ކުޅިވަރު

ބިލްބާއޯގެ ފޯވަޑް އަޑޫރިޒް ރިޓަޔާ ކޮށްފި

އެތުލެޓިކް ކުލަބު ބިލްބާއޯގެ ފޯވަޑް، އަރިޓްޒް އަޑޫރީޒް އުމުރުން 39 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ކޮވިޑް-19 އިގެ ނުރައްކާ ކުޑަވުމުން ފަށަން ތައްޔާރުވެފައިވާ ލަލީގާ ކުރިއަށް އޮއްވާ، ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން އޭނާ ބުނީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރިމަތިވި ހާލަތަކާއެކު އެންމެ މަތީ ލެވަލްގައި ކުޅުމުގެ ފުރުސަތު ގެއްލި ފައިވާ ކަމަށެވެ.

ކުރިން އޮތް ގޮތުންނަމަ ސްޕެނިޝް ކަޕްގެ ފައިނަލުގައި ރެއާލް ސޮސީޑާޑް އާ ދެކޮޅަށް ބިލްބޯއޯ ޓީމުގައި އޭނާ ކުޅޭނެ އެވެ. މިދިޔަ މަހު ކުޅެން ތާވަލު ކޮށްފައިވާ ފައިނަލު މެޗު ފަސްވީ ވައިރަހާ ގުޅިގެންނެވެ.

"ކުޅުން ހުއްޓާލަން ޖެހޭ ވަގުތު ޖެހިއްޖެ، ވަރަށް ގިނަ ފަހަރަށް އަހަރެން ބުނެފައި ވާނެ ފުޓްބޯޅަ އަހަރެން ދޫކޮށްލާނޭ އަހަރެން އަމިއްލަ އަށް ދޫކޮށްލުމުގެ ކުރިން، މިއޮތީ އެވަގުތު އައިސް ޖެހިފައި،" ސްޕެއިންގެ ގައުމީ ޓީމަށް 13 ފަހަރު ކުޅުނު ސްޓައިކަރު ބުންޏެވެ. "އިއްޔެ ޑޮކްޓަރު އަހަންނަށް އިރުޝާދު ދިނީ އަހަރެންގެ އުނގަނޑަށް ދިމާވެފައިވާ އަނިޔާއިން އަވަހަށް ސާޖަރީ ހެއްދުމަށް، އެކަމަށްޓަކައި އަހަރެން ފުޓްބޯޅަ އާ ދުރުވެ އާންމު ދިރިއުޅުމެއް އުޅެން ޖެހޭނެ، އަހަރެންގެ ހަށިގަނޑުން އަންގައިދެނީ މިހާރު ފުޓްބޯޅަ ދޫކޮށްލަން ޖެހޭކަން."

އޭނާ ބުނީ، ބޭނުންވި ގޮތަށް އޭނާގެ ޓީމުގެ ކުޅުންތެރިންނަށް އެހީ ނުވެވުމުން ދެރަވާ ކަމަށެވެ. ނަމަވެސް އެއީ ކޮންމެ އެތުލީޓެއްގެ ދިރިއުޅުމުގައި ވެސް ކުރިމަތި ވާނެ ވަގުތެއް ކަމަށެވެ.

އަޑޫރިޒް ވަނީ، ބިލްބާއޯ އަށް ކުޅުނު 296 މެޗުގައި 141 ލަނޑު ޖަހައި ދީފަ އެވެ. އޭގެ އިތުރުން ވެލެންސި އާއި މަޔޯކާ އަށްވެސް އޭނާ ކުޅުނެވެ.