ކުޅިވަރު

ކީޕަރުންގެ އުސޫލަށް ޓީމުތައް ތައްޔާރެއްނުވޭ: ނިޒާމް

އަންނަ ސީޒަނަކީ، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުން ދިވެހި ކީޕަރުންނަށް ފުރުސަތު ދޭންޖެހޭ ގޮތަށް އެފްއޭއެމުން ކަނޑައަޅާ ފައިވާ އުސޫލަށް އަމަލު ކުރަން އޮތް ވަގުތު ކަމަށް ވިޔަސް، އެ އުސޫލަށް އަމަލު ކުރަން ކުލަބުތަކުން ތައްޔާރު ނުވާ ކަމަށް، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން އެފްއޭއެމުން ކަނޑައަޅާފައި ވަނީ 2020 އަހަރުން ފެށިގެން ދިވެހި ޕްރިމިއާ ލީގްގައި ކީޕަރުންގެ ގޮތުގައި ކުޅެވޭނީ ދިވެހި ކީޕަރުންނަށް އެކަނި ކަމަށެވެ. އެފްއޭއެމުން 2017 ވަނަ އަހަރު އެގޮތަށް ނިންމީ، ޖެހިޖެގެން ދެ އަހަރު ފުރަތަމަ ޑިވިޝަންގައި ގިނަ އަދަދަކަށް ބިދޭސީ ކީޕަރުން ކުޅެފައި ވުމުން ދިވެހި ކީޕަރުންނަށް ލިބޭ ފުރުސަތު މަދުވާތީ އެވެ.

ޓީސީއަށް 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދައިދިން ކޯޗް މުހައްމަދު ނިޒާމް ބުނީ، ދިވެހި ކީޕަރުންނަށް ފުރުސަތު ދޭން މުއްދަތެއް ކަނޑައެޅުމުގެ އިތުރަށް، އެކަމަށް ތައްޔާރު ވުމުގެ މަރުހާލާތަކެއްގެ ގޮތުގައި ކުލަބުތަކަށް ޝަރުތުތަކެއް ވެސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެކަމަށް ތައްޔާރު ވުމުގެ ގޮތުން ކޮންމެ ސީޒަނެއްގައި ވެސް ދިވެހި ކީޕަރުންނަށް ވަކި ވަރަކަށް ކުޅުމުގެ ފުރުސަތު ދޭން ޖެހޭގޮތަށް ޝަރުތު ކަނޑައެޅޭނެ ކަމަށް ނިޒާމް ބުންޏެވެ.

"ހަތަރު އަހަރެއް ނުވަތަ ފަސް އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން އެއަށް ޓާގެޓް ކޮށްގެން ކީޕަރުން ތަމްރީން ކޮށް ކޮންމެ ޓީމެއްގައި ދިވެހި ކީޕަރެއް ހިމަނައި އޭނާއަށް ސީޒަން ތެރޭގައި ވަކިވަރަކަށް މިނެޓްސް ދޭ އުސޫލުން މިކަން ކުރަން ފަށައިފިއްޔާ އަޅުގަނޑަށް ހީވަނީ ހަތަރު ވަރަކަށް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ކީޕަރުން ކަންކަމުގައި އަޅުގަނޑުމެންނަށް އެޗީވްބަލް ޓާގެޓަކަށް ދެވޭނެހެން." އަންނަ ސީޒަނަށް ތައްޔާރު ވުމާ ބެހޭގޮތުން އެފްއޭއެމުން ގެނެސްދިން ފުޓްބޯޅަ ޓޯކް ޝޯގައި ވާހަކަ ދައްކަމުން ނިޒާމް ބުންޏެވެ.

އޭނާ ބުނީ، މިވަގަުތު ކޮންމެ ކުލަބެއްގައި އެ ފެންވަރުގެ ދިވެހި ކީޕަރެއް ލައިގެން ފެށި ދާނެ ކަމަށް ކޯޗެއްގެ ހައިސިއްޔަތުން ގަބޫލު ނުކުރެވޭ ކަމަށެވެ. ނިޒާމް ބުނީ، ކުލަބުތައް އަމިއްލައަށް ހިންދެމި ލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި، މިހާރުވެސް ކުލަބުތަކުން ކުރަން ޖެހޭ މަސައްކަތް އެފްއޭއެމުން ކުރާތަން މާބޮޑަށް ފެނިގެންދާ ކަމަށެވެ.

"މިހާރުވެސް ކުލަބުތަކުގެ މަސައްކަތް އެފްއޭ އަށް ނަގާލެއް މާ ބޮޑީ އޭގެ ބަދަލުގައި ކުލަބުތަކަށް ކިޔައި ދޭންވީ، އެމީހުންނަށް އެކަން ދަސް ކޮށްދީފަ އެފްއޭ އިން ކުރަންވި ކަމަކީ ކޮންމެ އަހަރަކު ވެސް ކުލަބުތަކުގެ މޭނޭޖޭރިއަލް އަދި ފައިނޭންޝިއަލް އޮޑިޓެއް ހަދަންވީ، ކުލަބުތަކުގެ އޮނިގަނޑުގައި އެ ފުރިހަމަ ކުރާ ކަންކަން ފުރިހަމަ ކުރާ ކުލަބުތަކަށް ޖެހިގެން އަންނަ ސީޒަންގައި އެހީތެރިކަން ފޯރުކޮށްދޭ ދިނުން އެބަޖެހޭ ހަރުދަނާ ކޮށް ގެންދަން."

އޭނާ އިތުރަށް ބުނީ، ކޮވިޑް-19 އާ ގުޅިގެން ސީޒަން ނިންމާލަން ޖެހުމާއެކު މިހާރު ކުރިމަތި ވެފައިވާ ހާލަތަކީ ލީގް ބުރޭންޑް ކުރަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ލީގާއި ކުލަބުތަކުގެ ހާލަތު ބަދަލު ނުކޮށް ފުޓްބޯޅައިގައި ކުރިއަށް ނުދެވޭނެ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މިހާތަނަށް ރާއްޖޭގައި ނެތް ނަލިސިސްއެއް ހެދިފައެއް، ކީއްވެގެންތޯ މީހުން ފުޓްބޯޅަ ނުބަލަނީ، ކީއްވެގެންތޯ ބަލާ މީހާ ބަލަނީ، ބަލަން ބޭނުން ވަނީ ކޯޗެއްތޯ، އޭނައަށް ދަނޑަށް ނުދެވެނީ ކީއްވެގެންތޯ، ދަނޑަށް ދާން ބޭނުން ވަނީ ކޮންކަމުތޯ، މިކަންކަން ދެނެގަންނަށް އަޅުގަނޑުމެން އެބަޖެހޭ އެނަލިސިސްއެއް ހަދަން،"