ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ސައީދު

އެހީތެރިކަމުގެ ބިލް ބޭރުކޮށްލުމުން އިތުރު ހަ ބިލެއް ހުށައަޅައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މާލީ ހާލަތު ދަށްވެ ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީތެރިވުމުގެ ގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލު ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން ވެސް އެ ބިލު އެޖެންޑާ ނުކުރަން މަޖިލީހުގެ ރިޔާސަތުން ނިންމުމުން އިތުރު ހަ ބިލެއް ސައީދު ހުށައަޅައިފި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ލީޑަރު ސައީދު މަޖިލީހަށް ހުށައެޅި "ކޮވިޑް19 އެހީތެރިކަމުގެ ބިލް" ގައި ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަނޑުވެރި ބިންތަކުގެ ކުލި ފަސްކޮށްދިނުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދީފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރު ކުރުންފަދަ ކަންކަން ވަނީ ހިމަނާފައެވެ.

ނަމަވެސް ދެ ފަހަރަށް އެ ބިލް ހުށައެޅުންވެސް އެޖެންޑާ ނުކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ނިންމާފައެވެ.

މެންބަރު ސައީދު މިރޭ ވިދާޅުވީ "ކޮވިޑް19 އެހީތެރިކަމުގެ ބިލް" ދެ ފަހަރު ބޭރުކޮށްލުމުން އިތުރު ހަ ގާނޫނެއް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ ކުލި ފަސްކުރުމުގެ ބިލާއި، ދަނޑުވެރިންނަށް ލުއި ދިނުމުގެ ބިލާއި، ލޯނު ލުއިގެ ބިލާއި، ޕެންޝަން ފައިސާއަށް އެދޭ ބިލާއި ގޭ ކުއްޔާއިބެހޭ ބިލްގެ އިތުރުން ޓޫރިޒަމް ކުލީގެ ބިލް މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ.

އެ ބިލްތަކުގައިވެސް ކުލި ދެއްކުމުގައި ފަސޭހަތަކެއް ދިނުމަށް ހުށައަޅާފައިވެއެވެ. އަދި ސޯޝަލް ހައުސިންގެ ކުލިވެސް ފަސްކުރުމަށް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ޕެންޝަން ފައިސާއިން ބައެއް ބޭނުން ކުރެވޭނެ ގޮތް ހެދުމާއި، ޓޫރިޒަމް ކުއްޔަށް ލުއި ދިނުމަށްވެސް ހިމަނާފައިވެއެވެ.