ތާޕްސީ ޕަންނޫ

ފީ ދަށް ކުރާނަމަ އެއްބާރުލުން ދޭނަން: ތާޕްސީ

ކޮރޯނާ ވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާގެ އިގްތިސޯދު ވެއްޓި ހުރިހާ ފިލްމު އިންޑަސްޓްރީތަކަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާތީ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެންގެ ފީތައް ވެސް ކުޑަކުރަން ޖެހޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ފިލްމު އިންޑަސްޓްރީތައް އަލުން ފަށައިގަންނައިރު ކަންކަން ވާނީ ގޮތަކާ މެދު މިހާރު ވެސް ގިނަ ބަޔަކު ވަނީ ފިކުރު ބޮޑުވެފަ އެވެ. މި ވަޅުގަނޑުން އަރައިގަންނަން ވާން ޖެހޭނީ ގުރުބާނީތަކާ ބެހޭ ގޮތުން ވެސް އެންމެން ދަނީ މަޝްވަރާ ކުރަމުންނެވެ.

ފިލްމީ ތަރި ތާޕްސީ ޕަންނޫ އާ ދާދިފަހުން އިންޑިޔާ ނޫހަކުން ވަނީ އެ ސުވާލު ކޮށްފަ އެވެ. އަދި އެކްޓަރުންގެ ފީތަކަށް އަންނާނެ ބަދަލުތަކަށް ތައްޔާރުތޯ ވެސް ތާޕްސީ އާ ސުވާލު ކޮށްފައި ވެއެވެ.

ޖަވާބުގައި ތާޕްސީ ބުނީ ކޮންމެ ކަމަކަށް ވެސް އޭނާ ތައްޔާރަށް ހުރި ކަމަށާއި އެކަމެއް ދިމާވުމުން އެކަމަކާ ކުރިމަތިލާނެ ކަމަށެވެ. އަދި ފިލްމު ކުޅެދޭ އަގުތައް ތިރި ކުރަން އެންމެން މަސައްކަތް ކުރާނަމަ އޭނާވެސް އެކަމުގައި އެއްބާރުލުން ދޭނެ ކަމަށް ތާޕްސީ ބުންޏެވެ.

ތާޕްސީގެ "ޕިންކް"، "ތައްޕަޅު" އަދި "ސާންޑް ކީ އާންކް" ފަދަ ފިލްމުތަކަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ލިބިފައި ވެއެވެ. ތާޕްސީ ބުނީ ލޮކްޑައުންގެ ފަހުން ބޮލީވުޑަށް އަންނާނެ ކޮންމެ ބަދަލަށް ތައްޔާރު ކަމަށެވެ.

ނަމަވެސް މި ވަގުތު އެ ބަދަލުތަކަކީ ކޮބައިކަން އެކަކަށް ވެސް އަންދާޒާ ކޮށްލަން ވެސް ނޭނގެ އެވެ. އަދި ފިލްމުތަކުގެ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ބުނާކަށް ނޭނގެ އެވެ. ނަމަވެސް ހުރިހާ އެކްޓަރުން ވެސް އުންމީދުކުރަނީ ވީ އެންމެ އަވަހަކަށް ފިލްމު އިންޑަސްޓްރީ ހިނގައިގަތުމެވެ.