ރާއްޖޭގެ އިގްތިސޯދު އަލުން އާރާސްތު ކުރެވޭނީ ވެސް އަދި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވޭނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަޑު އަހައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޓީއަކީ ރާއްޖޭގެ ޓޫރިޒަމްގެ ބާނިންގެ ގޮތުގައި ތިއްބަވާ ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޖަމިއްޔާ އެކެވެ. ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ރިލީފް ޕެކޭޖްގައިވާ ކަންކަމާ ގުޅޭ ގޮތުން މަޓީން ފާޑުކިޔާފައިވެ އެވެ
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޓޫރިސްޓުން ރާއްޖެއަށް އަންނަން ފަށައި އާމްދަނީ ލިބެން ފެށޭނެ ދުވަހަކާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ ފޯކާސްޓެއް ނެތް ކަމަށެވެ. އޭގެ ފޯކާސްޓެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާ ހަވާލު ކުރުމަށް ނިންމާފައިވާތީ އެ މަސައްކަތްދާ ގޮތް ބަލަން ޖެހޭ ކަމަށެވެ.
މަޓީގެ އަންދާޒާތަކަށް ހަވާލާދީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މި އަހަރު ޓޫރިސްޓުންނެއް ނާންނާނެ އެވެ. މަޓީން އެ ދައްކާ ވާހަކަ ސަރުކާރުން ބަލައިގަނެ އަޑުއަހަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ޖަމިއްޔާގައި ތިއްބެވީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ މީހުންގެ (މަޓީގެ) އަޑު ނަހާއި އިގްތިސާދު އަރާސްތު ކުރެވިދާނެ ކަމަކަށް ނުދެކެން. އަދި ރައްޔިތުންގެ ހާލަތު ވެސް ރަނގަޅު ކުރެވިދާނެ ކަމަށް ނުދެކޭ. އަދި ރައްޔިތުންގެ އާމްދަނީ ދަށްވެދާ އިރެއްގައި އެ ބޭފުޅުންގެ ވާހަކަ އަޑުނަހާ އަމުދުން އަޅުގަނޑުމެން ހަމަ ހިލާ އެއް ގޮތަކަށް ވެސް ތިބެގެން ނުވާނެ." ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ ޕެކޭޖާއި ގުޅިގެން ޓޫރިޒަމް ވިޔަފާރީގެ މަހުޖަނުން ތިއްބަވާ މަޓީން ފާޑުކިޔުމުން ސަރުކާރުގެ ބައެއް އިސް ބޭފުޅުުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. ސަރުކާރާއި މަޓީއާ ކޯޅުމަކަށް ގޮސްފައި ވަނިކޮށް މަޓީގެ ލަފާ ސަރުކާރުން ބަލައިގަންނާނެ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.