ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަށްރަށުގެ ފެސިލިޓީތަކަށް މާލޭން މީހުން ނުފޮނުވަން ނިންމައިފި

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވި މީހުން ރަށްރަށުގެ ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވަން އޮންނަ އޮތުމަށް ބަދަލު ގެނެސް އެކަން ނުކުރަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ކުރިއަށް އޮތް ދެ ހަފުތާ މާލޭގައި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ރޭ ހޯމް މިނިސްޓްރީން ވެސް ވަނީ ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު ބަދަލު ކުރަން ވިސްނާ ކަމަށް ބުނެފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލު ކުރުމުން އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާލޭގައި ތާށިވެފައި ތިބި މީހުން ދެން ފޮނުވާނީ ހަމައެކަނި ޓްރާންސިޓް ކަރަންޓީނު ފެސިލީޓީތަކަށް ކަމަށެވެ. ޓްރާންސިޓް ފެސިލީޓަކުގެ ގޮތުގައި ރިސޯޓްތައް ކަނޑައަޅާފައިވެ އެވެ.

އޭނާ ވިދާޅުވީ ކުރިން ހަމަޖައްސާފައި އޮތީ އެކި ރަށްރަށުގައި ކަރަންޓީނު ފެސިލީޓަކުގައި ޖާގަ އޮތް މިންވަރަކުން މީހުން ފޮނުވަން ކަމަށް ވިޔަސް ދެން އެކަން ނުކުރާނެ ކަމަށެވެ. ދެން މާލެއިން މީހުނަށް ރަށްރަށަށް ދެވޭނީ ހަމައެކަނި ޓްރާންސިޓް ފެސިލިޓީއެއްގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު، ޓެސްޓް ހަދައި ނަތީޖާ ލިބުމުންނެވެ.

މާލޭގައި ތިބި މީހުންގެ ތެރެއިން ބޯހިޔާވެހިކަން ގެއްލި، އަދި ކުލި ދެއްކޭނެ ގޮތް ނެތިފައިވާ މީހުންނަށް ޖެންޑާ މިނިސްޓްރީއިން ގެންދަނީ ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައި ދެމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ ވަގުތީ ބޯހިޔާވަހިކަން އިތުރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކައުންސިލްތައް މެދުވެރިކޮށް ރަށްރަށަށް ދާން ހުޅުވާލާފައިވާ ފުރުސަތު މިހާތަނަށް ބަންދު ކޮށްފައެއް ނުވެ އެވެ. މިހާރު ވެސް ގިނަ ބަޔަކު ނަން ނޯޓް ކޮށްފައިވެ އެވެ.