ލައިފްސްޓައިލް

އަށް ހަފުތާގެ ދަރިފުޅު ކޮޅަށް ތެދުވުމުން ހައިރާންކަން!

ޓެޒްރާ ފިން ޖޯންސްޓަން، 31، އާއި ބައިވެރިޔާ އެމިލީ ޑެރިކް، 23، އެމީހުންގެ އަލަތު ދަރިފުޅު ވިހައިގެން ހޮސްޕިޓަލުން ގެއަށް އައި ދުވަހު ވެސް ޚާއްސަ ކަމެއް އެމީހުންނަށް ފާހަގަ ކުރެވުނެވެ. ދަރިފުޅު ކަނދުރާ ހަރުލާފައި ހުރި ކަމެވެ.
ތުއްތު ލޫލާ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އުފަންވީއިރު ބަރުދަނުގައި ހުރީ ފަސް ޕައުންޑް ހަ އައުންސެވެ. މާނައަކީ އެ އުމުރުގެ އެހެން ކުދިންނަށް ވުރެ ފަސް ޕަސެންޓް ލޫލާގެ ބަރުދަން ދަށެވެ.

ނަމަވެސް އެންމެ 15 ހަފުތާ ވީއިރު ލޯލާ އަމިއްލައަށް ދެ ފަތް މައްޗަށް ތެދުވެ ކޮޅަށް ހުންނަން ދަސްކޮށްފި އެވެ. އެއްވެސް މީހެއްގެ އެހީއާ ނުލާ ލޫލާ އަށް ކޮޅަށް ހުންނާކަށް އެއްވެސް އުނދަގުލެއް ނެތެވެ. ލޫލާ އުމުރުގެ ގިނަ ކުދިންނަކީ އަދި ތަންމަތީގައި އެއް ފުށުން އަނެއް ފުށަށް ވެސް ނުޖެހެވޭ ކުދިންނެވެ. ނަމަވެސް ލޫލާ ތެދުވެ ކޮޅަށް ހުންނަން ދަސްކުރުން ވެފައިވަނީ އޭނާގެ މައިންބަފައިންނަށް ވެސް ވަރަށް ބޮޑު އަޖައިބަކަށެވެ.

ލޫލާ އާއި އޭނާގެ މައިންބަފައިން ދިރިއުޅެނީ އިނގިރޭސި ވިލާތުގެ ބްރިސްޓަލްގެ ކިންގްސްވުޑްގަ އެވެ. ލޫލާގެ ބައްޕަ ޓެޒްރާ ބުނީ ލޫލާއަށް އެއް މަސް ފުރުނުތާ އެއް ދުވަހު ވަރަށް ގަދަޔަށް ރޯވަރުން މަސްލަސްކުރަންވެގެން އޭނާ ކަކޫމަތީގައި ބައިންދައިން އުޅުނު ކަމަށެވެ. ނަމަވެސް ކަކޫ މަތީގައި އިށީނުމުގެ ބަދަލުގައި އޭނާ ޖެއްސީ ދެ ފައި ކަމަށާއި އެއްގޮތަކަށް ވެސް ކަކޫ ލަންބާލަން ބޭނުން ނުވި ކަމަށެވެ.

އެ ހަފުތާ ތެރޭ އެގޮތަށް ވަރަށް ގިނަ ފަހަރު ލޫލާ ހެދި ކަމަށާއި އެހެންވެ ރުޅިއައިސްގެން އުޅޭއިރު އެހެން ހަދަންޏާ އުފާވެފައި ހުންނަ ގަޑީގައި ވެސް އެހެން ހަދާނޭ އޭރު ހިތަށް އެރި ކަމަށް ލޫލާގެ ބައްޕަ ބުންޏެވެ. އެހެންވެ ކޮޅަށް ބަހައްޓަން އުޅުނީމަ އޭނާގެ އެހީތެރިކަމެއް ނެތި ލޫލާ ކޮޅަށް ހުންނަން ފެށި ކަމަށާއި މިގޮތަށް އެންމެ ދެމަސް ވީ ކުއްޖަކު ކޮޅަށް ހުރެވޭކަން މީގެ ކުރިން އެނގިފައި ނުވާ ކަމަށް ވެސް ޓެޒްރާ ބުންޏެވެ.

"އަހަރެން މަންމަ ކައިރީވެސް އެހިން. އަހަރެންގެ މަންމަގެ ވެސް އަހަންނާ ލައިގެން ހަތަރު ދަރިން ތިބޭ. މަންމަ ވެސް ބުނި އެއްވެސް ކުއްޖަކަށް ލޫލާގެ އުމުރުގައި ކޮޅަކަށް ނުހުރެވޭ،" ޓެޒްރާ ކިޔައިދިނެވެ.

ޓެޒްރާ ބުނި ގޮތުގައި އޭނާ ކިޔާފައި ހުރި ފޮތްފޮތުގައިވާ ގޮތުން ތުއްތު ކުދިންނަށް އާއްމުކޮށް ކޮޅަށް ތެދުވެ އެހެން މީހެއްގެ އެހީތެރިކަމެއް ނެތި ހުރެވެނީ ނުވަ މަހާއި އެއް އަހަރާ ދެމެދުގެ އުމުރެއްގަ އެވެ.

ލޫލާ އުފަންވުމުން ގޮވައިގެން ހޮސްޕިޓަލުން ގެއަށް އައިތާ ފަސް ދުވަހު ތެރޭ ލޫލާގެ އާދަޔާޚިލާފު ކަންތައްތައް އޭނާގެ މައިންބަފައިންނަށް ފާހަގަ ކުރެވެން ފެށި ކަމަށް އެމީހުން ބުންޏެވެ.

"ގެއަށް އައިއްސުރެ ވެސް ކަނދުރާ ހަރުލަން ފަށައިފި. ހަމަ ކަރު ސީދާ ކޮށްގެން ހަރުލައްވައިގެން އިރުކޮޅަކު އިނދެވޭ އޭރު ވެސް،" ލޫލާގެ މައިންބަފައިން ބުންޏެވެ.

ދެން އެމީހުން ނެޓްފްލިކްސް އިން ބޭބީޒް ޑޮކިއުމެންޓްރީތައް ބެލި އެވެ. ތުއްތު ކުދިންނަށް އުފަންވާއިރު ވެސް ފިރުކެން ދަސްވެފައި ހުންނަ ކަމަށް މި ޑޮކިއުމެންޓްރީތަކުގައި ދައްކަ އެވެ.

"އަހަރެން މެޓް މަތީގައި ލޫލާ ބޭއްވީމަ ކުޑަކޮށް ފިރުކިލި. އޭރު ފާޙަގަ ކުރެވުނު އުއްޑުން އޮވެގެން ވެސް ބަންޑުން އޮވެގެން ވެސް ލޫލާ އަށް ފިރުކެވޭ ކުޑަކޮށް އެހީތެރިވީމަ. ލޫލާ ވަރަށް ގަޔާވޭ އޭނާއަށް ފިރުކެން އެހީތެރިވީމަ. ފުރަތަމަ ފަހަރު ވެސް އޭނަ އަހަންނަށް ބަލާލާފަ ހީލި،" ލޫލާގެ ބައްޕަ ބުންޏެވެ.

ލޫލާ އަށް އަދި ކޮޅަށް ހުރެވުނަސް އަދި ނުހިނގެ އެވެ. އޭނާގެ މައިންބަފައިން އުންމީދުކުރަނީ ވަރަށް އަވަހަށް އޭނާ ހިނގަން ވެސް ފަށާނެކަމަށެވެ. ލޫލާގެ މަންމަ ބުނީ މިހާރުއްސުރެ ރަވަބޮލި ކަހަލަ އޭނާގެ އުމުރުގެ ކުޅޭ އެއްޗިއްސަށް ވެސް ލޫލާގެ ޝައުގުވެރިކަމެއް ނުހުރެ އެވެ. އެ ފަދަ އެއްޗެހި އެއީ އޭނާގެ އުމުރަށް ވުރެ މާ ކުޑަ ކުދިންގެ އެއްޗެއް ކަމަށް ލޫލާ އަށް ގަބޫލު ކުރެވޭހެން ހީވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އޭނާގެ އުމުރަށް ވުރެ މާ ދޮށީކޮށް އުޅެނީ. އަހަރެން ބުނަން އެހާ އަވަހަށް އަނެއްކާ ބޮޑު ނުވައްޗޭ،" ލޫލާގެ މަންމަ ބުންޏެވެ.