ބޮލީވުޑް

އަނެއްކާވެސް ޒައިދު ޚާން ތައާރަފު ކުރަނީ

އެކްޓަރު ޒައިދު ޚާން ބޮލީވުޑަށް އަލުން ލޯންޗް ކުރުމުގެ މަސައްކަތް އޭނާގެ ބައްޕަ ސަންޖޭ ޚާން ފަށައިފި އެވެ. "އަބްދުﷲ" ފަދަ ރީތި ފިލްމުތަކުގައި ބަތަލުގެ ބައި ކުޅެފައިވާ ކުރީ ޒަމާނުގެ ބަތަލު ސަންޖޭ ޚާން އޭނާގެ ދަރިފުޅަށްޓަކައި މިފަހަރު އުފައްދަން ގަސްތު ކުރަނީ ހަނގުރާމަވެރިއެއްގެ ބައޮޕިކް އެކެވެ. މިއީ 1947 ގައި ކުރި އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ ހީރޯ ބްރިގޭޑިއާ މުހައްމަދު އުސްމާންގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. ޒައިދު މި ފިލްމުގައި އަދާކުރާނީ އުސްމާންގެ ރޯލެވެ.

އިންޑީޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ސަންޖޭ ބުނީ ޒައިދު އެނބުރި އަންނަ ފިލްމު ޑައިރެކްޓްކުރާނީ ވެސް ޚުދް އޭނާ ކަމަށާއި މިއީ އޭނާ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އުފައްދާ ފުރަތަމަ ފިލްމު ކަމަށެވެ.

ސަންޖޭ ބުނީ ޒައިދު އަކީ މިވަގުތު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެ ރީތި އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެއް ކަމަށާއި މި ފަހަރުގެ ފިލްމުން ބެލުންތެރިންނަށް އަލުން ޒައިދު ފާހަގަ ކުރެވިގެން ދާނެ ކަމަށެވެ.
ބައްޕަގެ ހައިސިއްޔަތުން ދަރިފުޅަށް ދެ ވަނަ ފުރުސަތެއް ފިލްމީ ރޮނގުން ހޯދާދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ސަންޖޭ ގަބޫލު ކުރެ އެވެ.

މިހާރު ކުރަމުންދަނީ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކަމަށާއި މިއީ ހަގީގީ ހީރޯއެއްގެ ބައޮޕިކް އަކަށް ވާތީ ތެދު މައުލޫމާތު ހިމެނުން ވަރަށް މުހިއްމު ކަމަކަށް ވާތީ ވަރަށް ބުރަކޮށް މައުލޫމާތު ހޯދާ އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ސަންޖޭ ބުންޏެވެ.

ޒައިދު ޚާން ބޮލީވުޑަށް ތައާރަފްވީ 2003 ގައި ރިލީޒްކުރި "ޗުރާ ލިޔާ ހޭ ތުމްނޭ" އިންނެވެ. ނަމަވެސް މި ފިލްމަށް ވުރެ ޒައިދު ގިނަ ބަޔަކަށް ފާހަގަ ކުރެވުނީ 2004 ގައި ނުކުތް ފަރާ ޚާން ޑައިރެކްޓްކުރި "މެއި ހޫން ނާ" އިންނެވެ.

ނަމަވެސް އޭގެ ފަހުން ކުޅުނު ފިލްމުތައް ފްލޮޕްވެ ޒައިދުގެ ތަރި ބޮލީވުޑުން އޮއްސުނީ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ 2015 ގައި ރިލީޒްކުރި "ޝަރާފަތު ގައީ ތޭލް ލޭނޭ" ކިޔާ ފިލްމަކުންނެވެ. މި ފިލްމަށް ވެސް ބޮޑު ނާކާމިޔާބެއް ކުރިމަތިވުމުން ފާއިތުވީ ފަސް އަހަރު ތެރޭ އޭނާ އެއްވެސް ފިލްމެއް ކުޅެފައެއް ނުވެ އެވެ.