ބޮލީވުޑް

"ސޯންޗިޅިޔާ" އެކްޓަރު ހާލުގައި ޖެހި މޭވާ ވިއްކަނީ

"ސޯންޗިޅިޔާ" އަދި "ޑްރީމް ގާލް" ފަދަ ފިލްމުތަކުގައި ސައިޑް ރޯލެއް ކުޅެފައިވާ އެކްޓަރު ސޮލާންކީ ދިވާކަރްގެ ވަޒީފާ ގެއްލި ކުރާނެ މަސައްކަތެއް ނެތި އަތްމަތި ދަތިވެގެން ފާއިތުވީ ދެ މަސް ދުވަހު ކޮށްފައިވަނީ މަގުމަތީގައި މޭވާ ވިއްކުމުގެ މަސައްކަތެވެ.

"ހަވާ ހަވާ"، "ތިތްލީ" ފަދަ ފިލްމުތައް ވެސް ކުޅުނު 35 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އޭނާއަކީ ދެ ދަރިންގެ ބައްޕަ އެކެވެ. އެހެންވީމާ ފިލްމުގެ މަސައްކަތްތައް ހުއްޓި އަތްމަތި ދަތިވުމުން މޭވާ ވިއްކުމުގެ މަސައްކަތް ފެށީ އެވެ.

ލޮކްޑައުން އިތުރު ކުރުމުން އަތުގައި ހުރި ފައިސާ ހުސްވެ ދަރިންނަށް ވެސް ކާން ބޯން ދޭނެ ގޮތެއް ނެތި އަދި އުޅޭ ތަނަށް ކުލި ވެސް ނުދެއްކި ހާލުގައި ޖެހުނީ ކަމަށް އޭނާ ބުންޏެވެ.

އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި ދިވާކަރް ބުނީ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ކުރިން ވެސް އޭނާ އަކީ މޭވާ ވިއްކާއިގެން ދިރިއުޅުން ހަމަޖައްސަމުން އައި މީހެއް ކަމަށެވެ. އެހެންވީމާ ފިލްމީ މަސައްކަތްތައް ހުއްޓުމުން އަނެއްކާވެސް އެ މަސައްކަތަށް އެނބުރި ރުޖޫއަ ވީއެވެ.

ދާދިފަހުން މަރުވި އެކްޓަރު ރިޝީ ކަޕޫރު ކުޅެން ހަމަޖެހިފައި އޮތް ފިލްމަކުން ކުޑަ ރޯލެއް ދިވާކަރް އަށް އޮތީ ލިބިފަ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އެ ފިލްމު ވަނީ ހުއްޓިފަ އެވެ.

"ކޮރޯނާވައިރަހުގެ ސަބަބުން އެ ފިލްމުގެ މަސައްކަތް ލަސްވީ. މިހާރު ރިޝީ ވެސް ދުނިޔެއަކު ނެތް. އެހެންވީމަ ދެން އެ ފިލްމަށް ވާނެ ގޮތެއް ނޭނގޭ. ރިޝީ އާއެކު މަސައްކަތް ކުރާނެ ފުރުސަތެއް ލިބި އެ ފުރުސަތު ގެއްލުނީމަ ވަރަށް ދެރަވެއްޖެ. ކޮރޯނާވައިރަހުގެ މައްސަލަ ދިމާނުވި ނަމަ އަހަންނަށް ފިލްމުތަކުގައި ކުދި ކުދި ރޯލުތައް ކުޅެލައިގެން މުމްބައިގައި ދިރި އުޅެވުނީސް،" ދިވާކަރް ބުންޏެވެ.

ދިވާކަރް ނިސްބަތްވަނީ އާގްރާ އަށެވެ. ނަމަވެސް ދިއްލީގައި އޭނާ ދިރިއުޅޭތާ މިހާރު 25 އަހަރު ވެއްޖެ އެވެ.
ކޮންމެ ދުވަހަކު ވެސް ފަތިހު ފަތިހާ ހޭލައިގެން އޭނާ އޮކްލާ މަންޑީ ކިޔާ ހޯލްސޭލްކޮށް މޭވާ އާއި ތަރުކާރީ ވިއްކާ ތަނަކަށް ގޮސް އެ ދުވަހަކު ވިއްކަންވާ ތަކެތި ގަނެ އެވެ.

ނަމަވެސް ލޮކްޑައުންގެ ދުވަސްވަރު މިއީ އޭނާއަށް ވެސް ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ދިގު ކިއޫގައި ގިނައިރު ހުންނަން ޖެހުމުގެ އިތުރުން ފުލުހުން އައިސް ފަހައި ގަތުމާއި ކޮރޯނާވައިރަހުގެ ބިރު ވެސް އޮވެ އެވެ. ނަމަވެސް އޭނާ ބުނީ ވައިރަހަށް ބިރުން ހުންނަން ވެއްޖެނަމަ ވައިރަސް ޖެހިގެންނަށް ވުރެ އަވަހަށް ބަނޑުހައިހޫނުކަމުގައި އޭނާ މަރުވެދާނެ އެވެ.

މޭވާ ވިއްކަން ހުއްޓަސް ދިވާކަރް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަނީ އަނެއްކާވެސް ކެމެރާގެ ކުރިމައްޗަށް އަރަން ލިބޭނެ ދުވަހަކަށެވެ. އެ ދުވަހެއް އަންނަންދެން އޭނާ މޭވާ ވިއްކުމުގައި ދެމި ހުންނާނެ ކަމަށް ދިވާކަރް ބުންޏެވެ.