ލައިފްސްޓައިލް

ކިޑްނެޕްކުރި ކުއްޖާ 32 އަހަރު ފަހުން މައިންބަފައިން ހޯދައިފި

ވަރަށް ކުޑައިރު ޖަހައިގަނެގެން ގެންދިޔަ ކުއްޖަކު 32 އަހަރު ފަހުން އޭނާގެ މައިންބަފައިން ހޯދައި އެމީހުންނާ ބައްދަލު ކޮށްފި އެވެ. މި ކުއްޖާއަށް އޭނާގެ މައިންބަފައިންނާ ބައްދަލު ވެވުނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ މޮޅު ކަމުންނެވެ.

އޮކްޓޯބަރު 17، 1988 ވަނަ ދުވަހު މާއޯ ޔިން ވަގަށް ގެންދިޔައީ ޗައިނާގެ ސެންޓްރަލް ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި ހުރި ހޮޓަލެއްގެ ދޮރުމަތީގައި ހުއްޓަ އެވެ. މާއޯގެ ބައްޕަ ނާސަރީން އޭނާ ގޮވައިގެން ގެއަށް ދަމުން އެ ހޮޓާ ކައިރިއަށް މަޑުކުރީ ފެންފުޅިއެއް ގަންނާށެވެ. އޭނާ ފެންފުޅި ގަންނަން ހުއްޓާ މީހަކު އައިސް ދަރިފުޅު ޖަހައިގަނެގެން ގެންދިޔައީ އެވެ.

މި ކުއްޖާ ޖަހައިގެން މީހާ އޭނާ ގެންގޮސް ވިއްކާލީ ސީޗުއާންގައި ދިރިއުޅޭ ދަރިން ނުލިބޭ ދެމަފިރިއަކަށެވެ. އަމިއްލަ ދަރިއަކަށް ހަދައިގެން އެ ކުއްޖާ ގެންގުޅެ ބޮޑުކުރީ އެ ދެމަފިރިންނެވެ.

މާއޯ ކިޑްނެޕް ކުރުމުން އޭނާގެ އަސްލު މައިންބަފައިން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ގިނަ ދުވަސްތަކެއް ވަންދެން ކުރި އެވެ. މާއޯގެ މަންމަ މިސިޒް ލީ އަދާ ކުރަމުން ދިޔަ ވަޒީފާ ދޫކޮށްލާފައި މާއޯ ހޯދުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން ލައްކައަކަށް ވުރެ ގިނަ ފްލަޔާޒް ޗާޕް ކޮށްގެން ޗައިނާގެ 10 ވަރަކަށް ޕްރޮވިންސަށް ދަތުރުކޮށް އެ އެއްޗެތި ބަހައި މާއޯ ހޯދަން ވަރަށް ގިނަ މަސައްކަތްތައް ކުރި އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުގައިވާ މި ރިޕޯޓުގައިވާ ގޮތުން މިސިޒް ލީ ޗައިނާގެ ވަރަށް ގިނަ ޓީވީ ޝޯތަކަށް ވެސް އަރައި ދަރިފުޅު ގެއްލުނު ވާހަކަ ކިޔައިދީފައި ވެއެވެ. ކޮންމެ ވެސް ދުވަހަކުން އޭނާގެ ދަރިފުޅަށް އޭނާ ޓީވީން ފެނިދާނެ ކަމުގެ އުންމީދުގަ އެވެ.

އޭގެ ފަހުން 2007 ގައި މިސިޒް ލީ ވަނީ "ބޭބީ ކަމް ބެކް ހޯމް" ކިޔާ ގްރޫޕެއްގައި ވޮލަންޓިއަރަކަށް ވެފަ އެވެ. މިސިޒް ލީ އަށް އޭނާގެ ދަރިފުޅު ނުހޯދުނު ނަމަވެސް ގެއްލިފައިވާ 29 ކުއްޖަކު އެ ކުދިންގެ އާއިލާތަކާ އަލުން ބައްދަލު ކޮށް ދިނުމުގައި މިސިޒް ލީ އެހީތެރިވެދީފައި ވެއެވެ.

ޗައިނާގެ ފުލުހުން ވެސް މާއޯ ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. އެގޮތުން އޭނާގެ ކުޑައިރުގެ ފޮޓޯއެއް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި ބަދަލުކޮށް ބޮޑުވީމާ އޭނާ ހުންނާނެ ގޮތުގެ ސޫރައެއް ތައްޔާރުކުރި އެވެ. އަދި ޗައިނާގެ ނެޝަނަލް ޑޭޓާ ބޭސްގައިވާ ފޮޓޯތަކާއި މި ފޮޓޯ އަޅާ ބެލި އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާއޯ ފެނިދާނެ ކަމުގެ އުންމީދު ޗައިނާ ފުލުހުންނަށް ލިބުނީ މިދިޔަ އެޕްރީލް މަހު އެވެ. ސައުތު-ވެސްޓް ޗައިނާގެ ސީޗުއާން ޕްރޮވިންސްގައި މީގެ 32 އަހަރު ކުރިން ދެމަފިރިއަކު އެޑޮޕްޓް ކުރި މީހަކު ހުރިކަން އެމީހުންނަށް ކޮންމެވެސް ގޮތަކުން އޮޅުން ފިލީ އެވެ.

ފުލުހުން ދެން އެ އެޑޮޕްޓް ކުރި ކުއްޖާ ހޯދި އެވެ. މިހާރު އޭނާ ހުރީ 34 އަހަރުގެ ބޮޑު ފިރިހެނަކަށް ވެފަ އެވެ. ދެން ޑީއެންއޭ ހެދުމުން މިއީ މައޯ ޒެންޖިންގް އާއި ލީ ޖިންޒީގެ ގެއްލިފައިވާ ދަރިފުޅުކަން ޔަގީން ކުރެވުނެވެ.

އޭރު މާއޯ ޔިން ގެ ނަން ވެސް ވަނީ އޭނާ އެޑޮޕްޓްކޮށްގެން ގެންގުޅުނު މައިންބަފައިން ގޫ ނިންގްނިންގް އަށް ބަދަލު ކޮށްފަ އެވެ.

މާއޯ އާއި އޭނާގެ ހަގީގީ މައިންބަފައިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކޮށްފައި ވަނީ ލައިވްކޮށް ބްރޯޑްކާސްޓްކުރި ޝޯއެއްގަ އެވެ. ޗައިނާގެ ސްޓޭޓް ބްރޯޑްކާސްޓާ ސީސީޓީވީ އިން ދެއްކި މި ޝޯ ވަގުތުން ލައިވްސްޓްރީމް ވެސް ކޮށްފައި ވެއެވެ.

މި ޝޯ ދެއްކި މަންމައިންގެ ދުވަހުގައި ކަމަށް ވުމުން އިތުރަށް މިކަން ޚާއްސަވެގެން ދިޔަ ކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މިސިޒް ލީ އޭނާގެ ދަރިފުޅުގެ އަތުގައި ހިފާލައިގެން ރޮވިފައި ހުއްޓާ މި ވީޑިއޯގައި ފެނެ އެވެ. އަދި މިއީ މަންމައިންގެ ދުވަހު އޭނާއަށް ލިބުނު އެންމެ އަގުހުރި ހަދިޔާ ކަމަށް ލީ ބުންޏެވެ. އަދި ދުވަހަކުވެސް ދެން ދަރިފުޅާ ވަކިވާން ބޭނުން ނޫން ކަމަށް ވެސް ލީ ރޮމުން ރޮމުން ބުނެފައި ވެއެވެ.