ބޮލީވުޑް

ފިލްމީ ތަރިން އާ އަހަރަށް ކަނޑައަޅާފައިވާ އަޒުމުތައް

މި ފެށީ އާ އަހަރަކީ ފާއިތުވީ 2020 އަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އަހަރަކަށް ވާން އެންމެން ވެސް އެދޭނެ އެވެ. އަދި އާ އަހަރު ކުރާނެ އާ ކަންތައްތައް ކަނޑައެޅުމަކީ ވެސް ވަރަށް މީހުން ކުރާ ކަމެކެވެ. ބޮލީވުޑް ތަރިންގެ ތެރެއިން ވެސް ބައެއް މީހުން އާ އަހަރަކާ އެކު އާ ރިޒޮލިއުޝަންތަކެއް ކަނޑައަޅައި އެކަން ކުރުމަށް މަސައްކަތް ފަށަ އެވެ.

އެގޮތުން ސޯނޫ ސޫދުގެ އާ އަހަރުގެ ރިޒޮލިއުޝަނަކީ އޭނާގެ މައިންބަފައިންނަށާއި އޭނާގެ އަމިއްލަ ނަފްސަށް ވެފައިވާ ވައުދެއް ކަމަށް ސޯނޫ ބުންޏެވެ. އެއީ ތައުލީމީ ރޮނގުންނާއި ސިއްހީ ރޮނގުން އަދި ވަޒީފާ ނެތް މީހުންނަށް ވަޒީފާ ހޯދާ ދިނުމުގެ ރޮނގުން އޭނާ ކުރަން ކަނޑައަޅާފައިވާ ކަންތައްތަކެއް ކުރުމެވެ. މިއީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އޭނާ ވަރުބަލިނެތި ކުރި މަސައްކަތް ކަމަށާއި މި ފެށުނު އާ އަހަރު ވެސް އެކަންތައްތައް ހުއްޓާނުލާ ކުރިޔަށް ގެންދާން ނިންމާފައިވާ ކަމަށް ސޯނޫ ބުންޏެވެ.

ތާޕްސީ ޕަންނޫ ބުނީ ފާއިތުވީ އަހަރުން އޭނާއަށް ކުރެވުނު ތަޖުރިބާތަކަށް ބަލައި މި ފެށުނު އާ އަހަރުގެ އަޒުމަކީ ފިލްމީ މަސައްކަތުގަ އާއި އާއިލާ އާއެކު ހޭދަކުރާ ކޮންމެ ސިކުންތަކީ ވެސް އުފާވެރި ވަގުތުކޮޅަކަށް ހެދުން ކަމަށެވެ. ސަބަބަކީ މާދަމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭތީ ލިބޭ ކިތަންމެ ކުޑަ ފުރުސަތެއްގެ ބޭނުން ވެސް ފުރިހަމައަށް ކުރުމަށެވެ.

ރަވީނާ ޓަންޑަންގެ އާ އަހަރުގެ ރިޒޮލިއުޝަނަކީ ދުނިޔޭގެ ނާޒުކު ކަމާ މެދު މީހުން ހޭލުންތެރިކުރުވުމެވެ. ދުނިޔެގެ ހޫނު ވުމުގެ ސަބަބުން އާ ބަލިތަކެއް ފެތުރުމުގެ ބިރު އޮތުމާއެކު މިކަމަށް މީހުން ހޭލުންތެރިކުރުވައި ދުނިޔެ ފެހި ކުރުމާއި ތިމާވެށި ރައްކާތެރި ކުރުމަށް އޭނާއަށް ވީ ވަރަކުން މަސައްކަތްތަކެއް ކުރާން ނިންމާފައިވާ ކަމަށް ރަވީނާ ބުންޏެވެ. އަދި އުކާލާ ސާމާނު މަދުކޮށް ރިސައިކްލް ކުރެވެން ހުރި އެއްޗެތި ރިސައިކްލް ކުރުމަށް ބާރު އެޅުމަށް ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިލިންޑް ސުމަން ބުނަނީ 2020 ނިމިފައިވަނީ ވަރަށް ފާޑަކަށް ކަމަށެވެ. އޭނާއަކީ ވަކި ފަރުދެއްގެ ހައިސިއްޔަތުން ކޮންމެ ހާލަތަކަށްވެސް ވަރަށް ފަސޭހައިން ހޭނޭ މީހަކަށް ވާތީ މިއަހަރު ވެސް އެ ދިމާވި ހާލަތަކަށް އޭނާ ހޭނޭނެ ކަމަށް އުންމީދުކުރާ ކަމަށް ސޯނޫ ބުންޏެވެ. މުސްތަގްބަލަށް ވިސްނުމަށް ވުރެ އޭނާ ބޭނުންވަނީ އެ އިރަކު އެ ދިމާވާ ކަމަކާ ވިސްނަން ކަމަށް މިލިންދް ބުންޏެވެ.

މީގެ އިތުރުން ބައެއް އެކްޓަރުން ސިނގިރޭޓް ބުއިން ހުއްޓާލާ ފިޓް ވާން މަސައްކަތް ކުރަން އަޒުމް ކަނޑައަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.