އޮފްބީޓް

ބްރެޒިލްގެ ރައީސު ބޭއްވި ޒޫމް މީޓިންގައި ފެންވަރާ މަންޒަރު

ބްރެޒީލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އާއި އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެގެން ބޭއްވި ޒޫމް މީޓިންއެއްގައި ބައިވެރިވި ވިޔަފާރިވެރިއަކު ކެމެރާ ކަނޑާނުލާ ގޮސް ފެންވަރާ މަންޒަރު ފެނިއްޖެ އެވެ.

މިކަން ވީ ވިޔަފާރިވެރިޔާއަށް ވަރަށް ލަދުގަންނަން ޖެހުނު ކަމަކަށެވެ. އޭނާ ހިތުން ފެންވަރަން ފެށީ ކެމެރާ ނިންމާލާފަ އެވެ. ނަމަވެސް އެކްސިޑެންޓަކުން ކެމެރާ އިނީ ނުނިވި އެވެ. އެހެންވެ ބްރެޒީލްގެ ރައީސް އާއެކު ވިޔަފާރިވެރިންގެ ބައްދަލުވުން ކުރިޔަށް ދިޔައިރު އެ މީހާ ފެންވަރާ މަންޒަރު ވެސް ބަރާބަރަށް ދޔައީ ފެންނަމުންނެވެ.

ޒޫމް ކޮންފަރެންސް ކޯލް މެދުވެރިކޮށް މި ބައްދަލުވުން އިންތިޒާމް ކުރީ އެ ގައުމުގެ ފެޑެރޭޝަން އޮފް އިންޑަސްޓްރީޒް އޮފް ދަ ސްޓޭޓްގެ ޕްރެޒިޑެންޓް ސައު ޕައުލޯ އެވެ.

މި މަންޒަރުގެ ސްކްރީން ޝޮޓެއް ޓުވިޓާގައި ޝެއާ ކުރަމުން ބްރެޒީލް މީހަކު ވަނީ މި ހާދިސާ ހިނގި ގޮތް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. މި ސްކްރީން ޝޮޓް އިން ފެންނަ ގޮތުގައި 24 އޮފިޝަލުން ބައިވެރިވި މި ބައްދަލުވުމުގައި އެކަކު ފެންނަނީ ގަމީހާ އެއްޗެހި ބާލައިގެން ފެންވަރަނިކޮށެވެ.

ބްރެޒީލްގެ މީޑީއާއިން ބުނި ގޮތުގައި އެ މީހާ ފެންވަރާކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ވެސް ރައީސް ޖައިރް ބޮލްސޮނާރޯ އަށެވެ. އަދި ޕައުލޯގެ ސަމާލު ކަމަށް އެ މީހާ ގެންނެވީ ވެސް ރައީސް އެވެ.

މީޓިންގްގައި ބައިވެރިވާ އެއް ވިޔަފާރިވެރިއަކު ހަނދާން ނެތި ކެމެރާ ނިއްވާ ނުލާ ފެންވަރަން ފަށައިފިކަން މި މީޓިންގްގައި ބައިވެރިވި އިންޑަސްޓްރީ މިނިސްޓަރު ޕައުލޯ ގިއުޑެސް އަށް ވެސް ވިސްނުނީ އެ ހިސާބުންނެވެ.

"މީޓިންގްގެ މެދުތެރޭން މި ފެންނަނީ މީހަކު ހުރިހާ އަންނައުނު ބާލައިގެން ފެންވަރަމުންދާތަން. ގޭގައި އެކަނި އުޅޭއިރު ހުރިހާ އެއްޗެހި ބާލައިގެން ފެންވެރުމަކީ ހަމަ ރަނގަޅު ކަމެއް. ފަހަރެއްގައި މީޓިންގްގައި ދައްކަމުންދިޔަ ވާހަކަތަކުން އެ މީހާ އަށް މާ ހޫނުވީ ކަމަށް ވެދާނެ. އޭނާ ވަގުތުން ފިނި ފެނުން ފެންވަރަން ފެށީ،" އިންޑަސްޓްރީ މިނިސްޓަރު ޕައުލޯ ބްރެޒީލްގެ މީޑިއާ އަށް ވިދާޅުވި ކަމަށް ވެއެވެ.

ބްރެޒީލްގެ ރައީސް ވިދާޅުވީ ކެމެރާ ކުޑަކޮށް ތެޅޭތީ މަންޒަރު އެހާ ސާފު ނޫން ނަމަވެސް އެމީހުންނަށް ވަރަށް ރަނގަޅަށް އެ މަންޒަރު ފެނުނު ކަމަށެވެ.