ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ދައުލަތުން ކުރާ ހަރަދުތަކާއި ސަރުކާރުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރާ ހަރަދުތަކާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ކޮންމެ ތިން މަހަކު އެއް ފަހަރު ހަދަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމަށް މައްސަލާގައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އިސްލާހެއް ހުށަހެޅުއްވި އެވެ.
އީވާގެ އިސްލާހުގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ކޮންމެ ކްއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ މާލީ ރިޕޯޓުތަކުގެ ފައިނޭޝަލް އޮޑިޓެއް ހަދާށެވެ. ކޮންމެ ކްއާޓަރެއް ނިމޭތާ މަސް ދުވަހުގެ ތެރޭގައި އެ އޮޑިޓް ނިންމަން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ވެސް އެ އިސްލާހުގައިވެ އެވެ. ކްއާޓަރަކީ ތިން މަސް ދުވަހެވެ.
އިވާ ހުށަހެޅުއްވި އިސްލާހު ކޮމިޓީ ރިޕޯޓުގައި ހިމެނުމަށް މަޖިލީހުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓު ވެސް މިއަދުގެ ޖަލްސާގައި 63 ފާސްކުރި އެވެ. ރިޕޯޓު ފާސްކުރީ މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ކަންކަމަށް ދައުލަތުގެ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ ހަރަދުތަކުގެ ފައިނޭންޝަލް އޮޑިޓްތައް ދޮޅު މަސް ދުވަސް ނުވަތަ 45 ދުވަހުގެ ތެރޭގައި ނިންމައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން އޮޑިޓާ ޖެނެރަލްއަށް އެންގުމަށް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.