ވާހަކަ

އިބިލީސް

އަފާޒު ގަދަ ކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލި އެވެ. އޭނާއަށް ފެނުނީ ބިންމަތީގައި ދުވަމުން ދިޔަ ކަޅު ހިނިތަކެވެ. ވިނަގަސްތަކުގެ ތެރޭގައި އަވަދި ނެތި އެ ސޮރުމެން ދުވަމުންދާ މަންޒަރެވެ. އޭނާ ފުން ނޭވާއެއް ބޭރު ކޮށްލި އެވެ. މަޑުމަޑުން ދެ އަތް ބިންމަތީގައި ޖައްސާލި އެވެ. ގަދަ ކަމުން ކަހަލަ ގޮތަކަށް ބޯ ހިއްލައިލި އެވެ. އޭނާ މަޑުމަޑުން ތެދުވެ އިށީނދެލި އެވެ. ދެފައި ވަށްކޮށްލަމުންނެވެ.

އަފާޒު އަމިއްލަ ގައިގެ އެތަން މިތަނުގައި ފިރުމަން ފެށިއެވެ. އަތާއި ބުރަކަށީގަ އެވެ. މޭމަތީގަ އެވެ. މުލައްދަނޑީގަ އެވެ. ބޮލުގައި އޮތް ކަޅުކުލައިގެ ހެލުމެޓުގަ އެވެ. ދެތިން ފަހަރަކު ހެލުމެޓު މަތީގައި އަތް ހިންގައިލި އެވެ. އޭނާ ވަށައިގެން ބަލައިލި އެވެ. ހޯދާލި އެވެ. ފަތިހުގެ ތެތްފިނީގެ ތެރެއިން މަންޒަރު ފެންނަނީ ފުސްކޮށެވެ. އޭނާ މަޑުމަޑުން ދެއަތް ގަޔާ ކައިރި ކޮށްލި އެވެ. ހީކަރުވައި ގަތުމުން ހަރަކާތް ކޮށްލާހެންނެވެ. ގައިގައި އޮތް ކަޅުކުލައިގެ ޖެކެޓުގެ މަތީގައި ހުރި ތެތްފިނިން އަތް ތެމުނެވެ. އޭނާއަށް ހަށި ފުރައި ނޭވާއެއް ދޫކޮށްލެވުނެވެ. ހަމަ އެވަގުތު އޭނާގެ ކަތުރުކަށިގަނޑު ބާރަށް ތެޅިގަތެވެ. ފިނީގެ ސަބަބުން ތުރުތުރު އަޅައިގަތެވެ.

ބޮލުގައި އޮތް ހެލުމެޓު ނަގައި އުނގު ތެރޭ ބާއްވާލި އެވެ. ފުން ނޭވާއެއް ދޫކޮށްލި އެވެ. މަޑުމަޑުން ދެ ލޮލަށް ބާރު ކޮށްލި އެވެ. މަންޒަރު ފެންނަމުން ދިޔަ ގޮތުންނެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލި އެވެ. ބައެއް ފަހަރު އޭނާއަށް މަންޒަރު ފެންނަނީ ފަށްފަށްވަމުންނެވެ. ހީވަނީ ދެ ލޮލަށް ދެ މަންޒަރެއް ފެންނަ ހެންނެވެ. މަޑުމަޑުން ލޮލުގެ ބޮނޑިމަތީގައި އިނގިލި ޖައްސައިލި އެވެ. އަނެއްކާ ވެސް ދެ ލޯ ބޮޑުކޮށްލަމުން ބަލައިލި އެވެ. ކުރިއަށް ވުރެ ސާފުހެން ހީވި އެވެ.

އަފާޒުގެ ނިއްމައްޗަށް ވެއްޓުނު އިސްތަށި ކޮޅުގައި އަތުން ފުނާ އަޅައިލި އެވެ. އޭނާ ސިހުނެވެ. އަޑެއް އިވެން ފެށުމުންނެވެ. ވަށައިގެން ހޯދައިލިއެވެ. އެއީ ފޯނު ރަނގަބީލުވާ އަޑެވެ. އަފާޒު މަޑުމަޑުން ކޮޅަށް ތެދުވި އެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ފައި ކައިރީ އޮތް ފޯނެވެ. ނުފަރިތަ ރާގަކަށް ފޯނުގެ ސްކުރީނަށް އަރާފައި އޮތް ނަން ކިޔައިލި އެވެ.

"މަސްރާ؟" އަފާޒު އަނެއްކާ ވެސް ތަކުރާރު ކޮށްލި އެވެ. "މަސްރާއަކީ ކާކުބާ؟"

އަފާޒަށް ހުރެވުނީ ފޯނަށް ބަލާށެވެ. ފޯނުގެ ރަނގަބީލު ކެނޑުނެވެ. ދެވަނަ ފަހަރަށް ފޯނު ރަނގަބީލުވާން ފެށިއެވެ. އޭނާ މަޑުމަޑުން ގުދުވެ ފޯނު ނެގި އެވެ. ދެ ފިކުރެއްގައި ހުރެ އެވެ.

"މި ކާކު؟ ކޮން މަސްރާއެއް؟" އަފާޒު މަޑުމަޑުން ބުނެލި އެވެ.
"ހަލޯ! އަފާ! ކޮންތާކުތަ ތިއުޅެނީ؟ ހާދަ ގުޅައިފީމޭ!" ފޯނު ނެގި އިރަށް މަސްރާ ވާހަކަ ދައްކަން ފެށި އެވެ.

އަފާޒަށް ހުރެވުނީ އެވެ. މަސްރާގެ އަޑު އަހާށެވެ. އޭނާގެ ވާހަކަތައް އިވިފައި އަފާޒުގެ ހިތަށް ސުވާލުތައް އަރައި ފައިބަމުން ދިޔަ އެވެ.

"އަފާ! ކީއްވެތަ ވާހަކަ ނުދައްކަނީ؟ ކޮންތާކުތަ ތިއުޅެނީ؟" މަސްރާ އަވަސް އަވަހަށް ބުނެލި އެވެ.
"ކީކޭ؟ ކާކު؟" އަފާޒު ލަސްލަހުން ބުނެލި އެވެ.
"ކާކުހޭ؟ ބަލަ މިއީ މަސްރާއޭ. އަފާގެ އަނބިމީހާއޭ. ދަރިފުޅުގެ މަންމައޭ،" މަސްރާ ހިތްހަމަ ނުޖެހޭ ގޮތްވި އެވެ. "ދެން ބުނާނީ މަޖަލޭ. ސަކަރާތް ޖަހައިލީއޭ. މަސްރާ ތަޅުވާލީއޭ."
"ކޮން ދަރިއެއް؟ ކޮން އަނތްބެއް؟ ކޮން މަސްރާއެއް؟" އަފާޒު ލަސްލަހުން ބުނެލި އެވެ.
"އާނ! ދެހާސް ސޯޅަވަނަ އަހަރުގެ ޖަނަވަރީ އެގާރަވަނަ ދުވަހު މުހައްމަދު އަފާޒު، ފާތިމަތު މަސްރާއާ ކައިވެނި ކޮށްގެން، ދެހާސް އަށާރަވަނަ އަހަރު ޖޫން މަހުގެ އަށާވީހުގައި ލިބުނު މަޞޫނާ އަފާޒު،" ހޭން ފަށަމުން މަސްރާ ބުނެލި އެވެ. "މަޞޫނާ، މާނައަކީ ރައްކާތެރިކުރެވިފައިވާ، ހަނދާން ވެއްޖެ ދޯ؟ ދަރިފުޅަށް މަޞޫނާގެ ނަމުން ނަން ދިނީ އަހަރުމެންގެ ލޯބި ރައްކާކޮށް ދޭނެ ނިޝާނަކީ އެއީ ކަމަށްވާތީއެއްނު."
"ކޮން މަޞޫނާއެއް؟ ކޮން މަސްރާއެއްތަ؟" އަފާޒުގެ އަޑުގައި ރިހުން އެކުލެވެމުން ދިޔަ އެވެ.
"ދެން އަފާ ސަކަރާތް ނުޖަހަބަލަ. އަހަރެން މި ހުންނަނީ ނުލާހިކު ކަންބޮޑުވެފަ. އަފާ ރޭގައި ނިދަން ނައީމަ. ނިދަން ނައިސްގެން ގުޅީމަ ވެސް ބިޒީކޮށްލައިފަ މެސެޖެއް ވިއްޔަ ކޮށްލީ ވެސް. ބިޒީއޭ ކިޔައިފަ. ހެނދުނު ދާނަމޭ ބުނެފަ. އަދި ވެސް ބިޒީކަން ނުކެނޑެނީތަ؟" މަސްރާ މަޖާ ވެލި އެވެ.
"ކާކުހޭ؟ ކޮން ބިޒީއެއްހޭ؟" އަފާޒު ބޮލުގައި އަތްއަޅައިލަމުން ބިންމަތީގައި އިށީނެވެ.

މަސްރާ ދައްކާ ވާހަކައެއް އޭނާއަކަށް ދޭހައެއް ނުވެއެވެ. މަސްރާއަކީ ކާކުކަމެއް އޭނާއަކަށް ނޭނގެ އެވެ. މަޞޫނާއަކީ ކާކުކަމެއް ކަން ވެސް އޭނާއަކަށް ނޭނގުނެވެ.

"ސަކަރާތް ނުޖަހާ! ދެން ބިޒީކަން ކެނޑުނީމަ ގުޅައިލާ. ހެނދުނު އަންނާނަމޭ ބުނީމަ މި ގުޅީ ވެސް. މިހާރު އެހެރަ ހައެއް ޖަހަނީ. ދެން އަންނަން އުޅޭ. ނިދަން ވެސް ޖެހޭނެއްނު. މިއަދު އޮފްވާނެއްނު ރޭ ހޭލައި ހުރީމަ." އޯގާތެރި ކަމާއެކު މަސްރާ ބުނެލި އެވެ.

"ހޫމ!" އަފާޒު ބޭނުންވީ ފޯނުން ސަލާމަތްވާށެވެ.
"އޯކޭ ބަލައިގެން އުޅެއްޗެ، ރޭވެސް މާލެ ތެރެއިން މީހަކު ގެއްލިގެން އެބަ އުޅޭ. އަހަރެން ވެސް އެ ޚަބަރު ލިބުނީމަ އަފާ ނައިސްގެން ކަންބޮޑުވީ. ނަސީބެއްނު އަފާއަށް ގުޅުނުކަން. ބޭއްވީ އިނގޭ. ލަވް ޔޫ."
"ހޫމް!" އަފާޒު އަނެއްކާ ވެސް ހޫން އަޅުވައިލި އެވެ.

މަސްރާ ފޯނު ބޭއްވުމުން އަފާޒު ބަލައިލީ ފޯނަށެވެ. އޭނާ ހުޅުވާލީ ފޮޓޯ ގެލެރީ އެވެ. އެތައް ސަތޭކަ ފޮޓޯއެއް އޭނާގެ ފޯނުގައި ހުއްޓެވެ. ލޮލުގައި އަޅައިގަތީ ތުއްތުތުއްތު ކުއްޖެއްގެ ފޮޓޯ އެވެ. އެ ކުއްޖާ އުރައިގެން ހުރީ އަފާޒު ދަންނަ މޫނެއްހެން ހީވެ އެވެ. އެމީހާގެ ފަހަތުގައި ހުރީ އަފާޒެވެ. އަފާޒު ތަންކޮޅެއް ފުންކޮށް ބަލައިލި އެވެ. ފޮޓޯއަށެވެ. ކޮންމެވެސް ވަރަކަށް ހަނދާންވާން ފެށި އެވެ. އެއީ އޭނާގެ ދަރިފުޅެވެ. މަޞޫނާ އެވެ. ދަރިފުޅު އުރައިގެން އެ ހުރީ އޭނާގެ އަންހެނުންނެވެ. މަސްރާ އެވެ. އެއީ އެ ފަން އިސްތަށިގަނޑެވެ. އެ ރީތި އޮމާން މޫނެވެ.

"މަސްރާ. އަޞޫނާ،" އަފާޒު ލަސްލަހުން ކިޔައިލި އެވެ. "އަހަންނަށް ކިހިނެއް މިވަނީ؟ ކީއްވެ އެމީހުން މަތިން ހަނދާން ނެތުނީ؟"

އަފާޒު ބޮލުގައި އަތްއެޅި އެވެ. އޭނާގެ ބޮލަށް ހުރީ ބަރުވެފަ އެވެ. ދޭތެރެ ދޭތެރެއިން ވިއްދައިގަނެވެ. ބޮލުގެ ދެ ފަރާތުގައި ރިއްސައިގަނެ އެވެ. އޭނާ މަޑުމަޑުން ނިތްކުރީގައި އަތްޖައްސާލަމުން ބާރު ކޮށްލި އެވެ. ބައެއް ކަންކަން ހަނދާން ވާން ފެށި އެވެ. ބައެއް މަންޒަރު ސިކުނޑިއަށް ތިލަވާން ފެށި އެވެ.

"އަހަންނަށް ކީއްތަ މި ވަނީ؟ ކީއްވެބާ ކަންކަން ހަނދާން ނެތުނީ؟ މި ކޮންތަނެއް؟ ބިންމަތީ މި އޮތީ ކީއްވެ؟ ކީއްވެ ހެލްމެޓު؟ މީ ކޮން ޖެކެޓެއް؟" ފުން ވިސްނުމެއްގައި އިނދެ އަފާޒު އަމިއްލައަށް ވާހަކަ ދައްކަމުން ދިޔަ އެވެ.
އޭނާ އަމިއްލަ މޫނުގައި ދެ އަތުން ފިރުމައިލި އެވެ. ފުން ނޭވާއެއް ބޭރު ކޮށްލި އެވެ.

"ސައިކަލް؟" އަފާޒު ކުއްލިއަކަށް ކަމެއް ހަނދާންވުމުން ތެދުވި އެވެ.

އޭނާ ވަށައިގެން އެނބުރިލި އެވެ. އެތަން މިތަން ބަލަމުން ދުއްވައިގަތެވެ. އޭނާގެ ފައިގައި ކޮންމެ ވެސް ވަރެއްގެ ރިހުމެއް ހުރިހެން ހީވުމުން ކަނާއަތު ފަޔަށް ބަލައިލި އެވެ.

"އެކުސިޑެންޓު؟" ފައިތިލައިން ތެޔޮހަން ގޮސްފައިވާ ތަން ފެނުމުން އޭނާއަށް ބުނެލެވުނެވެ. "ކާކު؟ ކީއްވެ؟ ކިހިނެއް؟"
ކޮރު ޖަހަމުން ކަހަލަ ގޮތަކަށް އޭނާ ހިނގައިގަތެވެ. މަގުގެ ދެފަރާތަށް ކަޅި އުކަމުންނެވެ. ތާރު އަޅައިފައިވާ ބޮޑު މަގުގެ ދެފަޅީގައި ހެދިފައިވާ ވިނަތަކުގެ ތެރެއިންނެވެ. އޭނާއަށް ހުއްޓެވުނެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައި ދުވެލި އެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ވެއްޓިފައި އޮތް ސައިކަލެވެ. އަވަސް ހަރަކާތަކާއެކު ސައިކަލު ނެގި އެވެ. ސައިކަލު ހަރު ޖައްސާލަމުން ސައިކަލަށް ބަލައިލި އެވެ.

"އެއްވެސް ގެއްލުމެއް ނުވޭ." އަފާޒު މަޑުމަޑުން ތުންތަޅުވާލި އެވެ.

ކުއްލިއަކަށް މީހެއްގެ އަޑު އިވުމުން އަފާޒު ފަސް އެނބުރި ބަލައިލި އެވެ. އެއީ އަންހެނެކެވެ. ގަޔަށް ދޫ ހުދު ހެދުމެއްގައި ހުރި ޒުވާން އަންނެހެކެވެ. އިސްތަށިގަނޑު ވަނީ ހޭވިފަ އެވެ. ހެދުމުގެ ތަންކޮޅު ކޮޅުން ހުރީ ބޮނޑިވެފައެވެ. ރޫ އަރައިފަ އެވެ. ބައެއް ތަންތަން ކިލާވެ ކަޅުވެފައި ވެސް ހުއްޓެވެ.

އެއީ، ޔުނާލެވެ. ޔުނާލް އައީ އަފާޒާ ދިމާއަށެވެ. އަފާޒަށް ހުއްޓެވުނެވެ. އޭނާ ހީކުރީ ޔުނާލް އަންނަނީ އަފާޒުގެ އެހީތެރިކަމަށް އެދިގެން ކަމަށެވެ. އަފާޒާ ހަމަ ކުރަމުން ޔުނާލް ބަލައިލި އެވެ. އެ ބެލުމުގައި އެތައް މާނައެއް ފޮރުވިފައިވާ ފަދައިންނެވެ. އަފާޒު ހިނިތުންވެލި އެވެ.

"ނުލަފާ މީހާ! މޮޔަ މީހާ،" ޔުނާލް ބާރަށް ހަޅެއްލަވާ ގަތެވެ. "ސަޅި މީހާ! ކަލޭ ވަރަށް ފައްކާ. އަވަހަށް މިތަނުން ރައްކާވަން އުޅޭ."

އަފާޒުގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ. ސުވާލުގެ ނަޒަރުން އޭނާ ބަލައިލީ ޔުނާލަށެވެ. ޔުނާލު ދުއްވައިގަތެވެ. ކުރިއަށެވެ. ސުވާލުގެ ނަޒަރުން ބަލަން އަފާޒަށް ހުރެވުނީ އެވެ. އޭނާގެ ބޮލުތެރޭގައި ޔުނާލްގެ އަޑު ގުގުމަމުން ދިޔަ އެވެ. އެންމެ ފަހުން އަފާޒު ކަންފަތުގައި އަތް އެޅި އެވެ. އޭނާ ދެ ކަކޫ މައްޗަށް ތިރިވި އެވެ.

އަފާޒުގެ ހަނދާނަށް މަންޒަރުތައް ކުލަވާން ފެށި އެވެ. ރޭގައި ހިނގައި ދިޔަ ކަންކަމެވެ. އޭނާގެ ސިކުނޑިއަށް ތިލަވަމުން ދިޔަ މަންޒަރުތައް ލޮލަށް ފެންނަން ފެށި ކަހަލަ އެވެ.

"ލިފްޓެއް ލިބިދާނެތަ؟" މަގުގެ އެއްފަރާތުގައި ހުރި ޔުނާލް އަތްތިރިކޮށްލަމުން ބުނެލި އެވެ.
"ކޮންތާކަށް؟" އަފާޒު ގަޑިއަށް ބަލައިލަމުން ބުނެލި އެވެ. "ވަރަށް ލަސްވެއްޖެ މިހާރު، އެހެރަ އެކެއް ޖަހަނީ. އަހަރެން ވެސް ޑިއުޓީ ނިންމައިފަ ގެއަށް މިދަނީ. ޓެކްސީއަކަށް ގުޅަން ވީނު."
"ނުގުޅިގެންނޭ. އަޅެ އާދޭސްކޮށްފަ. އަހަރެން ސަލާމަތް ކޮށްދީ! އެހެންނޫނީ އެމީހުން އަހަރެން މަރާލާނެ." ޔުނާލް ރޯން ފެށިއެވެ.

އަފާޒުގެ އަތުގައި ހިފައި އާދޭސް ކުރަމުންނެވެ. އަފާޒު ފުން ނޭވާއެއް ދޫކޮށްލި އެވެ.

"ކޮންބައެއް؟ ކީއްވެ މަރާލަންވީ؟ ތީ ކާކު؟" އަފާޒު އެއްފަހަރާ އެތައް ސުވާލެއް ކުރި އެވެ.
"މި ޔުނާލް. އަހަރެން ސަލާމަތް ކޮށްދީ. އާދޭސްކޮށްފަ. މި މާބޮނޑި ނުގެންދެވިއްޖެ ނަމަ އަހަންނަށް އަދަބު ލިބޭނެ. މިހާރު ވެސް މާލަސް ވަނީ." ޔުނާލު އަތުގައި އޮތް ހުދުކުލައިގެ ފިނިފެންމާ މާ ބޮނޑި ދައްކާލަމުން ބުނެލި އެވެ.
ޔުނާލްގެ އަތުގައި މާބޮނޑިއެއް އޮތްތައް އަފާޒަށް ފެނުނީ ވެސް އެ ވަގުތެވެ.
"ދަންވަރު؟ ކޮން މާބޮނޑިއެއް؟ ކީއްވެ މަރަންވީ؟" އަނެއްކާ ވެސް އަފާޒު ސުވާލުތައް ތަކުރާރު ކޮށްލި އެވެ.

އަފާޒުގެ އެއްވެސް ސުވާލަކަށް ޔުނާލް ޖަވާބެއް ނުދެއެވެ. އޭނާ ހުރީ އަފާޒަށް ބަލާށެވެ. އަފާޒަށް ބަލައިލެވުނީ ޔުނާލްގެ މޫނަށެވެ. މަގުބައްތީގެ ރަތް އަލިކަމުގެ ތެރެއިން ވެސް ޔުނާލްގެ ދެ ލޯ ފެނުނެވެ. ފެންކަޅިވެފައިވާ ޔުނާލު ފެނިފައި އޭނާގެ ހިތަށް ހަމްދަރުދީގެ ރާޅުތައް ބިންދައިލި އެވެ.

"އަހަރެން ވަރަށް ނުކުރާ ކަމެއް މީ! ވަރަށް ކުޑައިރު ދިމާވި ހާދިސާއެއްގެ ސަބަބުން ބައްޕަގެ ދުނިޔޭގައި ބައްޕަ އޮތީ މަނާކޮށްފަ ދަންވަރު ގަޑީ ދިމާވާ މީހުން ސައިކަލު ފަހަތަށް އެރުވުން." ސައިކަލް ސްޓާޓު ކޮށްލަމުން އަފާޒު ބުނެލި އެވެ.
"އެ ކީއްވެ؟" ޔުނާލް އަފާޒުގެ ގައިގައި ޖެހިލަމުން ވައި އަޑުން އަހައިލި އެވެ.
"ނޭނގެ. ދަންވަރު ދެން މީހުން ހާލުގަ ޖެހިގެން މަގުމަތީ ނޫޅޭނެއްނު. އެހެންވެ ކަންނޭނގެ،" އަފާޒު ފާޑަކަށް ހީނލި އެވެ. "ޖިންނިއަކާ ދިމާވެގެން."
"މި އުޅުނީއެއްނު ދޯ!" ޔުނާލުގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލި އެވެ.
"ކޮންތާކަށްތަ ދާންވީ؟" އަފާޒު ކަމެއް ހަނދާންވުމުން އަހައިލި އެވެ.
"ހުޅުމާލެ އަކަށްނު." ޔުނާލު ހިނިތުންވެލި އެވެ. "ބުރިޖު ކައިރީ މިހެން ހުންނާނީ ހުޅުމާލެއަށް ނުދެވިފަ ދޯ."
"ހުޅުމާލޭ ކިހައި ހިސާބަކަށް." އަފާޒު ވެސް ހިނިތުންވެލި އެވެ.
"ކުރިން ބާބެކިޔު ހެދި ސަރަހައްދު ކައިރިއަށް، އެތާ ހުންނާނެ އޮފީސް އެތަނަށް." ވައި އަޑުން ޔުނާލް ވާހަކަ ދެއްކި އެވެ.
"އެ ހިސާބުގަ އޮފީސް ހުރޭތަ؟" އަފާޒު ފުން ނޭވާއެއް ދޫކޮށްލި އެވެ.

އޭރު ސިނަމާލެ ބުރިޖުގެ މެދާ ހަމައަށް ދެވުނީ އެވެ. އަފާޒު ސައިކަލް ބާރު ކޮށްލި އެވެ.

"ވަރަށް ފިނިވޭ އެބަ. ހީކަރުވާން ފަށައިފި." ޔުނާލު މަސްތީ ރާގެއްގައި އަފާޒުގެ ކަންފަތް ބުޑުގައި ބުނެލި އެވެ.
"އާން! ފިނިވައި ޖެހޭތީ. އެހެންވެ އަހަރެން ވެސް ޖެކެޓު ލައިގެން ސައިކަލަށް އެރީ. ޖެކެޓު ދެންތަ؟" އަފާޒު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ނޫން. އޯކޭތަ ކުޑަކޮށް ބައްދާލިޔަސް؟" ޔުނާލު ފުރުސަތުގެ ބޭނުން ހިފި އެވެ.
"އުހުން!" އަފާޒު ވަގުތުން ދެކޮޅު ހެދި އެވެ. "އޯކޭ. ބުރިޖުން ފޭބުނީމަ ދުރުވެލާ."

ޔުނާލުގެ އަތްތިލަ ޖައްސައިލީ އަފާޒުގެ ފަލަމަސްގަނޑުގަ އެވެ. އޭނާ ބާރުބާރަށް އަފާޒުގެ ގައިގައި ބައްދައިލި އެވެ. ޔުނާލުގެ ދެއަތުން އަފާޒުގެ މޭގައި ބާރަށް ހިފައިލި އެވެ. އަފާޒަށް ކުރެވުނީ އާދަޔާ ޚިލާފު އިހުސާސެކެވެ. އޭނާ މަޑުމަޑުން ދެ ލޯ މަރައިލެވުނެވެ. ސައިކަލުގެ މުއްގަނޑަށް ބާރަށް އަނބުރައިލެވުނެވެ.

އަފާޒަށް ލޯ ހުޅުވާލެވުނެވެ. ހަނދާނަށް އައީ ޔުނާލާއެކު އޭނާގެ އޮފީހަށް ވަދެވުނު ކަމެވެ. ފެން ތައްޓެއް ބުއި ހަނދާނެވެ. ފަނޑުގޮތަކަށް ހަނދާނަށް އައީ އެނދުގައި އޮށޯވެ އޮވެވުނު ހަނދާނެވެ. ވަރުބަލިވެ މާނޭވާލެވުނު ހަނދާނެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ބަޔަކު ވާހަކަދެއްކި ކަމެވެ. މޫނަށް ހުދު އައްޔެއް އެޅުނު ކަމެވެ. އޭނާ ވަރަށް ވިސްނައިފި އެވެ. ޔުނާލު ފެނޭތޯ އޭނާ ދިޔަ މަގަށް ބެލުނެވެ. ޔުނާލު ވެސް ފެންނާކަށް ނެތެވެ.

"ކޮންތާކަށްތަ އެ ދިޔައީ؟" އަފާޒު ހިތައިހިތާ ކިޔައިލި އެވެ.

އަނެއްކާ ވެސް ފޯނު ރަނގަބީލުވާން ފެށިއެވެ. މަޑުމަޑުން އަފާޒު ފޯނަށް ބަލައިލި އެވެ. ފޯނުގެ ސުކުރީނުގައި އޮތް ނަން ކިޔައިލި އެވެ.

"ޔުނާލް."
"ކެހިވެރިޔާ! މަކަރުވެރިޔާ! ފުރުސަތުގެ ބޭނުން ހިފީ. އަހަންނަށް ތިހެން ނުހަދާ މަރައިލި ނަމަ. ނޫނީ އެމީހުން އައިސް އަހަރެން މަރައިލަން ދޫކޮށްލި ނަމަ. އަހަރެން ދުވަހަކު ވެސް ދުވަހަކު ވެސް ކަލޭއަށް މާފެއް ނުކުރާނަން." ޔުނާލުގެ ޅަ އަޑު އަފާޒުގެ ކަންފަތުގައި ޖެހުނެވެ.

"އަހަރެން ކުރީ ކީއް؟" އަފާޒު ލަސްލަހުން ބުނެލި އެވެ. "ތިހާ ބޮޑު އިލްޒާމެއް ތި އަޅުވަނީ ކޮން ކުށެއް ކޮށްގެން؟"
"ނުކުރޭ! އެއްވެސް ކަމެއް ނުކުރޭ. އާން ރޭ ހަތަރު ދަމު އޮތީ ސަޖިދައިގަ." ޔުނާލު ރުޅިވެރިކަން އިތުރުވި އެވެ.
"ޔުނާލް؟ ހަމަޖެހިބަލަ. ވީގޮތެއް ކިޔައިދީބަލަ އަހަންނަށް އެއްވެސް ކަމެއް ހަނދާނެއް ނުވޭ. ކޮންމެ ކަމެއް ވެސް ހަނދާން މިވަނީ އެކަމާ ގުޅޭ ކަމެއް ދިމާވުމުން. ޔުނާލް މަތިން ވެސް މި ހަނދާންވީ ދެންމެ ޔުނާލު މިހެން ދިޔައީމަ. ކޮންތާކަށްތަ ތި ދިޔައީ؟ އަހަންނަށް ކީއްތަވީ؟ ކޮން ކަމެއްތަ ކުރެވުނީ؟ ބުނެދީބަލަ އާދޭސްކޮށް ބުނަން." އަފާޒު ލޮލުން ކަރުނަ ހިލުނެވެ.
"ނަސީބެއްނު ކަލޭއަށް ކަންކަން ހަނދާން ނެތްކަން. ނަސީބެއްނު ކަލޭއަށް މަގޭ ނަން ވެސް ހަނދާން ވިކަން،" ޔުނާލު ރޯން ފެށިއެވެ. "ނަސީބެއް އިއްބެމެން ކަލޭ ކޮށައި ނުލިކަން."

ޔުނާލު ރޯންފެށިއެވެ. ގިސްލަ ގިސްލާފައެވެ. ބާރުބާރަށެވެ.

"އަހަރެން ކުރި އާދޭހަށް އިއްބެމެން ކަލޭއަށް ބޮޑު އަނިޔާއެއް ނުދިނީ. އެހެން ނޫން ނަމަ ކަލޭ ކޮށައިލަން ވެސް އެމީހުން ނުބަލާނެ." ޔުނާލު ނޭފަތް އެތެރެއަށް ދަމައިލި އެވެ.
"އެ ކޮން މަލެއްތަ؟ މި ކޮން ކަންތައް ގަނޑެއްތަ؟"
"އަހަންނަށް މާފުކުރާތި! މީ އަހަރެންގެ ވަޒީފާ. އެއްތަނު އަނެއްތަނަށް އެ ތަކެތި ގެންގޮސްދިނުން. ހުދު ކުލައިގެން މާ ބޮނޑިއެއްގެ ގޮތުގައި ފެނުނަސް އޭގެ ފަހަތުގައި ފޮރުވިފައި ވަނީ އެހެން އެއްޗެއް. ބުނެވެން އޮތީ މިވަރަށް. ދެން އަމިއްލައަށް ހޯދާ." ޔުނާލު ބާރުބާރަށް ހޭންފެށި އެވެ.
"ކީކޭ؟"
"އާނ! އަފާގެ ނޭފަތަށް އަހަރެން އޭގެ ވަސް އަރުވައިލިން، އަފާގެ ހޭ ބުއްދި ފިލައި ދިޔައީ. މައްސަލައަކީ.." ޔުނާލު ހުއްޓައިލި އެވެ.
"މައްސަލައަކީ؟" އަފާޒަށް ބުނެލެވުނެވެ.
"އަހަންނަށް ވެސް އަފާއަށް މަރުހަބާ ކިޔުން. މާފަހުން ހަނދާނަށް އައީ މާބޮނޑި މަތިން. އެޔަށް އިއްބެމެން އިންތިޒާރު ކުރާނެކަން. އެ ނުލިބިއްޖެ ނަމަ އެމީހުން މޮޔަވާނެކަން. އޭރު އިއްބެމެން އައިސް އަހަރުމެން ކޮޓަރިއަށް ވަންނަނީ. އަހަރެން ވަރަށް، ވަރަށް އާދޭސް ކުރީމަ އަފާއަށް ބޮޑު އަނިޔާއެއް ނުދިނީ. އެމީހުން އަފާއާ ގެނެސް މިތާ ހޭރި ގަނޑަށް އެއްލައިލީ. އަހަރެން ސަލާމަތްވީމަ މިދިޔައީ އަފާ އޮތް ގޮތެއް ބަލައިލަން." ޔުނާލުގެ އަޑު ފަނޑުވިއެވެ. "ދެން އަހަރެން ހޯދަން ނޫޅޭތި؟ މި އަފާގެ ހަޔާތަށް ނާންނަ ރެޔެކަމަށް ނިންމާ. މި ހަނދާންތައް ނައްތައިލާ."
"އަހަންނަށް އެމީހުން ކީއްކުރީ؟ އަހަރެންގެ ހަނދާންތަކަށް މިހެން މިވީ ކީއްވެ؟" އަފާޒު ހިތްހަމަ ނުޖެހިފައި ބުނެލި އެވެ.
"ގެއަށް ގޮސް ނިދައިލާ. ނިދައިލީމަ ހުރިހާ ހަނދާންތަކެއް އަންނާނެ، މާ ބޮޑަށް ހާސް ނުވޭ. އަފާގެ ފަޔަށް އަނިޔާވީ އިއްބެމެންގެ ސަބަބުން." ޔުނާލު ލުއި ގޮތަކަށް ބުނެލި އެވެ.
"އަހަރެންތަ މަކަރުވެރި އަކީ؟ އަހަރެންތަ އޮޅުވާލީ؟ އަހަންނަށް މިހެން ހެދީ ކީއްވެ؟ ކީއްވެ؟" އަފާޒު ހިތްހަމަ ނުޖެހުނެވެ.
"ޖަވާބު ވަރަށް ސިންޕަލް،" ޔުނާލު ހޭންފެށި އެވެ. "ހަސަދަ. މަސްރާގެ ދިރިއުޅުން ކާމިޔާބުވެފަ އަހަންނަށް ދިރިއުޅުމެއް ނުލިބުނީތީ. މަސްރާ އެއީ އަހަރެންގެ ކުލާސްމޭޓެއް. އޭރުވެސް މަސްރާ އަހަންނަށްވުރެ ހުރިހާ ކަމެއްގައި ކުރި ހޯދާ. އެހެންވެ އަހަރެން ހަސަދަވެރިވީ. މަސްރާގެ ކާމިޔާބީގެ ރަހަ ބަލައިލާ ހިތްވީ. އަފާ ކަހަލަ މީހަކު އަތުއަޅުވާލެވޭތޯ ބަލައިލީ. ތި ޓޭސްޓު ވަރަށް ކަމުދޭ. ވަރަށް ހިތްގައިމު."
"އިބިލީސް. ކަލޭއަކީ އިބިލީހަށް ވުރެ ނުލަފާ ޖަނަވާރެއް." އަފާޒުގެ ދަތްކުނޑި ވިކައިގަތެވެ.
"އަފާގެ ބައްޕަ ބުނީ ތެދުވާހަކައެއް. ދަންވަރު ގަޑީ މީހުން ތިބޭނީ ނިދައިފަ. ރަށު ތެރޭގައި އުޅޭނީ އިބިލީހުން. އިފުރީތުން. އަހަންނަކީ ވެސް އެކަހަލަ މީހެއް،" ޔުނާލު ހޭން ފެށި އެވެ. "ދެން މި ނުވާ ކަމަކަށް ހަދާ. އެހެން ނޫނީ އަފާ އުޅެން ޖެހޭނީ މި ހަނދާންތަކުން ނުނުކުމެވިގެން. އަހަންނަކީ މިހެން އުޅެން އާދަވެފައި ހުރި މީހެއް. އަހަންނަށް އަފާ ކަހަލަ އެތައް..."

އަފާޒު ފޯނު ކަނޑައިލިއެވެ. އޭނާ ބޮލުގައި އަތްއެޅި އެވެ. ބާރުބާރަށް ހަޅޭއްލަވާގަތެވެ. ބިންމަތީގައި އަތުން ތަޅަމުން ރޮމުން ގިސްލަމުން ދިޔަ އެވެ. އިރުގަނޑެއް ފަހުން އޭނާ ހަމައަކަށް އެޅުނެވެ. މަޑުމަޑުން ކޮޅަށް ތެދުވެލަމުން ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ސައިކަލު ކައިރިއަށް ހުއްޓިލަމުން އޭނާ ބަލައިލީ މަގުގެ އަނެއް ކޮޅަށެވެ. ޔުނާލު ދިޔަ ގެއާ ދިމާއަށެވެ.

"ތިމާގެ ހިތުން އެއީ ހެޔޮކަމެއް ކަމަށް ގަބޫލުކޮށް ކަމެއް ކުރަން ވިސްނިޔަސް، ވަގުތާއި ހާލަތަށް ބަލަންވާނެ. އެހެންނޫނީ، އެއީ ކިތަންމެ ހެޔޮ ޢަމަލެއް ކަމަށް ތިމާއަށް ޤަބޫލުކުރެވުނަސް، އެކަމުން ގޯހެއް ވުމުގެ ފުރުޞަތު އޮވެދާނެ." އަފާޒު މަޑުމަޑުން ބުނެލިއެވެ. "ތެދު މަގުން ހިނގާ މީހުންގެ ހަޔާތަށް ވިހަ ލާނެ ކިތައްމެ އިބިލީހެއް ތިމާގެ ވަށައިގެން އުޅޭނެ. އެކަމަށް ވިސްނަން ޖެހޭ ވަރު މިހާރު އިތުރު ވެއްޖެ. ހަސަދައިގެ އަނގުރު އަންދާނެ އިބިލީހެއް ފެނުނަސް ނޭނގޭނެ އެއީ އިބިލީހެއް ކަމެއް ވެސް. އަހަންނަށް ވެސް މި ކުރެވުނީ އެ ތަޖުރިބާ."

އޭނާ ސައިކަލަށް އަރާ ދުއްވާލި އެވެ. (ނިމުނީ)