ހަބަރު

ރާއްޖެ ރޮހިންޔާއާއެކު ތެދުވުމުން އޯއައިސީގެ ތައުރީފު

Mar 11, 2020
1

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާގެ މުސްލިމުން ހިމާޔަތްކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިހަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދުއްހުލުވާން ނިންމިނިންމުމަށް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)އިން މަރުހަބާ ކިޔައިފި އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް، މިމައްސަލަ އދ.ގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ. އަދި މިމައްސަލައިގައި ގެމްބިއާއާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ހުށަހަޅާނެކަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖެނީވާގައި ކުރިއަށްދިޔަ ސެކްރެޓަރީ ޖެނެރަލްސް އޯރަލް އަޕްޑޭޓްސްގައި ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި އދ.އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޝްވަރާގައި އޯއައިސީގެ ފަރާތުން ރާއްޖެއަށް މަރުހަބާ ކިޔާފައިވަނީ ޕާކިސްތާނުން އިއްވި ސްޓޭޓްމަންޓްގަ އެވެ.

މިއީ ރާއްޖޭގެ ނިންމުމަކަށް އޯއައިސީ އިން މަރުހަބާ ކީ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ނިންމުމަށް، އޯއައިސީގެ ފަރާތުން މަރުހަބާ ކިޔަމުން ޕާކިސްތާނުން ބުނީ މިއީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތަކީ މިވަގުތު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޯއައިސީއިން ދެކެ އެވެ. އަދި 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ކުރެވޭ ކަންކަން ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް ހެދުމަށް ފާސްކުރެވުނެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރީ ދަ ގެމްބިއާ އާއެވެ.

އަދި 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އޯއައިސީ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި، ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަށް މެމްބަރު ހުރިހާ ގައުމަކުން އެއްބަސްވިއެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ސައޫދީ އަރަބިއްޔާގެ މައްކާގައި ބޭއްވި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދީ، ހައްގުތަކަށް އަރައިގަތް މީހުންނަށް އަދަބު ދިނުމަށް ބައިނަލްއަގުވާމީ ކޯޓަށް އޯއައިސީގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދަ ގެމްބިއާ އަށް ދިނެވެ.

މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލު ވަކީލެއްކަމަށްވާ އާމާލް ކްލޫނީ އެވެ. -- އޭނާގެ ފީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ އެ މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތް ކުރައްވާ ވަގުތުގެ ކޮންމެ ގަޑިއިރަކަށް 30،000.00 ރުފިޔާ ފީއެއް ދޭކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

މި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު" ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެ ގައުމަށް އަމުރު ކޮށްފަ އެވެ. އަދި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ ޕެނަލުން ވަނީ ނިންމާފަ އެވެ.

ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ ހަ މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެ އެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުގައި ރާއްޖޭން ތެދުވެފައިވާއިރު، އިންޑިއާގެ މުސްލިމުންނަށް ކުރިމަތިވަމުންދާ ބިރުވެރި ހާލަތާމެދު ދިވެހި ސަރުކާރުން ބަހެއް ނުބުނާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރާ ދެކޮޅަށް އޯއައިސީން ނިންމާފައިވާ ނިންމުމަށް ރާއްޖެއަށް ތާއީދުކުރެވެންނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެ، އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

"ރާއްޖެއަކަށް ނެތް އޯއިއިސީގެ ނިންމުމަށް ތާއީދުކުރެވޭކަށް. އޯއައިސީގެ މަދު ގައުމެއްގައި ޑިމޮކްޜަސީއެއް އޮތޯ. އެހެންވީމާ، ޑިމޮކްރަސީއެއް އޮތް އިންޑިއާ ފަދަ ގައުމެއްގެ އިންސާނީ ހައްގުތަކާބެހޭ ގޮތުން އޯއައިސީން އެއްޗެއް ބުނެވޭނެކަމަކަށް ގަބޫލެއް ނުކުރެވޭ،" ނަޝީދު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވެ އެވެ.