ދުނިޔެ

ޔޫއޭއީގެ އެހީ ފަލަސްތީނުން ގަބޫލެއް ނުކުރި

May 22, 2020
5

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ފޮނުވި ބޭހުގެ އެހީގެ ޝިޕްމަންޓެއް ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ހެލްތު މިނިސްޓަރު މިއާ ކައިލާ ވިދާޅުވީ، ޔޫއޭއީ އިން ފޮނުވި ޝިޕްމަންޓް ގަބޫލު ނުކުރަން ނިންމީ، އެ އެހީ އާ ގުޅޭގޮތުން، ސީދާ ފަލަސްތީނާ މުއާމަލާތް ކޮށްފައި ނުވާތީ ކަމަށެވެ.

"ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ގައުމެއް. ނަމަވެސް، އެ އެހީ ދިނުމާ ގުޅުމާ ގުޅޭގޮތުން ފަލަސްތީނަކާ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޕީއޭ އިން އެ ގޮތަށް ނިންމާފައި ވަނީ އެ އެހީ ހިފައިގެން ދިޔަ ފްލައިޓް އިޒްރޭލުގެ ޓެލްއަވީވްގައި އޮންނަ އެއާޕޯޓަށް ޖެއްސުމުން ކަމަށެވެ.

މިދިއަ އަންގާރަ ދުވަހު ފަލަސްތީނަށް އެހީގެ ގޮތުގައި ދިނުމަށް އެ ބޭހުގެ ޝިޕްމަންޓް ހިފައިގެން ދިޔަ އިއްތިހާދު އެއާވޭސްގެ ފްލައިޓް ޓެލްއަވީވްގައި އޮންނަ އެއާޕޯޓަށް ވަނީ ޖައްސައިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ދެ ގައުމުގެ ދެމެދުގައި ވައިގެ މަގުން ދަތުރެއް ކުރި ފުރަތަމަ ފަހަރެވެ.

ފަލަސްތީނު ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި، އިޒްރޭލު މެދުވެރިކޮށް ޔޫއޭއީ އިން އެ އެހީ ފޯރުކޮށްދިނުން ގަބޫލެއް ނުކުރެވޭނެ އެވެ.

އަދި އިޒްރޭލާ ގުޅުން ބާއްވަން ފާލަމެއްގެ ގޮތުގައި ފަލަސްތީނު ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެކަމަށް ވެސް އެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.