ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު މިއަދު ފެށިފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ދެ މެންބަރަކު އައިސޮލޭޝަންގައި ތިއްބެވިކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ އައިސޮލޭޝަންގައި ތިން މެމްބަރަކު ތިއްބެވި އިރު ލޮކްޑައުންގައި އެއް މެމްބަރަކު ހުންނެވި ކަމަަށެވެ.
ނަޝީދު އައިސޮލޭޝަންގައި ހުންނެވީ އެމަނިކުފާނު އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވުމާ ގުޅިގެންނެވެ.
ނުރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްފަހު އެމަނިކުފާނު އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވީ މިދިއަ މަހުގެ 22 ވަނަ ދުވަހެވެ. ރާއްޖެއިން ބޭރުން އަންނަ ކޮންމެ ފަރާތެއް ވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭއިރު، ނަޝީދުގެ އެ މުއްދަތު ހަމަވާނީ މާދަމާ އަށެވެ.
ކޮވިޑާ ގުޅިގެން އައިސޮލޭޝަންގައި ދެން ތިއްބެވި މެންބަރުންގެ ނަންތައް ވިދާޅުނުވި ނަމަވެސް، އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހަސަން ލަތީފުގެ މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުވެގެން ގޭގައި ކަރަންޓީނުވެގެން ހުންނެވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް މަޖިލީހުގެ އިދާރާގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ ބައެއް މެންބަރުން އައިސޮލޭޝަންގައި ތިއްބަވަން ޖެހިވަޑައިގެންފައިވެ އެވެ.