ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއަކީ މުސްލިމުންނާ ދެކޮޅު ގައުމެއް ނޫން: ރާއްޖެ

May 22, 2020
12

މުސްލިމް ގައުމުތަކުގެ ބައްދަލުވުމެއްގައި ދިވެހި ރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވެ ވާކާލާތު ކޮށްފި ކަމަށް ބުނެ އިންޑިއާގެ މީޑިއާއިން ވަރަށް ބޮޑު ހަބަރެއްގެ ގޮތުގައި އެކަން ފާހަކޮށް ރިޕޯޓް ކޮށްފި އެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުން އދ. އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު، މުނިތް އަކްރަމް ވަނީ އިންޑިއާއިން އިސްލާމްދީނާއި ދެކޮޅަށް ހަރަކާތްތައް ޕްރޮމޯޓް ކުރާ ކަމަށް ތުހުމަތުތައް ކުރައްވާފަ އެވެ.

ނަމަވެސް އިންޑިއާގެ މީޑިއާގައި ނޫސްތަކުން ކޮށްފައިވާ ރިޕޯޓްތަކުގައި މައިގަނޑު ވާހަކައެއްގެ ގޮތުގައި ބުނެފައި ވަނީ ޕާކިސްތާނުން އެހެން ބުނުމާއެކު ރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވި ކަމަށާއި އިންޑިއާއަކީ މުޅި ދުނިޔެއިން ވެސް ޑިމޮކްރަސީއަށް އެންމެ ލޯބި ކުރާ ގައުމު ކަމަށާއި އަދު އިންޑިއާއަކީ 200 މިލިއަން މުސްލިމުން ދިރިއުޅެމުން އަންނަ ތަނެއް ކަމަށް ރާއްޖޭއިން ބުނި ކަމަށެވެ.

އަދި އިސްލާމްދީނާއި ދެކޮޅަށް އިންޑިއާއިން ހަރަކާތްތައް ޕްރޮމޯޓް ކުރާ ކަމަށް ބުނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ދިވެހިން ރާއްޖެއިން ދެކޭ ކަމަށް ބުނި ކަމަށް ވެސް ރިޕޯޓްތަކުގައި ވެއެވެ. މީގެ އިތުރުނއ އެފަދަ ތުހުމަތުތަކެއް އިންޑިއާއަށް ކުރާނަމަ ދެކުނު އޭޝިއާގައި ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ރާއްޖެއިން ބުނެފައިވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ.

ވޭތުވެދިޔަ ތަނުގައި އިންޑިއާއިން އިސްލާމީ ގައުމުތަކާއި މެދު ގާތްގުޅުމެއް ބާއްވާފައިވާ ކަމަށާއި އެކަން ރާއްޖެއިން ވަނީ އުފަލާއެކު ފާހަގަ ކުރާ ކަމަށާއި ސައުދީ އަރަބިޔާ އާއި ޔޫއޭއީ އާއި އަފްޣާނިސްތާނާއި ފަލަސްތީނާއި މޮރިޝަސްއާ އިންޑިއާ ވަރައި ގާތް ކަމަށް ވެސް ރާއްޖެއިން ބުނެފައި ވެއެވެ. އަދި ގާތްގުޅުންތަކުގެ ސަބަބުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އެ ގައުމުތަކުގެ އެންމެ މަތީ ޝަރަފުގެ އެވޯޑު ދީފައި ކަމަށް ރާއްޖެއިން ވަނީ ފާހަގަކުރި އެވެ. -- ރާއްޖެއިން ވެސް ވަނީ ނަރެންދުރެ މޯދީއަށް ރާއްޖެއިން ދޭ އެންމެ މަތީ އިއްޒަތުގެ ދެވަނަ އިއްޒަތް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފަ އެވެ.

އިންޑިއާގެ ދިފާއުގައި ރާއްޖެއިން ވާހަކަ ދެއްކިއިރު ރާއްޖެއިން އެންމެ ކައިރި ގާތް ގުޅުމެއް މި ސަރުކާރާއެކު އޮންނަ ގައުމަކީ ވެސް އިންޑިއާ އެވެ.