އޮފްބީޓް

ލޯބިވެރިޔާ ރޮއްވަން 1000 ކިލޯ ފިޔާ ފޮނުވައިފި

ޗައިނާގެ އަންހެނަކު އަޖައިބެއް ފަދަ މަޖާ ކަމެއް ކޮށްފި އެވެ. މިއީ ލޯބިވެރިޔާ ކުއްލިއަކަށް ރުޅިވީމަ އެކަމާ ހިތް ހަލާކު ވެގެން މި މީހާ ކުރި ކަމެއް ކަމަށް ވެއެވެ. ފިރިހެން މީހާ ވަނީ ކުއްލިއަކަށް އެ އަންހެން މީހާ އާ ރުޅިވެފަ އެވެ.
އެހެންވެ އެކަމާ ހިތްދަތި ވެގެން ރޮއިރޮއިފައި އަންހެންމީހާ ވެސް ބަދަލު ހިފުމުގެ ގޮތުން ކުރީގެ ލޯބިވެރިޔާއަށް 1000 ކިލޯ ފިޔާ ވަނީ ފޮނުވާފަ އެވެ. އަންހެންމީހާ ބުނަނީ އޭނާ ރުއި ވަރަށް މި ފިޔާތަކުން ފިރިހެން މީހާ އަށް ވެސް ރޮވެން އޭނާ އެދޭ ކަމަށެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ލޯބިވެރިޔާ ކުއްލިއަކަށް ރުޅިވީމަ ޒުވާން އަންހެންމީހާގެ ހިތް ކުދިކުދިވި އެވެ.

އަންހެންމީހާ ބުނަނީ ލޯބިވެރިޔާ ރުޅިވީމަ ދެރަވެގެން ތިން ދުވަސް ވަންދެން އޭނާއަށް ވަރަށް ގަދަޔަށް ރޮވުނެވެ. ނަމަވެސް އަންހެންމީހާ އެވަރަށް ރުއިމަ ވެސް ލޯބިވެރިޔާއަށް އެއްވެސް އަސަރެއް ނުކުރިކަން އެނގުމުން އައި ރުޅީގައި 1،000 ކިލޯ ފިޔާ އޭނާއަށް ފޮނުވީ އެވެ.

އަންހެންމީހާގެ ކުރީގެ ލޯބިވެރިޔާގެ ގޭ ދޮރުމައްޗަށް އެތައް ބަސްތާއެއްގެ ރަތް ފިޔާ ބަސްތާތައް ޖެހުމުން އެ ފިރިހެންމީހާ ވަރަށް ހައިރާންވި އެވެ. ބަސް ހުއްޓިފައި އެ ފިޔާ ބަސްތާތަކާ ދިމާލަށް ބަލަހައްޓައިގެން ފިރިހެންމީހާ ހުރި މަންޒަރުގެ ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިނގިރޭސި ވިލާތުގެ ނޫހެއްގައިވާ މި ޚަބަރުގައިވާ ގޮތުން ފިޔާ ބަސްތާތަކާއެކު އަންހެންމީހާ ލިޔެފައިވާ ނޯޓެއް ވެސް ފިރިހެން މީހާ އަށް ލިބުނެވެ.

"އަހަރެން ތިން ދުވަސް ވަންދެން ރޮއެފިން ދެން ރޯން ޖެހޭނީ ކަލޭ،" އަންހެންމީހާ ފޮނުވި ނޯޓުގައި ބުނެފައި ވެއެވެ.
އަންހެންމީހާ އެންމެ ބޮޑަށް ފިރިހެންމީހާ ދެކެ ރުޅިއައީ އޭނާ އެ ވަރަށް ރުއި އިރު ފިރިހެންމީހާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނުވެއްޓުނީމަ އެވެ.

ޗައިނާގެ ނޫސްވެރިއެއް ކައިރި ފިރިހެން މީހާ ބުނިކަމަށް ވަނީ އޭނާ އެ އަންހެންމީހާ އާ ރުޅިވީ ވެސް މި ކަހަލަ ބޯގޯސް ކަންތައް ކުރާތީ ކަމަށެވެ.