އޮފްބީޓް

ކަރާ ތޮށިގަނޑާއެކު ވައްކަން ކުރާ ބަޔަކު އަތުލައިފި

ކަރާ ތޮށިގަނޑެއް ބޮލަށް ފައްތައިގެން އެމެރިކާގެ ވާޖިނިއާގެ ފިހާރައަކަށް ދެ މީހަކު ވައްކަން ކުރަން ވަދެއްޖެ އެވެ. ކަރާ ތޮށިގަނޑު ބޮލަށް ފައްތާފައި ހުރިއިރު ދެ ލޮލާ ދިމާލުން ކުޑަ ބާގަނޑެއް ކަނޑާފައި ހުއްޓެވެ.

ލުއީސާ ޕޮލިސް ޑިޕާޓްމަންޓުން ވަނީ މި މަންޒަރު ފެންނަ ފޮޓޯތަކެއް އޮފިޝަލް ފޭސްބުކް ޕޭޖްގައި ޝެއާ ކޮށްފަ އެވެ.
މި ފޮޓޯތައް ޝެއާކުރި ޕޯސްޓުގައި ފުލުސް ޑީޕާޓްމަންޓުން ލިޔެފައިވާ ގޮތުގައި މި ދެ މީހުން ފިހާރައަކުން ވައްކަން ކުރަން އައީ ޓޮޔޯޓާ ޓްރަކެއްގަ އެވެ. އެ ވަގުތަކީ އެ ފިހާރަ ހުޅުވާފައި ހުރި ގަޑިއެއް ކަމުން ވިޔަފާރި ކުރަން މީހުން ވަދެ ތިއްބެވެ. އެހެންވެ ބޮލަށް ކަރާ ތޮށިގަނޑު ފައްތާފައި ތިބި ދެ މީހަކު ވަދެގެން އަންނަން ފެށުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި މީހުންނަށް ފުރަތަމައިނުން ވެސް ލިބުނެވެ.

މި މީހުންނާއެކު ފޮޓޯ ނަގަން ބޭނުންވި ބައެއް މީހުންނާއެކު މި މީހުން ފޮޓޯވެސް ނެގި ކަމަށް ވެއެވެ. އެމީހުންނާއެކު ފޮޓޯ ނެގި މީހަކު ބުނި ގޮތުގައި މި ދެ މީހުން ހަމަ އެ ދުވަހު އެހެން ފިހާރައަކަށް ވެސް ހަމަ އެގޮތަށް ވަދެފައި ވެއެވެ.

އެންމެ މަޖާ ކަމަކީ މި މީހުންނަށް ވައްކަން ކުރާނެ ފުރުސަތު ނުލިބި ފުލުހުން އައިސް މި މީހުން ހައްޔަރު ކޮށްގެން ގެންދިޔައީމަ އެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް މަޖާ ކޮމެންޓުތައް މީހުން ކޮށްފައި ހުއްޓެވެ. އެތަނުން އެކަކު ބުނީ ވައްކަން ކުރުމުގެ ހުނަރު މި މީހުންގެ ކިބައިގައި ނެތަސް މާސްކް އުފެއްދުމުގެ ހުނަރު އެބަހުރި ކަމަށެވެ. ދެ ވަނަ މީހަކު ބުނީ އަމިއްލައަށް ފަނާވެގެން ދާ ކަހަލަ މާސްކް އުފެއްދުމުގައި އެމީހުން ވަރެއް ނެތް ކަމަށެވެ.