ނަޝްފާނު މަގު ހުރަސް ކުރަނީ އެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އިވުނީ ބާރު އަޑުފަށް ގަނޑެކެވެ. ބާރު ދުވެލީގައި މައި މަގަށް ނުކުތް ކާރެއް ނަޝްފާނުގެ ގައިގައި ޖެހުނީ އެވެ. ނަޝްފާނު ވެއްޓުނެވެ. ކާރުގެ ސުޕީޑު މަތަނުވެ އެގޮތް މިގޮތްވަމުން ދިޔަ އެވެ. ބޮލުގައި އަތް އަޅައިގެން ހުރެ އަހަންނަށް ހަޅޭއްލަވާ ގަނެވުނެވެ. އަވަސް އަވަހަށް ތިރިއަށް ދުއްވައިގަނެވުނެވެ. ތިރިއަށް ދެވުނުއިރު މީހާ ހުރީ ވަރުބަލިވެފަ އެވެ. މާނޭވާލެވޭ ގޮތް ވެފައެވެ.
އޭރު މަގުމައްޗަށް މީހުން ޖަމާވަމުން ދިޔައެވެ. މީހުންތަކުގެ ތެރެއިން ޖާގަ ހަދަމުން އަހަންނަށް މެދަށް ވަދެވުނެވެ. ފެނުނީ ދުވަހަކު ވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ނަޝްފާނެވެ. އޭނާއަށް ވެފައިވާ ގޮތެވެ. އަނގަމަތީގައި އަތްއެޅުނެވެ. ރޮމުން ގިސްލަމުންނެވެ. ކާރު ދަށުވެ ނަޝްފާނުގެ ބޮލުގެ ނާށިގަނޑު އޮތީ ޗިސްޗިސްވެފަ އެވެ. ސިކުނޑި ވެސް އޮތީ މާ ދުރުގައެވެ. އަހަންނަށް ނަޝްފާނު ގާތަށް ތިރިވެވުނެވެ. ކޮންމެ ވެސް މީހަކު އަހަރެން އަތުގައި ހިފައި ނެގިއެވެ. އެހައި ހިސާބުން ޚަބަރު ހުސްވީއެވެ.
ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލުގަ އެވެ. އެނދުމަތި ކުރެވިފައެވެ. ގާތުގައި މަންމަ އިނެވެ. އަހަންނަށް އަހައިލެވުނީ ނަޝްފާނު ކޮބައިތޯ އެވެ. މަންމަގެ ޖަވާބެއް ނުލިބުމުން އަނެއްކާ ވެސް ސުވާލު ކޮށްލީމެވެ. މަންމަގެ ދެ ލޮލަށް ބަލައިލަމުން ތިންވަނަ ފަހަރަށް ސުވާލުކޮށްލީމެވެ.
"ނަޝްފާނު ދެން ނާންނާނެ." ކަރުނުން ބަރުވެފައިވާ މަންމަގެ ދެ ލޯ ފެނުމުން އަހަންނަށް ރޮވުނެވެ.
ދެ ދުވަސްފަހެވެ. މަންމަގެ ނަސޭހަތުން ހަމައަކަށް އެޅުނެވެ. ކެތްތެރިކަން އިސް ކުރީމެވެ. އާ ހިތްވަރަކާއެކު ތެދުވެ ހިނގައިގަތީމެވެ. ގެއަށް ދިޔުމަށް ކާރަށް އެރީމެވެ. އަހަންނަށް އިނދެވުނީ ނެގި މަޑުވެފަ އެވެ. ގަބުއަރާފަ އެވެ. ސިފަވަމުން ދިޔައީ ނަޝްފާނަށް ވެފައި އޮތް ގޮތެވެ. ދެވަނަ ސިކުންތުގައި އޭނާގެ އަތް އިސްކުރުމާއި އަނިޔާވެރި މަންޒަރުތައް ސިފަވާން ފެށި އެވެ.
ގެގޭ ދޮރު ހުޅުވާލެވުނެވެ. ގުރާތަކާއި ކޮތަރުގެ ހަޅޭއްކުގެ އަޑު އިވެން ފެށި އެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން އަހަންނަށް ހިނގައިގަނެވުނެވެ. ކޮތަރު ކޮށި ކައިރީގައި ހުއްޓިލެވުނެވެ. އެ ސޮރާ ދިމާއަށް ގުދުވެލަމުން ބަލައިލެވުނެވެ.
"ކޮންމެ ބަންދަކީ އަނިޔާއެއް. އެކަމަކު ކޮންމެ އަނިޔާއަކީ ބަންދަކުން ލިބޭ އެއްޗެއް ނޫން." އަހަންނަށް ބަލައިލެވުނީ ކޮތަރުގެ ލޮލަށެވެ.
ދެފަހަރަކު އެސޮރު އެސްފިޔަ ޖަހައިލިއެވެ. އެ ސޮރުގެ ކަރުބުޑުން އަޑެއް ލައްވާލިއެވެ.
"އާން! ތިބުނީ ރަނގަޅަށް. ލޯބިވިޔަސް ނުވިޔަސް، ބޭނުންވިޔަސް ނުވިޔަސް، އަނިޔާއަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ނަފުސާނީ، ޖިސްމާނީ، ޖިންސީ އަނިޔާއާ ދެކޮޅަށް ތެދުވަން ޖެހޭ. ފިރިންގެ ސިއްރުތަކޭ ބުނެ އިހުސާސްތައް ކޮށީގެ ތެރޭގައި ބަންދުކޮށްގެން ތިބުމަކީ ގޯހެއް. އަހަރުމެން އަންހެނުންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ އެ. ރަނގަޅުވާނެ ކަމަށް، ފަހުން މޮޅު ގޮތެއް ވާނެކަމަށް އުއްމީދު ކުރެވުން." އަހަންނަށް ވާހަކަ ދެއްކުނީ ބޭއިޚްތިޔާރުގަ އެވެ.
އަނެއްކާ ވެސް ކޮތަރު ފާޑެއްގެ އަޑެއް ލައްވާލިއެވެ. އެ ސޮރުގެ އަނގަ ހުޅުވާލަމުން އަހަންނާ ދިމާއަށް މޫނު އަރިކޮށްލާ ބަލައިލިއެވެ.
"ލޯބިވެއޭ ބުނެ އަނިޔާއަށް ކެތްތެރިވާކަށް ނުވާނެ. އަހަރުމެންނަށް ހެދޭ ގޯހަކީ އެ. ނުފެންނަ އަނިޔާއެއް ދިނީމަ ވެސް އެއީ ލޯބި ކަމަށް ގަބޫލު ކުރެވުން. ކުރާނެހާ ކަމެއްކޮށްފަ ދެ އަކުރު ބުނެލީމަ އެކުރި ހުރިހާ ކަމެއް ހިތުން ފޮހެލުން." އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. "އަހަންނަށް ވެސް ވިސްނިއްޖެ. ދަސްވެއްޖެ. ދެން މިހެންނެއް ނުވާނެ. ނަޝްފާނަށް އެ ހާލު ޖެހުމުގެ ފަހަތުގައި ސަބަބެއް އޮންނާނެ. އޭނާއަށް އަހަރެން ބަދު ދުޢާއެއް ނުކުރަން. ނަމަވެސް އެއީ ތަގުދީރުގެ ނިންމެވުން. އަދިވެސް އޭނާ ދެކެ އަހަރެން ވަރަށް ވަރަށް ލޯބިވޭ."
ލަސް ފިޔަވަޅު ތަކެއް އަޅަމުން ސަރައްކާއްޔަށް ނުކުތީމެވެ. މޫނުގައި ބީހިލީ ނަލަ ނަލަ ވައިރޯޅިއެކެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ހިނިތުންވެވުނެވެ. މަޑުމަޑުން ދެއަތް މައްޗަށް ހިއްލައިލީމެވެ. އަތްގޮށި ހުޅުވާލީމެވެ. އަތު ތެރޭގައި އޮތް ކޮތަރު ވައިގެ ތެރެއަށް ދޫކޮށްލީމެވެ. އެ ސޮރު ދެ ފިޔަ ޖަހައިލަމުން އުދުހި ގަތެވެ. އަހަންނަށް ވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ބައެއް ކަންކަމަކީ ރަނގަޅަކަށް ދިމާވާ ކަންކަމޭ މީހުން ބުނެއެވެ. އަހަރެން ހުރީ އެހެން ހިތަށް އެރި ނަމަވެސް އެގޮތަށް ނުވިސްނާށެވެ. ނަޝްފާނުގެ ވަކިވެ ދިޔުމާ އެކަން ނުގުޅުވާށެވެ. ނަމަވެސް، ހިތަށް ލިބުނު ހިތްހަމަ ޖެހުމާއެކު އެހެން ބުނެލެވުނީ އެވެ. ނަޝްފާނު ވެސް ކުރާނެހާ އަނިޔާއެއް ކޮށްފައި ބުނެލަނީ ދެ އަކުރެވެ. އަހަންނަށް ވެސް ބުނެލެވެން އޮތީ އެހެންނެވެ. ސޮރީއެވެ. (ނިމުނީ)