ބޮލީވުޑް

ހީރޯއެއްގެ އަންބަކު ހިތްހަމަނުޖެހޭތީ ތާޕްސީ ފިލްމަކުން ބޭރުކުރި

ތާޕްސީ ޕަންނޫ އަކީ ފިލްމީ ތަރިންގެ ތެރެއިން ހިތުގައި އޮންނަ އެއްޗެއް ހާމަކޮށްލަން ކެރޭ މަދު ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. ފިލްމު އިންޑަސްޓްރީގައި ނާއިންސާފުން ހިނގާ ކޮންމެ ކަމެއްގެ ވާހަކަވެސް ދައްކަން ތާޕްސީ އެއްވެސް ޖެހިލުމެއް ނުވެ އެވެ.

"ތައްޕަޅު" އެކްޓަރު ބުނި ގޮތުގައި ބައެއް ފިލްމުތަކުގައި އޭނާއަކީ "ސުންޕާ" އެކްޓަރެއްގެ ގޮތުގައި މީހުން ދެކިފައި ވެއެވެ. އަދި އޭނާގެ ސަބަބުން ފިލްމަށް ބަދުނަސީބާ ކުރިމަތިލާން ޖެހޭނެކަމަށް ބައެއް މީހުން ގަބޫލު ކޮށްފައި ވެއެވެ.
"ފިލްމު ކުލެން ފަށައިގަތް ދުވަސްކޮޅު ހީވެސް ނުކުރާ ކަހަލަ ކަންތައްތަކާ އަހަންނަށް ކުރިމަތިވި. ބައެއް މީހުން ކީ

އޭނާ އަކީ ބަތަލާއަކަށް ވާން ކަމުދާހާ ރީތި ކުއްޖެއް ނޫނޭ. އަހަރެން ކުޅެން ހަމަޖެހިފައިވާ ފިލްމެއް އެ ފިލްމުގެ ބަތަލުގެ އަންހެނުން އަހަންނާ ހިތްހަމަނުޖެހޭތީ އަހަރެން އަތުން އަތުލާފައިވޭ. އަހަރެންގެ ފިލްމަކަށް އަހަރެން ޑަބްކުރި ގޮތް ކަމުނުގޮސްގެން އަހަރެންނަށް ސިއްރުން އެހެން މީހަކު ލައްވާ އެ ފިލްމު އަލުން ޑަބް ކުރުވާފައިވޭ. މިފަދަ ވަރަށް ގިނަ ކަންތައްތައް ކުރީކޮޅު އަހަންނާ ދިމާވި،" ފިލްމުފެއާ އަށް ދީފައިވާ އިންޓަވިއު އެއްގައި ތާޕްސީ ބުންޏެވެ.

ތާޕްސީ ބުނި ގޮތުގައި އޭނާ ކުޅެން ހަމަޖެހުނު ފިލްމެއްގެ ބަތަލުގެ އޭގެ ކުރިން ރިލީޒްވި ފިލްމު ރަނގަޅަށް ނުހިނގީމަ ބަޖެޓް ކޮންޓްރޯލްކުރަން ވެސް އެއްފަހަރަކު ޕްރޮޑިއުސަރަކު ޑިމާންޑް ކުރި އެވެ. އަދި ހީރޯ އަކު އެ ފިލްމުގައި އޭނާގެ އިންޓްރޮޑަކްޝަން މަންޒަރު ބަދަލުކުރަން އެދުނު ފިލްމެއް ވެސް އޭނާ ކުޅެފައި ވެއެވެ. އެގޮތަށް އެ މަންޒަރު ބަދަލުކުރަން ބަތަލު އެދުނީ އޭނާގެ އިންޓްރޮޑަކްޝަން ސީން އަށް ވުރެ ތާޕްސީގެ ސީން މާ ބާރުގަދަ ކަމަށް ފެނިގެންނެވެ.

"މިއީ އަހަރެންގެ ކުރިމަތީގައި ހިނގާފައި ހުރި ކަންކަން. އަދި ފުރަގަހުގައި ހިނގި ކަންކަމެއް ނުވެސް އެނގޭ މަށަކަށް،" ތާޕްސީ ބުންޏެވެ.

ނަމަވެސް މިހާރު ތާޕްސީ ވަނީ އޭނާގެ ހުނަރު ސާބިތުކޮށްދީ ކުރިން ކަންތައް ކުރިގޮތަށް އޭނާއާ ދޭތެރޭ އެއްވެސް މީހަކަށް ދެން ކަންތައް ނުކުރެވޭނެކަން އަމަލާ ބަހުން ދައްކާފަ އެވެ.

"މިހާރުން ފެށިގެން އަހަރެން ނިންމާފައި ވާނީ އަހަރެން ކުޅެން އެއްބަސްވާނީ އަހަރެން ހިތްހަމަޖެހޭ ކަހަލަ ފިލްމުތައް އެކަނިކަމަށް. ބައެއް މީހުން އަހަންނަށް ނަސޭހަތްދޭ އެގޮތަށް ކަންތައް ނުކުރަން. ނަމަވެސް އެގޮތަށް މިހާރު ނިންމައިފިން. ދެން އެ ނިންމުން ބަދަލެއް ނުވާނެ،" ތާޕްސީ ބުންޏެވެ.

ތާޕްސީ ބުނި ގޮތުގައި ބަތަލާއިން ބާރުގަދަ އަންހެނުންގެ ރޯލު ކުޅޭނަމަ ގިނަ ބަތަލުން އެ ބަތަލާ އަކާއެކު ފިލްމު ކުޅެން ފަސް ޖެހެ އެވެ. އެހެންކަމުން އޭނާ ދަތުރުކުރަން ޚިޔާރުކޮށްފައިވާ މަގަކީ ތަންކޮޅެއް އުނދަގޫ، އަދި ދިގު މަގަކަށް ވެދާނެކަމަށް އޭނާ އަށް ގަބޫލުކުރެވެ އެވެ. ނަމަވެސް އެ ދަތުރުވާނީ އޭނާ އުފަލާއި ހިތްހަމަޖެހުމާއެކު ކުރާ ދަތުރަކަށެވެ.