ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މޫސުން ގޯސްވެ ސާމްޕަލް ނަގަން ދަތިވެފައި

May 19, 2020

މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލްތައް ނެގުމާއި، މީހުން ކަރަންޓީނަށް ގެންދިއުން ފަދަ މަސައްކަތްތަކަށް އިތުރު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އަބްދުލް ހަމީދު ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށެވެ.

"ވިއްސާރަ ދުވަސްވަރަކަށް ވީމާ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައި މި އޮތީ. އެއީ އާރްއާރްޓީގެ ޕީޕީއީ ނުވަތަ އެ ރައްކާތެރި ކަމަށް ބޭނުންކުރާ ވަސީލަތްތައް ރައްކާތެރި ގޮތުގައި ބާލައި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ބޭނުންވާ މާހައުލެއް މިއަދު ނެތް،" ހަމީދު ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި ޓެސްޓް ކުރަން ސާމްޕަލް ނަގަން ދާން ބުނެފައި ލަސްވުން ފަދަ ކަންތައްތަކަކީ އާއްމުންގެ ކަންބޮޑުވުން އޮންނާނެ ކަންތައްތަކެވެ. އެކަމަކު އެ ގޮތަށް ކަންތައް ދިމާވަނީ ގިނަ ސަބަަބުތަކަކާ ހެދި އެވެ. އެގޮތުން، ސާމްޕަލް ނެގުން ލަސްވާ އެއް ސަބަބަކީ ކޮންމެ ގެއަކަށް ވަނުމަށް ފަހު، އެހެން ގެއަކަށް ދިއުމާ ދެމެދު ޕީޕީއީ ބަދަލު ކުރަން ޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ޕީޕީއީ ބަދަލު ކޮށްގެން ވެސް އެއް ޓީމަކަށް މަސައްކަތް ކުރެވޭނީ ވަކި އަދަދަކަށް ކަމަށާއި އެ ހިސާބުން އެެހެން ޓީމެއް ނެރެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ޓީމު އެގްޒޯސްޓް ވާނެ ނުވަތަ އެ ޓީމުގެ ލިމިޓް ހަމަވާނެ ވަކި އަދަދަކަށް ސާމްޕަލް ނެގުނީމާ. އެ މީހުން އަނެއްކާ ޖެހޭނީ އަނބުރާ އަޅުގަނޑުމެންގެ ލެންގުއޭޖުން ނަމަ ޑޯފް ކުރަން،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާރްއާރްޓީމުތަކުގައި މަސައްކަތްކުރާ މީހުންނަކީ ނުރައްކަލަށް ހުށަހެޅިފައިވާކަން އެނގި ތިބެ، ވަރަށް ހިތްވަރާ އެކު ހަރަކާތްތެރިވާ ބައެކެވެ. އެހެންވީމާ މީހުން ލިބުމުގައި ވެސް ދަތިކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.

"އާރްއާރްޓީ އަށް މަސައްކަތް ކުރަން އަންނާނެ ބޭފުޅުން ހަމަ މަދު، ޖެހިލުންވޭ. އެހެންވީމާ އެއީ ހަމަ ފާހަގަ ކޮށްލަން ބޭނުންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.